އަހަރު ނިމެނިކޮށް، ފެންމަތިވި އެންމެ ބޮޑު މައްސަލައަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވެރިންތަކަކަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައެވެ. އެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު އަމާޒުވީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދަަށެވެ. އެ މައްސަލައަކީ ކުރީގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި ބިންވެރިޔާ ސްކީމުގެ ބޭރުން ގޯތިތަކެއް ދިން ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލައިގައި ހިމެނޭ އެކަކީ ފަޒުލްގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދެވެ.

ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރަޖިސްޓްރީ ކަމަށް ބުނާ ލިޔުމާއެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.

އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.

އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލްއަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަން ފަށައި، ފުލުހުން ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެޗްޑީސީ ހިންގާ އިމާރާތަށް ވަދެ ބަލައި ފާސްކޮށްފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ވާނީ ފަށައިފައެވެ.

ހަމަ އެ ދުވަހު، އެ މައްސަލައާ ގުޅޭގޮތުން ފަޒުލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވެފައިވަނީ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯއްޗެއްގެ ވަށާފާރު ރޭނުމުގެ ހުއްދަ ހޯދަން ދެ ފަރާތަކުން ހުށަހެޅިކަން ފާހަގަވެ، އެކަން ހައުސިން މިނިސްޓްރީން ކަށަވަރު ކުރަން ހުށަހެޅީ އެޗްޑީސީގެ ފަރާތުން ކަމަށެވެ.

"އަޅުގަނޑު ކަންނޭނގެ މިކަން މި އިންފޯމް ކުރީވެސް ހައުސިންއަށް. އަޅުގަނޑުގެ ލޭ ހިނގާ ބޭބެއަކު ހުރިކަމުގައިވިޔަސް، ބޭބެއިން ތިބިކަމުގައި ވިޔަސް މި ދެންނެވި ފަރާތަކީ ހައްގުވާ މީހެއްތޯ ނޫންތޯ ކަނޑައަޅާނީ ހައުސިން އިން އިނގޭތޯ. އެއީ އަޅުގަނޑުގެ ޒިންމާއެއް ނޫން. އެޗްޑީސީގެ ޒިންމާ އެ އޮތީ އަދާކޮށްފައި. އެޗްޑީސީގެ ޒިންމާ، އަޅުގަނޑުގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކޮށްފައި އެ އޮތީ. އެހެންވީމަ އަޅުގަނޑު މިތަނުގައި ހުރުމަކުން ނެތުމަކުން މިކަމަށް ހުރަހެއް ނާންނާނެ،" ފަޒުލް ވިދާޅުވެފައިވެއެވެ.

ފަޒުލް ވިދާޅުވެފައިވަނީ، އެޗްޑީސީއަކީ ބިންވެރިޔާ ސްކީމުގެ ރަޖިސްޓްރީ ދޫކުރާ އަދި ދޫކުރި ތަނެއްވެސް ނޫން ކަމަށާއި އެ ސްކީމުގެ ދަށުން ދޫކުރާ ބިންތަކުގެ އެއްބަސްވުންތަކާއި އެ ބިން ހަވާލުކުރަނީވެސް އެ ކުންފުނިން ނޫން ކަމަށެވެ. އަދި ގޯތި ލިބިފައިވާ މީހަކު، އޭނާގެ ގޯތީގައި ވަށާފާރު ރާނަން އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން، އެކަމަށް ހުއްދަ ދޫކުރުމުގެ ކުރިން އެ ހުށަހަޅާ ފަރާތަކީ ބިމުގެ ރަޖިސްޓްރީ އޮންނަ ފަރާތެއްކަން ހައުސިން މިނިސްޓްރީން އެކަން ކަށަވަރުކުރާ ކަމަށް ވިދާޅުވެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މިމަހުގެ 19 ވަނަ ދުވަހު އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް ފިޔަވައި ބޯޑުގެ ހުރިހާ މެެންބަރުން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި، އަޒްހާރު އަބްދުﷲ ސައީދު، އިބްރާހިމް ޔޫސުފް ފުޅު، މުހައްމަދު ވިޝާމް، އުލާ މުހައްމަދު ރަޝީދު، އާރިފް އަބްދުއްސަމަދު، މުހައްމަދު ނާޖިލް، މުހައްމަދު ވަހީދު، ފާތިމަތު މިޒްނާ އަލީ އަދި ޔޫސުފް ވަހީދެވެ.

ޕީސީބީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޑު މެންބަރުން ސަސްޕެންޑްކުރީ އެޗްޑީސީއާ ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަކަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ. އެހެންވެ އެޗްޑީސީގެ ބޯޑު މެންބަރުން ވަނީ ޕީސީބީން ވަކިގޮތެއް އަންގަންދެން ސަސްޕެންޑްކޮށްފައި ކަމަށް ޕީސީބީން ބުނެފައިވެއެވެ.

ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވެސް ވަނީ އަމުރުކުރައްވައިފައެވެ. އެ ސްކީމަށް އެދި ފޯމު ބަލައިގަތުމާއި ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕީޖީ އައްބާސަށް ލިބިވަޑައިގެންފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެކަމަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ، އެކަމަކީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއް ކަމަށް އައްބާސް ދެކެވަޑައިގަންނަވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

"އެހެންކަމުން، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ފޯމު ބަލައިގަތުމާއި ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި ގޯއްޗާއި ފްލެޓް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ތަހުގީގެއް ހިންގުމަށްފަހު، މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނަމަ، އެކަން ތަހުގީގު ކުރުމަށްފަހު ދައުވާކުރުމަށްޓަކައި މިއޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޕްރޮސިކިއުޓާ ޖެނެރަލް އަމުރުކުރައްވައިފިއެވެ،" ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފުތާއަކު އެއް ފަހަރު އައްބާސްއާ ހިއްސާކުރަމުން ގެންދިއުމަށާއި އެ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށް ވެސް އައްބާސް އަމުރުކުރައްވާފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ހަދައި، ހުށަހެޅި މައްސަލައިގައި ފަޒުލްގެ ބޭބެ، ފަޒީލަށް ފުލުހުން ތުހުމަތުކުރަނީ ފޯޖަރީގެ މައްސަލައެވެ. އެ މައްސަލައިގައި އެމްޑަބްލިޔުއެސްސީން ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ފަޒީލް، ސަސްޕެންޑު ވެސް ކޮށްފައެވެ.

ފުލުހުންގެ އިތުރުން އޭސީސީން ވެސް އެ މައްސަލަ ތަހުގީގުކުރަމުންދާ އިރު، "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބުމަށް ޝަރުތު ހަމަވާ މީހެއް ނޫންކަން ހައުސިން މިނިސްޓްރީން، އެޗްޑީސީއަށް އަންގާފައި އޮއްވައި ވެސް ފަޒީލްގެ ގޯތީގެ ވަށާފާރު ހުރީ ރާނަން ފަށައިފައެވެ.

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލަ ފެންމަތިވެ، ފެށި ތަހުގީގާ ގުޅިގެން އެޗްޑީސީގެ މެނޭޖްމަންޓުގެ އިސް ބަޔަކާއި ޑެޕިއުޓީ މިނިސްޓަރުން ހިމެނޭހެން ހައުސިން މިނިސްޓްރީގެ ސިޔާސީ ނުވަ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑުކޮށްފައެވެ.

މިމަހުގެ 19 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވެފައިވަނީ ފުލުހުން ހިންގަނީ ލިޔުން ފޯޖުކުރިތޯ ޔަގީންކުރުމުގެ ތަހުގީގެއް ކަމަށާއި އެ ތަހުގީގުގައި ފަޒީލް ހިމެނޭހެން މިހާތަނަށް ހަ މީހަކާ ސުވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން ފަޒީލް ފުލުހުންނަށް ދިން މައުލޫމާތުގެ އަލީގައި އޭނާ ހުށަހެޅި ގޯތީގެ ރަޖިސްޓްރީއަކީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ ބައްދަލުކުރި ފަހުން އޭނާއަށް ކުރީގެ ސަރުކާރުން ދިން ލިޔުމެއްކަން ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ފަޒީލްއަކީ ގޯއްޗަށް ކުރިމަތިލެއްވި ފަރާތެއް. ޝަރުތު ހަމަނުވާތީ އޭނަ ލިސްޓުން ވަކިވެފައި އިން ކަމަށް. އެ ޝަކުވާ ހިފައިގެން ބައްދަލު މިކުރަނީ އަކުރަމްއާ. އަކުރަމްއާ ބައްދަލުކޮށްފައި އެ ޝަކުވާ ހުށަހެޅީ. އެ ބޭނުމުގައި ފަޒީލް އަކުރަމްއާ ބައްދަލުކުރި ކަމަށް ފަޒީލް މައުލޫމާތު ދެއްވަނީ،" އަބްދުﷲ ޝަރީފު ވިދާޅުވެފައިވެއެވެ.

އަބްދުﷲ ޝަރީފު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ނަމުގައި ފަޒީލްއަށް ދީފައިވާ ބަންޑާރަ ގޯތި ލިބުނުކަމުގެ ލިޔުމަކާއި ގޯތީގެ ރަޖިސްޓްރީ އޭނާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ އަސްލު ލިޔުމެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައިވެއެވެ.

އެ މައްސަލައިގައި ފަޒުލް އާއި ފަޒީލްގެ ހިމެނޭހެން 20 މީހެއްގެ ޕޯސްޕޯޓު ހިފަހައްޓައިފައެވެ. ނަމަވެސް އެ ލިސްޓުގައި ދެން ހިމެނޭ މީހުންނަކީ ކޮން ބައެއްކަން ކަށަވަރުވެފައެއް ނުވެއެވެ.

ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ދައުލަތުގެ ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން ތިއްބަވާ ގުރޫޕަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، މިމަހުގެ 20 ގައި ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ކޮރަޕްޝަނާ ގުޅުން ހުރި ކަންކަމުގައި ގެންގުޅުއްވާނީ ޒީރޯ ޓޮލެރެންސްގެ ސިޔާސަތު ކަމަށާއި އެއްވެސް މީހަކު ރައްޔިތުންނަށް ގައްދާރު ވެގެން ނުވާނެ ކަމަށެވެ.

ކުންފުނިތައް ހިންގުމުގެ ކަންކަން ކުރިޔަށް ގެންދަވާން ވާނީ، އެކަމަށް ކަނޑައެޅިފައި އޮންނަ ކޯޕަރޭޓް ގަވަނެންސް ކޯޑާ އެއްގޮތަށް ކަމަށާއި ރައްޔިތުންގެ ހައްގުތައް އަބަދުމެ ހަނދާނުގައި ބަހައްޓައި، އެ ހައްގުތައް ނެގެހެއްޓުންމަތީ ދެމިތިބޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ، މި މަގުން ދައުލަތުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޭލުންތެރިކުރުމަށް ހުރިހާ އެމްޑީންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދިން މައްސަލައަކާއި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުންނަށް ބިޑަކާ ނުލައި އަގުހެޔޮކޮށް ހުޅުމާލެ އިން ގޯތިތަކެއް ވިއްކާފައިވާ ކަމަށް ތުހުމަތުތަކެއް އަމާޒުވުމާ ގުޅިގެން، ސަސްޕެންޝަނުގައި ހުންނަވަނިކޮށް، ފަޒުލް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މިމަހުގެ 21 ގައި އިސްތިއުފާދެއްވައިފައެވެ. ރައީސް މުއިއްޒަށް ފަޒުލް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވީ، ބިންވެރިޔާ ސްކީމާ ގުޅޭ ގުޅިގެން މިހާރު ކުރިއަށްގެންދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި އެޗްޑީސީއާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށްގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

އޭނާއާ މެދު އެކި ގޮތްގޮތުން ކޮށްފައިވާ އަދި މިހާރު އެކިއެކި ޕްލެޓްފޯމްތަކުގައި ކުރަމުންދާ ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމަށާއި އެޗްޑީސީގެ އެމްޑީ ކަމަށް އައްޔަނު ކުރި ފަހުން، ކުންފުނީގެ ފަރާތުން ކޮށްފައިވާ އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށް ފަޒުލް ވިދާޅުވެފައިވެއެވެ.

ފަޒުލް ވިދާޅުވެފައިވަނީ، ބިންވެރިޔާ ސްކީމާ ގުޅިގެން އެޗްޑީސީއަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަަށެވެ.

"އަޅުގަނޑު އެދެނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުމެވެ. އަދި މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓުފައި އޮންނާކަށް އަޅުގަނޑު ނޭދެމެވެ." ފަޒުލް ވިދާޅުވެފައިވެއެވެ.

ފަޒުލް މަގާމުން އިސްތިއުފާދެއްވުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމަށް މިމަހުގެ 22 ގައި އައްޔަންކުރެއްވީ ހުޅުމާލެ ތަރައްގީ ކުރުމުގެ އެއް މޭސްތިރިޔާ މައުރޫފް ޖަމީލެވެ.

މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ. އެއިރު އެޗްޑީސީ އުފައްދައިފައެއް ނުވެއެވެ. އެޗްޑީސީ އުފެއްދިފަހުން މައުރޫފް ވަނީ އެ ކުންފުނީގެ މުހިންމު މަގާމުތަކެއް އަދާކުރައްވައިފައެވެ. އެގޮތުން އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވިއެވެ. އަދި ވަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މުހިންމު މަގާމުތަކެއް ވެސް އަދާކުރައްވައިފައެވެ.

މީގެ އިތުރުން މައުރޫފް ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ. އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާއިން މައުރޫފް މިހާރު ވެސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިމަހުގެ 22 ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، މައުރޫފްއާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ، މައުރޫފަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށާއި އެއީ ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ. އަދި ހިޔާނާތެއް ނުވަތަ ގަވާއިދާ ހިލާފަށް ހިންގާ ކަމެއް ހުއްޓުވުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

"އެޗްޑީސީއަށް އަޅުގަނޑު މިއަދު މި އައްޔަންކުރި، ކުރީގެ މިނިސްޓަރު މައުރޫފް ޖަމީލު. އެ ބޭފުޅާއަކީ އަޅުގަނޑު ވަރަށް އިތުބާރު ކުރާ، ފުލް އިންޓެގްރިޓީ ހިފަހައްޓާނެ ބޭފުޅެއް. ފުލް ކޮމިޓްމެންޓާއި ޕްރޮފެޝަނަލިޒަމް އާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ، ސަރުކާރުގެ ތަންތަނަށް އައްޔަން ކުރައްވަން ބޭނުންފުޅު ވަނީ މައުރޫފު ކަހަލަ ތެދުވެރި ބޭފުޅުން ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެޗްޑީސީގެ ރަނގަޅުވެ މިހާރު ހިނގައިގެން އުޅޭ ފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

އެ މައްސަލައިގައި ކުރީ ސަރުކާރުގެ ވެރިންތަކަކަށް ވެސް ތުހުމަތުކުރަމުންދާ އިރު، ފުލުހުންނާއި އޭސީސީން އަދިވެސް ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފަޒުލްގެ އިތުރުން މިމަހުގެ ތެރޭގައި ވަނީ އިތުރު ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުން އިސްތިއުފާދެއްވައިފައެވެ. މިމަހުގެ 17 ގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އެމްޑީ މުހައްމަދު ސައީދު އިސްތިއުފާދެއްވި އިރު، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާދެއްވީ މިމަހުގެ 23 ގައެވެ. ނަމަވެސް އެ ބޭފުޅުން އިސްތިއުފާދެއްވީ ތަފާތު ސަބަބުތަކަކާ ގުޅިގެންނެވެ.