ލ. ގަމު ޓީމުގައި މިފަހަރު ޒުވާން ކުޅުންތެރިން ގިނަ ކަމަށާއި އެ ކުޅުންތެރިން ބޭނުންކުރަން ޖެހިފައިވާ ހާލަތެއްގައި ޓީމު އޮތުމާއެކު ވެސް ޓާގެޓް ހާސިލްވާނެކަމުގެ ޔަގީންކަން ބޮޑު ކަމަށް ކޯޗު އިސްމާއިލް ޝަރީފް (އިއްސެ) ބުނެފިއެވެ.
ލ. ގަމުން 2023 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށް، މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވާ އިރު، އެޓީމަށް އެ ދެ މުބާރާތުގައި ވެސް މުހިއްމު ކުޅުމެއް ދެއްކި ސީނިޔާ ދެ ކުޅުންތެރިން ކަމަށްވާ ހުސައިން ޝަރީފް (އޮންލީ) އާއި އަލީ ސާމިސް (ތޮއްޕެ) ވެސް މިވަގުތު ތިބީ އަނިޔާގައެވެ.
ތޮއްޕެ މިފަހަރު މުބާރާތުގެ ވަކި ހިސާބަކުން ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް، ކަކުލުގެ އޮޕަރޭޝަނަކުން ރިކަވާވަމުން އަންނަ އޮންލީ މުބާރާތް ނުކުޅެން ވަނީ ނިންމައިފައެވެ. އޮންލީ މިފަހަރު ފެނިގެންދާނީ ދ. ކުޑަހުވަދޫ ޓީމުގެ ކޯޗުގެ މަގާމުގައެވެ.
އެ ކުޅުންތެރިންނާ ނުލައި، ރޭ ބ. އޭދަފުށި ކައިރިން 1-0 އިން މޮޅުވެ، ގަމުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެރިޓީ ޝީލްޑް މެޗު ކާމިޔާބު ކުރުމާ އެކު ކޯޗު އިއްސެ "ވަން ސްޕޯޓްސް" އަށް ބުނީ މޮޅަކާ އެކު ފެށުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ވަރަށް ރަނގަޅު ފެށުމެއް މިއީ. މުބާރާތެއްގައި ލިބޭނެ އެންމެ ރަނގަޅު ފެށުން މި ލިބުނީ. އަނެއްކޮޅުން މިދިޔަ އަހަރު ފައިނަލްގައި ކުޅެ، އެޓީމު ކައިރިން ބަލިވެފައި އޮތް ޓީމެއް ކައިރިން ކުޅެ، މި މޮޅުވެވުނީ. އެހެންވީމަ މިއީ ރަނގަޅު ފެށުމެއް،" އިއްސެ ބުންޏެވެ.
އިއްސެ ބުނީ ބައެއް ވަގުތުތަކުގައި ޓެކްޓިކަލް ޑިސިޕްލިން ނުހިފެހެއްޓި ދިޔަ ނަމަވެސް، ޖުމުލަކޮށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ގަމު ޓީމުގެ މަސައްކަތު ރޭޓް އަބަދު ވެސް ތަފާތުވާނެ ކަމަށާއި މިހާރު ތިބި ޒުވާން ކުޅުންތެރިންނާ އެކު ޓާގެޓަށް ވާސިލުވާނެކަމުގެ އުންމީދު ބޮޑު ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.
"ޖުމުލަކޮށް ހިތްހަމަ ޖެހޭ. ބައެއް ވަގުތުތައް ދިޔަ، ޕްރެޝަރުވެގެން ޓެކްޓިކަލީ އެޕްލައި ކުރަން ބޭނުންވި ކަންތައްތައް އަތްދަށުން ކައްސާލައިގެން. އެހެންވިޔަސް އަނެއްހެން ކޮންޓްރޯލްގައި މުޅި މެޗު މި ކުޅެވުނީ. މުބާރާތުގައި ކުރިއަށް ދާން ވިސްނާއިރު، ގަމަކީ އަބަދުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރާ ޓީމެއް. މިފަހަރު މިއޮތް ޒުވާން ކުޅުންތެރިންގެ ޓީމާއެކުވެސް ޓާގެޓް ހާސިލްވާނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް،" އިއްސެ ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް