މާކަސް ރަޝްފޯޑަށް ލަފާ ދޭ މީހުންގެ ނިންމުންތައް ގޯސްކަމަށް ސިފަކޮށް، މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު، ރުބެން އަމޯރިމް ވާހަކަ ދައްކައިފިއެވެ.

ޔުނައިޓެޑާ ދާދިފަހުން ހަވާލުވި ކޯޗު އަމޯރިމްގެ މަސައްކަތް އެ ކްލަބާއެކު ފަށައިގެން، ފުރަތަމަ ކޮޅުގައި ރަޝްފޯޑަށް ވަނީ ފުރަތަމަ 11 އިން ޖާގަ ދީފައެވެ. އެހެން ނަމަވެސް އެޓީމުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުގެ ސްކޮޑުގައިވެސް ރަޝްފޯޑު ހިމަނައިފައެއް ނުވެއެވެ.

އަމޯރިމް ބުނީ އެ މެޗުގެ ސްކޮޑަށް ރަޝްފޯޑް ނުނެގީ ތަމްރީނުތަކުގައި އެކަށީގެންވާ މަސައްކަތެއް ނުކުރުމުން ކަމަށާއި، އޭނާގެ ސްކޮޑަށް އެނބުރި އައުމަށް ރަޝްފޯޑު ކުރަން ޖެހޭނެ ކަމަކީ ތަމްރީނުތަކުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރުން ކަމަށެވެ.

އެ މައްސަލައިގައި ރަޝްފޯޑު ހިތްހަމަނުޖެހިގެން އިންޓަވިއުއެއް ދީފައިވެއެވެ. އެ އިންޓަވިއުގައި ބުނީ "އާ ޗެލެންޖެއް" ބޭނުންވާ ކަމަށާއި، ޔުނައިޓެޑް ދޫކޮށްލުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

އިންޓަވިއުގެ ވާހަކައިގައި އަމޯރިމް ވަނީ ރަޝްފޯޑަށް ރައްދު ދީފައެވެ. އޭނާ ބުނީ ޔުނައިޓެޑަށް ރަޝްފޯޑު ބޭނުންވާ ނަމަވެސް، ތަމްރީނުތަކުގައި ނަތީޖާ ދައްކަން ޖެހޭނެ ކަމަށެވެ.

ރަޝްފޯޑު، ޖެނުއަރީ ޓްރާންސްފާގައި ޔުނައިޓެޑް ދޫކޮށްލަން ވިސްނާ ކަމަށް ނޫސްތަކުން ބުނެފައި ވަނިކޮށް، އިއްޔެ އަމޯރިމް ބުނީ "ރަޝްފޯޑާއެކު އޮތް ގުޅުން އޮތީ ގޯސްކޮށް،" ކަމަށެވެ. އޭނާ އިތުރަށް ބުނީ ރަޝްފޯޑުގެ ވަށައިގެންވެސް ލަފާދޭނެ އެތައް މީހުނެއް ތިބޭނެ ކަމަށާއި، ލަފާ ދިން މީހުން އިންޓަވިއު ދޭން ދިން ލަފައަކީ ގޯހެއް ކަމަށެވެ.

އަމޯރިމް ބުނީ ރަޝްފޯޑަށް ލަފާދޭ މީހުންގެ ބަސް އަޑުއަހަން މިވަގުތު ބޭނުން ނޫން ކަމަށާއި، އޭނާގެ ފޯކަސް ހުރީ ރަޝްފޯޑުގެ ކުޅުން ރަނގަޅު ކުރުމަށް ކަމަށެވެ.

ޔުނައިޓެޑް މިވަގުތު އޮތީ އުނދަގޫ ހާލަތެއްގައެވެ. އެންމެފަހުން ބޯންމައުތާ ދެކޮޅަށް ކުޅެ ބޮޑު ބައްޔަކުން ބަލިވެފައިވާ އިރު، އެ ނަތީޖާއާއެކު އެޓީމުން އަހަރު ނިންމާލަން ދަނީ 13 ވަނައިގައެވެ. އެއީ 1986 ވަނަ އަހަރަށްފަހު އެ ޓީމުގެ އެންމެ ދަށް ނަތީޖާއެވެ. އެއީ ސާ އެލެކްސް ފާގަސަން ހަވާލުވުމުގެވެސް ކުރިންނެވެ.