އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި ލެސްޓާ ސިޓީ ބަލިކުރި އިރު، ހާލަތު ގޯސްކޮށް އޮތް މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ވުލްވްސް އަތުން ބަލިވެއްޖެއެވެ.
ޔުނައިޓެޑުން ރޭ 2-0 އިން ވުލްވްސް ކައިރިން ބަލިވި އިރު، އެޓީމު އާކޯޗު ރުބެން އަމޯރިމްއަށް ހަމަޖެހިލަން އަދި ފުރުސަތު ލިބިފައެއް ނުވެއެވެ. އޭނާގެ އިރުޝާދު ދަށުން ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން ޔުނައިޓެޑް ބަލިވެފައިވާ އިރު، އެއީ 1932 ވަނަ އަހަރު ޓީމާ ހަވާލުވެ ހުރި ކޯޗު ވޯލްޓާ ކްރިކްމާއަށްފަހު އެހާ ދަށް ރެކޯޑެއްގައި ފެށި ފުރަތަމަ ކޯޗެވެ. ކްރިކްމާގެ އިރުޝާދުގެ ދަށުން ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން ޔުނައިޓެޑް ބަލިވިއެވެ.
އެ ދަށް ރެކޯޑާއެކު ޔުނައިޓެޑް މިވަގުތު ލީގު ތާވަލުގެ 14 ވަނައިގައި އޮތީ 18 މެޗުން އެންމެ 22 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައި ނުވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކިއެވެ. އެއީ ފެނާންޑޭޒްއަށް މި ސީޒަނުގައި ދެއްކި ތިންވަނަ ރަތް ކާޑެވެ.
އޭގެ 11 މިނެޓްފަހުން ވުލްވްސްއިން ފައިދާ ނަގައި ލީޑު ނެގީ މަތެއަސް ކޫންޏާގެ ކޯނަރަކުންނެވެ. އޭނާ ލީޑު ނަގައިދިނީ ކޯނަރު ސީދާ ގޯލަށް ވައްދާލައިގެންނެވެ. ޔުނައިޓެޑް ކޮޅަށް ވުލްވްސްގެ ދެވަނަ ގޯލު ޖެހީ ވޭންގް ހީ-ޗަންއެވެ. އެއީ ކޫންޏާގެ ޕާހަކުން އޭނާ ޖެހި ގޯލެކެވެ.
ލިވަޕޫލްގެ ފޯމު ދަމަހައްޓައި ރޭ އަމިއްލަ ދަނޑުގައި ލެސްޓާ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލް އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގާފައިވާ އިރު، އެޓީމުން ވަނީ 17 މެޗުން 42 ޕޮއިންޓް ހޯދައިފައެވެ. އެއީ 17 މެޗުން 13 މެޗު ކާމިޔާބުކޮށްގެންނެވެ. ލިވަޕޫލް ލީގުގައި ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.
މެޗުގެ ކުރީކޮޅުގައި ލެސްޓާގެ ޖޯޑަން އަޔޫ ގޯލު ޖަހައި ލީޑު ނެގި އިރު، ލިވަޕޫލުން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. އެޓީމުގެ ގޯލުތައް ދެވަނަ ހާފުގައި ޖަހައިދިނީ ގޯޑީ ގަކްޕޯއާއި ކާޓަސް ޖޯންސް އަދި މުހައްމަދު ސަލާހެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު