ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައި، ބ. އޭދަފުށިން ތާރީހީ ތަށްޓެއް ހޯދައިފިއެވެ.

ރާއްޖޭގެ ވަރުގަދަ 17 ރަށަކުން ގޯލްޑް ކަޕްގައި ވާދަކުރި އިރު، މިރޭ އޭދަފުށިން ތަށި ޔަގީންކުރީ ގައުމީ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލުގައި 2-0 އިން އައްޑޫ ސިޓީ ބަލިކޮށްގެންނެވެ.

ގޯލްޑް ކަޕަކީ އަތޮޅު ތެރޭގައި ރަށްތަކާއި ސިޓީތަކަށް ފޯކަސް ކޮށްގެން ބޭއްވި މުބާރާތަށްވީ އިރު، އެ މުބާރާތް މިރޭ ނިމިގެން ދިޔައީ ސަޕޯޓަރުންގެ ފޯރިއާއެކު ކާމިޔާބު މުބާރާތެއްގެ ގޮތުގައެވެ. މިވަގުތު ކްލަބު ފުޓުބޯޅަ ވަޅުޖެހި، އެއްވަނަ ޑިވިޝަން ވަރަށް ބޮޑަށް ގެއްލިފައި އޮއްވާ ގޯލްޑް ކަޕް ބާއްވާފައިވާ އިރު، މުބާރާތް ނިމިގެން ދިޔައީ މުޅިން އާ ފޯރިއެއް ގެނުވައިފައެވެ.

މިރޭގެ މެޗަށް އޭދަފުއްޓާއި އައްޑޫ ސިޓީން ވަނީ ފޯރިއާއެކު ތައްޔާރުވެފައެވެ. ޓިކެޓް ވިއްކަން ފެށުމާއެކު ބޮޑެތި ކިއު ޖެހިގެން ދެ ރަށުގެ ސަޕޯޓަރުންވެސް ޓިކެޓް ނަގާފައިވާ އިރު، އައްޑުއަށް މަދުން ޓިކެޓް ވިއްކި މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ.

އެހެން ނަމަވެސް ގޯލްޑް ކަޕުން ބުނީ އެގޮތަށް ޓިކެޓް ވިއްކީ ޖާގައިގެ ގޮތުން ބަލައި، ހޯމް ޓީމަށް ފައިދާ ވާގޮތަށް ކަމަށެވެ. އަދި ފަހުން އިތުރު ޓިކެޓް ވިއްކާފައިވާ އިރު، މިރޭގެ ފައިނަލަށް މުޅި ރާއްޖެ އޮތީ އިންތިޒާރުގައެވެ. އައްޑޫން ހާއްސަ ފްލައިޓްތައް އަޅައި، އޭދަފުށިން އެކި ގޮތްގޮތުން ލޯންޗު ހިފައިގެންވެސް މިރޭ މެޗަށް ސަޕޯޓަރުން ގެންގޮސްފައިވެއެވެ.

ރާއްޖޭގެ ތާރީހުގައި އެންމެ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގޯލްޑް ކަޕްގެ ތަށި ދައްކާލަމުން ފެށި މެޗު ބެލުމަށް ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފްވެސް ވަޑައިގެންފައިވާ އިރު، މެޗު ވަރުގަދަކޮށް ފެށީ އޭދަފުށިންނެވެ.

އޭދަފުށިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުން ދިޔަ އިރު، އައްޑޫ ބޮޑަށް ކުޅުނީ ފަހަތަށް ޖެހިގެންނެވެ. އޭދަފުށިން އެޓޭކަށް ބޮޑަށް ސަމާލުކަން ދީގެން ކުޅެމުން ގޮސް، އައްޑޫގެ ފަހަތަށް ފުލުފުލުގައި ނުރައްކާ ކުރިއެވެ. މެޗުގެ ކުރީކޮޅުގައި ހަމްޒާ މުހައްމަދު (ހަމްޕު) އަރިމަތިން ނުރައްކާތެރި ގިނަ ހުރަސްތަކެއް ނަގަމުން ދިޔަ އިރު، އަލީ ފާސިރު (ސެންޓޭ) ކުރީކޮޅުގައި ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ.

އޭގެ އިރުކޮޅެއްފަހުން 12 ވަނަ މިނެޓުގައި އިޝާން އިބްރާހީމް (ސައްޓު) އޭރިއާ ތެރެއަށް ވަދެ ޖައްސާލި ބޯޅައިގައި މުހައްމަދު ފާސިރު ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

އޭގެ އިރުކޮޅެއްފަހުން އައްޑޫން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރި ނަމަވެސް، އޭދަފުށިން މެޗުގެ ކޮންޓްރޯލް ގެއްލުވާނުލާ ނުރައްކާކުރިއެވެ. ނަތީޖާއެއްގެ ގޮތުން، ފުރަތަމަ ހާފު ނިމެން ދަނިކޮށް އޭދަފުށި ވަނީ ލީޑު ނަގައިފައެވެ. އެއީ ހަމްޕުގެ ކޯނަރަކުން މުހައްމަދު ފާސިރު ޖެހި ގޯލަކެވެ. ހަމްޕު ނެގި ކޯނަރު އޭރިއާ ތެރޭގައި ހުސްކޮށް ހުރެ މުހައްމަދު ފާސިރު ފޮނުވާލީ ސީދާ ކަނަށެވެ.

މެޗުގެ ދެވަނަ ހާފަށް ނުކުމެ، އައްޑޫން ކުޅުން ރަނގަޅުކުރިއެވެ. އެޓީމުން ކުރިއަށް ޖެހި ގޯލަކަށް މަސައްކަތް ކުރި އިރު، އޭދަފުށި ފެނުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނުތަނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި އިބްރާހީމް ވަހީދު ހަސަން (އިއްބެ)ގެ ހަމަލާތައް ފެނުނު އިރު، ކެޕްޓަން ޝަންވީލް ގާސިމް (ބޮންޑާ) އަށް ފޮނުވާލަން ލިބުނު ބޯޅަ އޭނާއަށް ގޯލާ އަމާޒުކޮށެއް ނުލެވުނެވެ.

އައްޑޫން ގޯލަކަށް މަސައްކަތް ކުރަން ކުރިއަށް ޖެހި އޮއްވާ ހަމްޕުއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި އިރު، އަނެއްކޮޅުން ފަހު މިނެޓުގައި އައްޑޫ ވަނީ އެއްވަރު ކުރުމާ ގާތަށް ޖެހިލައިފައެވެ. އޭދަފުށީގެ އޭރިއާ ތެރެއިން އައްޑޫގެ އިއްބެއާއި ބޮންޑާއަށް ފުރުސަތުތައް ލިބުނު ނަމަވެސް، އެޓީމަށް ގޯލެއް ނުޖެހުނެވެ.

އައްޑޫ އަތުން ފުރުސަތުތައް ބޭކާރުވުމުގެ ފައިދާ މެޗުގެ ފަހު ވަގުތުގައި އަނެއްކާވެސް ނެގީ އޭދަފުށިންނެވެ. ފަހު ވަގުތު އޭދަފުށި މޮޅު ޔަގީންކުރި ގޯލު ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭރިއާ ތެރެއަށް ވަދެ އައްޑޫ ޑިފެންޑަރު ނައްޓާލައިފައި އޭނާ ފޮނުވާލި ބޯޅަ ތިރިިތިރިން ގޯލަށް ވައްދާލީ ފަސޭހަ ކޮށެވެ.

އެހިސާބުން އޭދަފުށީގެ ސަޕޯޓަރުން ކެކިއަރައި، ފޯރިއާއެކު އުފާފާޅުކުރިއެވެ. އޭޓީމުން ރާއްޖޭގެ ފުޓުބޯޅައިގެ ރަސްކަމަށް އެރީ ސްޓައިލުގައެވެ.