އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި 5-0 ގެ ނަތީޖާއަކުން ވެސްޓް ހަމް ބަލިކޮށްފިއެވެ.

ލިވަޕޫލުން ރޭ ރަށުން ބޭރުގައި ހޯދި ތަފާތު ބޮޑު މޮޅާއެކު އެޓީމަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 8 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެއީ މިހާތަނަށް ކުޅުނު 18 މެޗުން 45 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ދެވަނައިގައި ލިވަޕޫލާ އެންމެ ގާތުން މިވަގުތު އޮތީ ނޮޓިންހަމް ފޮރެސްޓެވެ. އެޓީމަށް 19 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ.

ތިންވަނައިގައި އޮތް އާސެނަލަށް 18 މެޗުން 36 ޕޮއިންޓް ލިބިފައިވާ އިރު، މިހަފުތާ ކުޅުނު މެޗުގައި ފުލްހަމް ކައިރިން ބަލިވެ ހަތަރު ވަނައަށް ސޮއްސާލައިފައިވާ ޗެލްސީއަށް 18 މެޗުން ލިބިފައި ވަނީ 35 ޕޮއިންޓެވެ.

ރޭ، ވެސްޓް ހަމް ކައިރީގައި ލިވަޕޫލުން މުޅި މެޗު ޑޮމިނޭޓް ކުރިއެވެ. ފުރަތަމަކޮޅުގައި ވެސްޓް ހަމްގެ ނުރައްކާ ކޮންމެވެސް ވަރަކަށް ފެނުނު އިރު، މުހައްމަދު ކުޑޫސްގެ ހަމަލާއެއް ދަނޑިއަށް އަމާޒުވުން ފިޔަވައި ނުރައްކާތެރި އިތުރު ހަމަލާއެއް އެޓީމަކަށް އުފެއްދިފައެއް ނުވެއެވެ.

އެއާ ހިލާފަށް ލިވަޕޫލުން ދިޔައީ ފުރަތަމަ މިނެޓުން ފެށިގެންވެސް ނުރައްކާ ކުރަމުންނެވެ. މުހައްމަދު ސަލާހްގެ ބާރު ދެ ހަމަލާއެއް އެލްފޮންސޯ އަރިއޯލާ މަތަކުރި އިރު، ލިވަޕޫލް ލީޑު ނެގީ ލުއިސް ޑިއާޒްގެ ގޯލުންނެވެ. އޭގެ އިރުކޮޅެއްފަހުން ސަލާހް، ދެ ކުޅުންތެރިން ކައިރިން ނައްޓާލައި ދިން ބޯޅައެއްގައި ކޯޑީ ގަކްޕޯ ލީޑު ފުޅާކުރި އިރު، ހާފު ނިންމާލީ ސަލާހްގެ ގޯލަކާވެސް އެކުގައެވެ.

މި ސީޒަނުގެ ލީގުގައި ކުޅުނު 18 މެޗުގައި ސަލާހް، 17 ގޯލު ޖަހައި 13 އެސިސްޓް ފުރިހަމަ ކޮށްފައިވާ އިރު، އޭނާވަނީ މި ސީޒަނުގެ 8 މެޗެއްގައި ގޯލު ޖަހައި އެސިސްޓް ކޮށްފައެވެ. އެއީ ތާރީހީ ރެކޯޑެކެވެ.

ދެވަނަ ހާފު ފެށިގެން ޓްރެންޓް އެލެކްސެންޑާ-އާނޯލްޑް ޖެހި ހިތްގައިމު ގޯލުން ލިވަޕޫލް ހަތަރުވަނަ ގޯލެއް ޖެހި އިރު، ފަސްވަނަ ގޯލު، 84 ވަނަ މިނެޓުގައި ޖެހީ ޑިއޭގޮ ޖޮޓާއެވެ.