ޑައިމޯފިން އަދި ކެނަބިސް ޓްރެފިކް ކުރި މައްސަލައިގައި 50 އަހަރުގެ ހުކުމެއް އަންނަ މީހަކާއެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އެ ހުކުމް 50 އަހަރަށް ކުޑަކޮށްދީފިއެވެ.
މއ. ސޭބޫގެ، މުހައްމަދު ހަސަން، 02 މޭ 2024 ވަނަ ދުވަހުގެ 15:11 އެހާކަންހާ އިރު، އިތުރު ބަޔަކާ ބައިވެރިވެގެން މަސްތުވާތަކެތި ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްއިން ދިން މައުލޫމާތަކާ ގުޅިގެން، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، މއ. ސޭބުގެ ބަލައިފާސްކޮށްފައެވެ.
އެ ގެ ބަލައި ފާސްކުރި އިރު އެގޭގައި މުހައްމަދު ހަސަން ދިރިއުޅޭ ކޮޓަރީގައި ހުރި އެނދުގެ ދަށުން ޓައިލްސް މަތިން ނެގި ލާރާ ބްރޭންޑުގެ ރަބަރު ޕެކަޓަށް ލައިފައިވާ ރަބަރު ގަނޑުގައި 996.2000 ގްރާމް ކެނަބިސް ވަނީ ފެނިފައެވެ. އަދި އިތުރު ރަބަރު ގަނޑަކުން 714.5000 ގްރާމް ކެނަބިސް ވަނީ ފެނިފައެވެ.
މީގެ އިތުރުން ކޮޓަރީގެ ސައިޑް ޓޭބަލްގެ ދަމާ ވަތްގަނޑު ތެރެއިގައި އޮތް އެއް ރަބަރު ޕެކެޓުގައި 11.1926 ގްރާމް ކެނަބިސް އަދި އިތުރު ރަބަރު ޕެކެޓެއްގައި 2.1711 ގްރާމް ކެނަބިސް ހުއްޓައި ފުލުހުން ވަނީ ހޯދައިފައެވެ. ފުލުހުން ވަނީ އެ ކޮޓަރިން 5،420 ރުފިޔާ ވެސް ހޯދައިފައެވެ. ފުލުހުން މުހައްމަދު ހަސަންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު ޖިންސުގެ ޖީބުން 500 ރުފިޔާ، ވޮލެޓުން 565 ރުފިޔާ ވަނީ ފެނިފައެވެ.
ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން މުހައްމަދު ހަސަން ވަނީ އެއީ އޭނާގެ ތަކެތި ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް ފައިސާ ހޯދީ ކޮންގޮތަކަށްކަން ސާފުކޮށްދީފައިނުވާތީ އެއީ މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާ ކަމަށް ނިންމައި އެ ފައިސާ ދައުލަތަށް ނެގުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން މއ. ސެބޫގެ ބަލައި ފާސްކުރުމުގެ ތެރެއިން އެނދު ދަށުގައި އޮތް ފޮތިކޮތަޅެއްގެ ނެގި 16 ޖޫސްޕެޓީ ކޮތަޅަކުން 1084.0104 ގްރާމުގެ ޑައިމޯފިން ޓްރެފިކް ފެނިފައިވެއެވެ.
އެހެންވެ ދައުލަތުން ވަނީ މުހައްމަދު ހަސަންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާކޮށްފައެވެ. ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ އަސާސީ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް 25 އަހަރަށް ޖަލަށްލުމާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އެހެންކަމުން ދެ ކުށުގެ ޖުމްލަ އަދަބަކީ 50 އަހަރަށް ލުމާއި 200،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
ނަމަވެސް މުހައްމަދު ހަސަން ވަނީ އެ ދެ ދައުވާއާ ގުޅިގެން ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރި މައްސަލައިގައި މުހައްމަދު ހަސަންއަށް އަންނާނީ 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއި 50،000 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ. ކެނަބިސް ޓްރެފިކް ކުރި މައްސަލައިގައި ވެސް އެ އަދަބު ދިނުމަށް އިއުތިރާފުގެ އެއްބަސްވުމުގައި ވަނީ ހިމަނައިފައެވެ. އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން މއ. ސެބޭގެއިން ފެނުނު ފައިސާ ދައުލަތަށް ނުނެގުމަށް ވަނީ ނިންމައިފައެވެ. އެހެންކަމުން އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އެ ދެ ކުށުގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
މި މައްސަލަ ބެއްލެވި ގާޒީ އާއިޝަތު ނުޒުހާ ވަނީ މިއީ ސައްހަ އިއުތިރާފުގެ އެއްބަސްވުމެއް ކަމަށް ކަނޑައަޅުއްވައިފައެވެ.
މި މައްސަލައިގެ ހުކުމުގައި ގާޒީ ވިދާޅުވީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ ކުށުގެ އަދަބެއްގެ ގޮތުގައި މުހައްމަދު ހަސަން 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށެވެ. އަދި ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ވެސް 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށެވެ.
މުހައްމަދު ހަސަން ވަނީ މި މައްސަލައާ ގުޅިގެން ބަންދުގައި ހަތް މަސް ހޭދަކޮށްފައެވެ. އެހެންވެ ގާޒީ ވަނީ އެ މުއްދަތު 25 އަހަރުގެ ޖަލު ހުކުމުން އުނިކުރައްވައިފައެވެ.
މި ދެ ދައުވާ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ދެ މައްސަލައެއްގެ ގޮތުގައި ވަކިވަކިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު