އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މޫސުން ވަރަށް ބޮޑަށް ގޯސްވެ، ސްނޯ ފައިބަމުންދާތީ ނުކުޅެވޭނެ ކަމަށް ހީވެފައި އޮތް މެޗުގައި ރޭ ޔުނައިޓެޑުން ލިވަޕޫލާ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ. މާސީ ސައިޑަށް ވެހެންމުންދިޔަ ސްނޯ ތެރޭގައި ޔުނައިޓެޑުން ހޯދި ޕޮއިންޓަކީ އެޓީމަށް މުހިއްމު ޕޮއިންޓެކެވެ.
ރޭގެ މެޗުގެ ކުރީން އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް ޔުނައިޓެޑް ބަލިވެފައި އޮތް އިރު، އެޓީމުން ރޭ ނުކުތީ 1979 ވަނަ އަހަރަށްފަހު ޖެހިޖެހިގެން ހަތަރު ބަލިން ސަލާމަތްވާށެވެ. އެކަން ކުރަން ޔުނައިޓެޑުން ބޭނުންވެފައިވާކަން އެޓީމުގެ ފަރާތުންވެސް ފެނުނެވެ.
ލިވަޕޫލްގެ އެޓޭކް ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް، ޔުނައިޓެޑުން ފުރަތަމަ ހާފުގައި ރަނގަޅަށް އެކަން ކުރިއެވެ. މެދުތެރެއިން ކޯބީ މައިނޫއާއި މެނުއަލް އުގާޓޭގެ އިތުރުން ބްރޫނޯ ފެނާންޑެޒް ރަނގަޅަށް ކުޅެފައިވާއިރު، ދެވަނަ ހާފު ފެށިތަނުން ލީޑު ނެގީވެސް އެޓީމުންނެވެ.
މެޗުގެ 52 ވަނަ މިނެޓުގައި ލިސާންޑްރޯ މާޓިނޭޒްގެ ބާރު އެޓޭކަކުން ޔުނައިޓެޑް ލީޑު ނެގި އިރު، އޭގެ ހަތް މިނެޓްފަހުން ލިވަޕޫލް މެޗު އެއްވަރުކުރިއެވެ. އެއީވެސް ހިތްގައިމު ގޯލެކެވެ. ގޯލު ޖަހައިދިނީ ކޯޑީ ގަކްޕޯއެވެ.
ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ނެގީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިއާ ތެރެއިން މެތިއަން ޑެ ލިޓް އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރްގެ އެހީގައެވެ. ޕެނަލްޓީ ކާމިޔާބުކޮށް ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މުހައްމަދު ސަލާހެވެ. އެއީ ސަލާހް ލީގުގައި ޖެހި 175 ވަނަ ގޯލެވެ. އޭނާ މިހާރު ވަނީ ތިއަރީ އޮންރީއާ އެއް އަދަދަކަށް ގޯލު ޖަހައިފައެވެ.
މެޗުން ބަލިވާން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ އަމަޑް ޑިއާލޯ 80 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. އެ ގޯލާއެކު ޔުނަައިޓެޑުން މެޗުން މޮޅުވާން ހުސް ފުރުސަތެއް ލިބި، ހެރީ މެގުއާ އަތުން ވަނީ ފުރުސަތު ބޭކާރުވެފައެވެ.
ލިވަޕޫލް މިވަގުތު އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއްގައި އޮތީ 19 މެޗުން 46 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އާސެނަލަށް 20 މެޗުން 40 ޕޮއިންޓް ލިބިފައިވާ އިރު، ޔުނައިޓެޑް އަދިވެސް އޮތީ 13 ވަނައިގައެވެ. އެއީ 20 މެޗުން 23 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު