މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މާ ބޮޑަށް ހާސްވެ، ބިރުގަތުން ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ އަމޯރިމް ހަވާލުވިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް، އެ ކްލަބުގެ ދަށް ފޯމަށް އަދި ބަދަލެއް އައިސްފައެއް ނުވެއެވެ. އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާ އިރު، ލީގުގައިވެސް ފުލުފުލުގައި ވަނީ ތިން ބަލިވެފައެވެ.

އަމޯރިމްއާއެކު މިހާތަނަށް ލީގުގައި ޔުނައިޓެޑަށް ހޯދިފައިވަނީ އެންމެ ދެ މޮޅެވެ. އެ ނަތީޖާތަކާއެކު އެޓީމު ރެލިގޭޝަން ޒޯނަށް ނުގޮސް އޮތީ އެންމެ ހަތް ޕޮއިންޓްގެ ފަރަގެއްގައެވެ. އެ ހާލަތުގައި އޮވެ، އެއްވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށް މިރޭ ނުކުންނާނީ އުނދަގޫ މެޗަކަށެވެ.

"އަހަރެން މޫނަށް ބަލައިލީމަވެސް އެނގޭނެ. އައިއިރު ހުރި ގޮތާ، މިހާރު ހުރި ގޮތާ ތަފާތުކަން. އަހަންނަށް ޔަގީނުންވެސް ޕްރެޝަރު ބޮޑު. އެ ޕްރެޝަރު ވަނީ ކުޅުން ދަށްކަމުން. އަދި ނަމަށްވެސް ލިބޭ ގެއްލުމާއެކު. ކުޅުންތެރިން އާއްމުކޮށް ފެންނަނީ ވަރަށް ބިރުން، ޖެހިލުންވެފައި ދަނޑުމަތީގައި ތިބޭތަން. ބިރުން ތިބޭހެންވެސް ހީވޭ،" އަމޯރިމް ބުންޏެވެ.

އަމޯރިމް އިތުރަށް ބުނީ ހާލަތު ރަނގަޅުކުރަން ކުޅުންތެރިން މަސައްކަތްކުރާކަން އޭނާ ގަބޫލުކުރާ ކަމަށާއި، މިވަގުތު ޓީމަށް އެންމެ ބޭނުންވަނީ ލީޑާޝިޕް ރަނގަޅު ކުޅުންތެރިން އިސް ސަފަށް ނުކުތުން ކަމަށެވެ. އެ ކުޅުންތެރިންގެ ލީޑާޝިޕާއެކު ޔުނައިޓެޑަށް މި ސީޒަނުގައިވެސް ހާލަތު އަނބުރާލެވިދާނެ ކަމަށް އަމޯރިމް ބުންޏެވެ.

ޔުނައިޓެޑާއި ލިވަޕޫލް، އެންފީލްޑްގައި ކުޅެން އޮތް މެޗު ފަސްކުރަން ޖެހިދާނެ ކަމަށް އޮތީ ބެލެވިފައެވެ. އެއީ ލިވަޕޫލަށް ބޯކޮށް ސްނޯ ފައިބާތީއެވެ. އެހެންނަމަވެސް ސަލާމަތީ ކަންތައްތަކާ ބެހޭ ހާއްސަ ކޮމިޓީގެ ބައްދަލުވުމަކަށްފަހު ނިންމާފައިވަނީ އެ ހާލަތުގައިވެސް މެޗު ކުރިއަށް ގެންދާށެވެ.