ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައަށް ވާދަކުރަމުން އަންނަ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑުން ރޭ ކުޅުނު ވާދަވެރި މެޗު، އެތުލެޓިކޯއިން ކާމިޔާބު ކޮށްފިއެވެ.

ބާސާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަހު ސިކުންތުކޮޅުގައި ގޯލު ޖަހައިގެން އެތުލެޓިކޯއިން ބާސާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ސީޒަނުގެ މިހާތަނަށް އެއްވަނައިގައި ލީޑު ކުރަމުން އައި ބާސާ ވަނީ ދެވަނައަށް ސޮއްސާލައިފައެވެ.

މިހާތަނަށް ބާސާއަށް 19 މެޗުން 38 ޕޮއިންޓް ލިބިފައިވާ އިރު، އެތުލެޓިކޯ އެއްވަނައަށް އެރީ 18 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ރެއާލުން މެޗު މަދުކޮށް ކުޅެފައިވާ އިރު، އެޓީމަށް 17 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ. އަތުގައި އޮތް މެޗުތަކުން މޮޅުވެ، ޗެމްޕިއަން ރެއާލަށް އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓް ކުރީ ބާސާއިންނެވެ. ނަތީޖާއެއްގެ ގޮތުން 30 ވަނަ މިނެޓުގައި ބާސާއިން ލީޑުވެސް ނެގިއެވެ. އެ ގޯލު ޖެހީ ޕެޑްރީއެވެ. ޕެޑްރީގެ ގޯލަކީ ގަވީއާއި ދެ ކުޅުންތެރިންގެ ރަނގަޅު ކޮމްބިނޭޝަނަކުން ތަނަވަސްކުރި ފުރުސަތުގައި ޖެހި ގޯލެކެވެ.

ދެވަނަ ހާފު ފެށިގެންވެސް ބާސާއަށް ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވި އިރު، 60 ވަނަ މިނެޓުގައި އެތުލެޓިކޯއިން އެއްވަރުކުރިއެވެ. އެއީ މާކް ކަސަޑޯ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، ރޮޑްރިގޯ ޑި ޕައުލް ޖެހި ގޯލެކެވެ.

ބާސާގެ ފުރުސަތުތައް ބޭކާރުވުމުގެ ފައިދާ ނަގައި، އެތުލެޓިކޯއިން މެޗުން މޮޅުވީ ފަހު ސިކުންތުގައެވެ. އެ ގޯލަކީ ބަދަލަކަށް ނުކުތް ނޯވޭގެ އެލެކްޒެންޑާ ސޯލޮތު ޖަހައިދިން ގޯލެކެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ނަހުއެލް މޮލީނާއެވެ.