ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް ހަވާލުކުރި މަޝްރޫއުއަކަށް 44 މިލިއަން ރުފިޔާ ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.
އާސަންދައިގެ ފަރާތުން ނޯތު ކޯސްޓް ކޮންސްޓްރަކްޝަނާ ހަވާލުކުރީ ހަ ބުރީގެ ހޮސްޕިޓަލެއް އިމާރާތް ކުރުމަށެވެ. ސެޕްޓެމްބަރު 2016 ގައި ހަވާލުކުރި އެ ޕްރޮޖެކްޓުގެ އަގަކީ 61 މިލިއަން ރުފިޔާއެވެ. އެ ޕްރޮޖެކްޓުން ނޯތު ކޯސްޓަށް ތިން ޕަސެންޓް ޕްރޮފިޓް މާޖިންގެ ގޮތުގައި 18.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އޭރު އަންދާޒާކޮށްފައި އޮތެވެ.
އެ ޕްރޮޖެކްޓް ނިންމަން 15 މަސްދުވަހުގެ މުއްދަތެއް ދިން ނަަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އޮއްވައި ޖޫން 2017 ގައި ބަޖެޓް މައްސަލަތަކަކާ ހުރެ އާސަންދަ އިން ޕްރޮޖެކްޓް މަޑުޖައްސާލަން އެންގިއެވެ. އެކަމާ ގުޅިގެން ނޯތު ކޯސްޓަށް ގެއްލުންވި ކަމަށް ބުނެ ސަރުކާރާއެކު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން އެހެން މަޝްރޫއެއް އެ ކުންފުންޏާ ހަވާލުކޮށް، 44 މިލިއަން ރުފިޔާ މިދިޔަ އަހަރު އެ ކުންފުންޏަށް ދޫކޮށްފައިވެއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށްފަހު އޮތީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމަށް އެ އޮފީހަށް ފެންނާތީ، އެ މައްސަލައަށް އިތުރު ސަމާލުކަމެއް ދީ، މައްސަލައަށް ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ އެ ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ އެކަންކަންވެސް އެ މައްސަލައިގެ ތެރެއިން ތަހުގީގު ކުރުމަށް އަންގާފައިވާނެ ކަމަށްވެސް ބުންޏެވެ.
ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރު އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ވެސް މިދިޔަ އަހަރުއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތް އިރު، އެ މެންބަރުންގެ ތެރޭގައި އަލީ ހަމީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު