ކޮރަޕްޝަނާ ގުޅުން ހުރި ކަންކަމުގައި ގެންގުޅުއްވާނީ ޒީރޯ ޓޮލެރެންސްގެ ސިޔާސަތު ކަމަށާއި އެއްވެސް މީހަކު ރައްޔިތުންނަށް ގައްދާރު ވެގެން ނުވާނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ ކުންފުނި ތަކުގެ މެނޭޖިން ޑައިރެކްޓަރުންނަށް މެސެޖެއް ފޮނުއްވައިފައެވެ.
"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް. ޑރ. މުއިއްޒު މިހެން ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކުގެ މެނޭޖިން ޑައިރެކްޓަރުން ތިއްބަވާ ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.
ކޮރަޕްޝަން އެއްވެސް ވަރަކަށް ބަލައިނުގަންނާނެ ކަން ފާހަގަ ކުރައްވައި، ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ އެކަމަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަމަށެވެ. އެ މަނިކުފާނު ވަނީ، މީގެ ކުރީންވެސް އެކި ރަސްމިއްޔާތު ތަކުގައި މި ގޮތަށް ވިދާޅުވެފަ އެވެ.
އެމްޑީންގެ ގުރޫޕަށް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ކުންފުނިތައް ހިންގުމުގެ ކަންކަން ކުރިޔަށް ގެންދަވާން ވާނީ، އެކަމަށް ކަނޑައެޅިފައި އޮންނަ ކޯޕަރޭޓް ގަވަނެންސް ކޯޑާ އެއްގޮތަށް ކަމަށާއި ރައްޔިތުންގެ ހައްގުތައް އަބަދުމެ ހަނދާނުގައި ބަހައްޓައި، އެ ހައްގުތައް ނެގެހެއްޓުންމަތީ ދެމިތިބޭން ޖެހޭނެ ކަމަށެވެ.
ރައީސް ވަނީ، މި މަގުން ދައުލަތުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ހޭލުންތެރިކުރުމަށް ހުރިހާ އެމްޑީންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް ޑރ. މުއިއްޒު މި ފަދަ ވަރުގަދަ އިންޒާރުގެ މެސެޖެއް ކުންފުނިތަކުގެ އެމްޑީންނަށް ފޮނުއްވި އިރު، ދައުލަތުގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ އެޗްޑީސީން ބިންވެރިޔާ ސްކީމްގެ ނަމުގައި، ވަގު ބިންތަކެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ތަހުގީގީ ހުރިހާ އިދާރާއަކުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދި އެޗްޑީސީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ، މުހައްމަދު ފަޒީލް ރަޝީދުގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ. ޖުމުލަ 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުން މިއަދު ވަނީ ބުނެފައެވެ.
ފަޒީލް ސަސްޕެންޑްކޮށް ޕާސްޕޯޓު ހިފަހައްޓައިފައިވަނީ، ސައްހަ ނޫން ލިޔެކިޔުންތަކެއް އުފެއްދި ކަމަށް ކުރެވޭ ތުހުމަތަށެވެ.
މި މައްސަލައާ ގުޅިގެން، އެޗްޑީސީގެ ބޯޑުގެ ޗެއާމަން ފިޔަވައި، އެހެން ހުރިހާ ބޯޑު މެންބަރުން ވަނީ ސަސްޕެންޑް ކޮށްފައެވެ. ހަމަ މި މައްސަލާ ގުޅިގެން، ހައުސިން މިނިސްޓްރީގެ ސިޔާސީ 9 މުވައްޒަފަކުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއަލް ޕޮލިޓިކަލް ޑައިރެކްޓަރުންނާއި ޕޮލިޓިކަލް ޑައިރެކްޓަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު