އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި އެވަޓަން ކައިރިން އެއްވަރުވި އިރު، ޗެލްސީން ފުލްހަމް އަތްދަށުވެއްޖެއެވެ.

މިދިޔަ ހަތަރު ސީޒަނުގެވެސް ޗެމްޕިއަން ސިޓީ މިވަގުތު ދަށް ހާލަތެއްގައި އޮތް އިރު، އެޓީމުން އެންމެފަހުން ކުޅުނު 13 މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. އެވަޓަން ކައިރިން ރޭ 1-1 އިން ސިޓީ އެއްވަރުވި އިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތްވަނައިގައެވެ. އެއީ 18 މެޗުން 28 ޕޮއިންޓާއެކުގައެވެ. އެއީ އެއްވަނައިގައި އޮތް ލިވަޕޫލާ 11 ޕޮއިންޓް ފަރަގެއްގައެވެ.

ސިޓީން ރަނގަޅަށް މެޗު ފަށައި، ފުރަތަމަ ކޮޅުގައި ނުރައްކާ ކުރިއެވެ. އެގޮތުން ޖޮސްކޯ ގްވާޑިއޯލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޑޮމިނޭޓްކޮށް ފެށި ސިޓީން 14 ވަނަ މިނެޓުގައި ލީޑުވެސް ނެގިއެވެ. ޖެރަމީ ޑޮކޫ ދުއްވާލި ޕާހަކުން އެ ގޯލު ޖެހީ ބަނާޑޯ ސިލްވާއެވެ.

އޭގެ އިރުކޮޅެއްފަހުން ފިލް ފޮޑެންއަށްވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، 36 ވަނަ މިނެޓުގައި އެވަޓަން ނަތީޖާ ހަމަހަމަ ކުރިއެވެ. އިލިމަން އެންޑިއާ ޖެހި ގޯލުން އެވަޓަން ހަމަހަމަ ކުރި އިރު، މެޗުން މޮޅުވާން ސިޓީއަށް ރަނުގެ ފުރުސަތެއް ލިބި ހާލަންޑް އަތުން ބޭކާރުވިއެވެ. އޭރިއާ ތެރެއިން ވިޓާލީ މައިކޮލެންކޯ، ސިޓީގެ ސަވީނިއޯއަށް ކުރި ފައުލަށް ލިބުނު ޕެނަލްތީ ހާލަންޑް ފޮނުވާލުމުން ޖޯޑަން ޕިކްފޯޑު ވަނީ މަތަކޮށްފައެވެ.

ސިޓީން މެޗު ފަހުކޮޅުގައި ނުރައްކާ ބޮޑުކުރި ނަމަވެސް ފުއްދާލަން ޖެހުނީ ޕޮއިންޓަކުންނެވެ.

ރޭ ޗެލްސީން ފުލްހަމް ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެޓީމަށް ދެވަނަ ގެއްލުމުގެ ބިރު ވަނީ ބޮޑުވެފައެވެ. މިވަގުތު ޗެލްސީ ދެވަނައިގައި 18 މެޗުން 35 ޕޮއިންޓާއެކު އޮތް އިރު، ރަނގަޅު ފޯމެއްގައި އޮތް ނޮޓިންހަމް ފޮރެސްޓް ތިންވަނައިގައި އޮތީ 18 މެޗުން 34 ޕޮއިންޓާއެކުގައެވެ. އާސެނަލުން 17 މެޗު ކުޅެ، 33 ޕޮއިންޓާއެކު އޮތް އިރު، އެޓީމަށް ދެވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ފުލްހަމްއިން ޗެލްސީ ދަނޑުގައި މޮޅުވީ 45 އަހަރު ފަހުންނެވެ. އެޓީމުން ފަހުވަގުތު ދެ ގޯލު ޖަހައި މޮޅުވި އިރު، ފުރަތަމަ ހާފުގައި ޗެލްސީއަށް ލީޑު ނަގައިދިނީ ކޯލް ޕާމާއެވެ.

ދެވަނަ ހާފުގައިވެސް ޗެލްސީއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އިރު، ފަހު 10 މިނެޓް ތެރޭގައި ފުލްހަމްއިން ދެ ގޯލު ޖެހިއެވެ. އެޓީމުގެ ފުރަތަމަ ގޯލު ބަދަލަކަށް ނުކުތް ހެރީ ވިލްސަން ޖެހި އިރު، އަނެއް ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީ ރޮޑްރިގޯ މުނީޒެވެ.