އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ވެސްޓް ހަމް ބަލިކުރި އިރު، އާސެނަލާއި ޗެލްސީން ކުޅުނު މެޗުތަކުންވެސް އެއްވަރުވެއްޖެއެވެ.
ސިޓީއަށް މިދިޔަ ދެ މަހެއްހާ ދުވަސް އުނދަގޫކޮށް ދިޔަ ނަމަވެސް، ރޭ ހޯދި މޮޅާއެކު އެޓީމުން ވަނީ އޮކްޓޯބަރު މަހަށްފަހު ލީގުގައި ޖެހިޖެހިގެން ދެވަނަ މޮޅެއް ހޯދައިފައެވެ. ރޭ ސިޓީން 4-1 އިން ވެސްޓް ހަމް ބަލިކޮށް، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. އެއީ 20 މެޗުން 34 ޕޮއިންޓާއެކުގައެވެ.
ސިޓީ އަދިވެސް އޮތީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށްވުރެ 11 ޕޮއިންޓް ފަހަތުގައެވެ. އެހެން ނަމަވެސް ފަސްވަނައިގައި އޮތް ނިއުކާސަލްއާ އެޓީމު އޮތީ އެއް ޕޮއިންޓްގެ ފަރަގެކެވެ.
ރޭ ޗެލްސީން ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސްއާ 1-1 އިން އެއްވަރުވި އިރު، އާސެނަލް ރަށުން ބޭރުގައި ބްރައިޓަންއާ އެއްވަރުވީވެސް 1-1 އިންނެވެ. އާސެނަލް ތާވަލުގެ ދެވަނައިގައި 20 މެޗުން 40 ޕޮއިންޓާއެކު އޮތް އިރު، ޗެލްސީ ހަތަރު ވަނައިގައި އޮތީ 20 މެޗުން 36 ޕޮއިންޓާއެކުގައެވެ.
ސިޓީން ރޭ ކުޅުނު މެޗުގައި އާލިން ހާލަންޑް ދެ ގޯލު ޖަހާފައިވާ އިރު، އެޓީމުގެ ފުރަތަމަ ގޯލަކީ 10 ވަނަ މިނެޓުގައި ވްލަޑިވިމިއާ ސޫފަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެއީ ރޭ މޮޅަށް ކުޅުނު ސަވީނިއޯގެ ހުރަހަކުން އޭނާ ގައިގައި ޖެހި ވަން ގޯލެކެވެ. ހާފު ނިމުމުގެ ކުރިން ހާލަންޑް ސިޓީގެ ލީޑު ފުޅާކުރި އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ސިޓީން ދެ ގޯލު ޖެހިއެވެ. އެއީ ހާލަންޑް ޖެހި އިތުރު ގޯލެއްގެ އިތުރުން ފިލް ފޮޑެން ޖެހި ގޯލެކެވެ.
ރޭގެ މެޗުގައި ވެސްޓް ހަމްގެ ގޯލު ޖަހައިދިނީ ނިކޮލަސް ފުލްކްރަގެވެ.
ޗެލްސީން ރޭގެ މެޗަށް ނުކުތް އިރު، އެންމެފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް އޮތީ މޮޅެއް ނުހޯދިއެވެ. އޭގެ ތެރެއިން އެންމެފަހުން ކުޅެފައި އޮތް ދެމެޗުން ބަލިވެފައި އޮވެ ރޭގެ މެޗަށް ނުކުތް އިރު، އެޓީމަށް ޕެލެސް ކައިރިން މެޗު ގެއްލުނީވެސް ފަހު ވަގުތުއެވެ.
ކުރީކޮޅުގައި ކޯލް ޕާމާގެ ގޯލަކުން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް، މެޗުގެ 82 ވަނަ މިނެޓުގައި ޕެލެސްއަށް އެއްވަރުކޮށްދިނީ ޖޯން-ފިލިޕް މަޓޭޓާއެވެ.
އާސެނަލަށްވެސް މާޔޫސީ ރެޔަކަށް ރޭ މެޗު ވެގެން ގޮސްފައިވާ އިރު، އެޓީމަށް ލީޑު ނަގައިދިނީ އީތަން އެންވަނޭރީއެވެ. އެ ލީޑާއެކު ފުރަތަމަ ހާފު ނިންމާލި އާސެނަލް ކޮޅަށް މެޗުގެ 61 ވަނަ މިނެޓުގައި ބްރައިޓަންގެ ގޯލު ޖެހީ ޖާއޯ ޕެޑްރޯއެވެ. އެއީ ޕެނަލްޓީއަކުންނެވެ.
އެއީ ޕެޑްރޯއަށް ވިލިއަމް ސަލީބާ ފައުލް ކުރި ކަމަށް ބުނެ ރެފްރީ ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީއަށް އާސެނަލް ކުޅުންތެރިންނާއި ކޯޗު އާޓެޓާ ވަރަށް ބޮޑަށް ޝަކުވާކުރިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު