ބޮޑު ހަރަދެއް ކޮށްގެން ގެންގޮސްފައި ހުރި ނަމަވެސް، ނަތީޖާ ނުނެރެވޭ ނަމަ މަގާމުން ވަކިކުރާނެކަން އެނގޭ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.

ސީޒަން ފެށިއިރު ޔުނައިޓެޑާ ހަވާލުވެ ހުރީ މިދިޔަ ދެ ސީޒަނުގައިވެސް އެ ކްލަބަށް އިރުޝާދު ދިން އެރިކް ޓެން ހާގެވެ. މީގެ މަހެއްހާ ދުވަސްކުރިން ޓެން ހާގުގެ ބަދަލަކަށް އެ ކްލަބުން ގެނައީ ކޯޗު އަމޯރިމް އެވެ. އެއީ ސްޕޯޓިން ލިސްބަންއާ ހަވާލުވެ ހުރި ކޯޗެވެ. އޭނާ ގެންދަން ޔުނައިޓެޑުން ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އެއީ ރިލީސް ފީގެ ގޮތުގައި 10 މިލިއަން ޔޫރޯ ދައްކަން ޖެހުމުންނެވެ.

ޔުނައިޓެޑުން އެންމެފަހުން 2-0 އިން ވުލްވްސް ކައިރިން ބަލިވި އިރު، އެޓީމު ކޯޗު އަމޯރިމްއަށް ހަމަޖެހިލަން އަދި ފުރުސަތު ލިބިފައެއް ނުވެއެވެ. އޭނާގެ އިރުޝާދު ދަށުން ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން ޔުނައިޓެޑް ބަލިވެފައިވާ އިރު، އެއީ 1932 ވަނަ އަހަރު ޓީމާ ހަވާލުވެ ހުރި ކޯޗު ވޯލްޓާ ކްރިކްމާއަށްފަހު އެހާ ދަށް ރެކޯޑެއްގައި ފެށި ފުރަތަމަ ކޯޗެވެ. ކްރިކްމާގެ އިރުޝާދުގެ ދަށުން ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން ޔުނައިޓެޑް ބަލިވިއެވެ.

އެ ދަށް ރެކޯޑާއެކު ޔުނައިޓެޑް މިވަގުތު ލީގު ތާވަލުގެ 14 ވަނައިގައި އޮތީ 18 މެޗުން އެންމެ 22 ޕޮއިންޓާއެކުގައެވެ.

"ކޮންމެ ހާލަތެއްގައި އޮތަސް ޔުނައިޓެޑްގެ ކޯޗަކަށް ހަމަޖެހުމެއް ނޯންނާނެކަން އަހަންނަށް އެނގޭ. ޓީމާއެކު އަހަންނަށް ތަމްރީނުތައް ފުރިހަމަ ކުރެވުނީ އެންމެ ހަތަރު ދުވަހު. އެހެންވިޔަސް މޮޅުވާން ޖެހޭ. އެއީ ހަގީގަތަކީ. މޮޅުވެގެން ނޫނީ އަހަންނަށްވެސް މި މަގާމުގައި ނުހުރެވޭނެ. އަހަރެން ވަކިކޮށްފާނެކަން އެނގޭ،" އަމޯރިމް ބުންޏެވެ.

ޔުނައިޓެޑުން ވުލްވްސް ކައިރިން ބަލިވި މެޗަށްފަހު އެ ކްލަބުގެ ސަޕޯޓަރުން ވަނީ ޓީމަށް ނުރުހުން ފާޅުކޮށްފައެވެ. އެހެންކަމުން ކޯޗު އަމޯރިމް ހުރީ ޕްރެޝަރުގައި ކަމަށް ބެލުމަށް ޖާގަ އެބައޮތް ކަމަށް ނޫސްތައް ބުނެއެވެ.