މި އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ.

އެ ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީގެ މުހިންމު ލިޔެކިޔުންތަކެއް ވަނީ އަނދައި އަޅިޔަށް ވެފައެވެ. އެމްއެންޑީއެފުން ބުނީ ހައުސިން މިނިސްޓްރީގެ ފުރަތަމަ ފަންގިފިލާއިން ދުން އަރާކަމުގެ މައުލޫމާތު އެ މުއައްސަސާއަށް ލިބުނީ އެ ދުވަހުގެ ހެނދުނު 6:27 ގައި ކަމަށެވެ.

އެ ވަގުތު އަލިފާން ރޯވެފައި ހުރިތަން ނުފެނި، އެ ތަނުން ދުން އަރަމުން ދިއުމުން އެމްއެންޑީއެފުން ހަރަކާތްތެރިވީ ދެ ޓީމަކަށް ބަހާލައިގެން ކަމަށެވެ. އަލިފާން ހިފައިފައި ހުރި ތަން ދެނެގަތުމަށް ތާމަލް ކެމެރާއެއްގެ އެހީގައެވެ. އަލިފާންގަނޑު ފަޅައިގެން ގޮސް، ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އެވަގުތު އެ ތަނުގައި ހަރަކާތްތެރިވި ފަޔަރ ފައިޓަރުން ވަނީ ހައުސިން މިނިސްޓްރީން ނުކުމެފައެވެ. އަލިފާންގަނޑު ހައުސިން މިނިސްޓްރީ ތެރެއަށް ފެތުރެން ފެށުމުން، ހިނގައިފާނެ އިތުރު ހިތާމަވެރި ހާދިސާއަކުން ރައްކާތެރިވުމަށް، އެތަނުގައި އެވަގުތު ހަރަކާތެރިވި އަލިފާން ނިއްވުމުގައި އުޅުނު ފަރާތްތަކުން ދެން އަވަސްވެގަތީ އެ ތަނުންނާއި ސަރަހައްދުން މީހުން ހުސްކުރުމަށެވެ.

"ވަން" ގެ ނޫސްވެރީން އެ ސަރަހައްދަށް ދިޔައިރުވެސް، ފަޔަރ ފައިޓަރުން ދިޔައީ އަލިފާން ނިއްވުމަށް މަސައްކަތްކުރަމުންނެވެ. އިސްކަނދަރު ކޮށިންފެށިގެން ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިން ބިއްދަށުން ވެސް އެ މަގަށް އާންމުރައްޔިތުން ވަނުން އޮތީ މަނާކޮށްފައެވެ. ވަނުން މަނާ ޓޭޕުތައް މުޅި އެ ސަރަހައްދުގައި ދަމާފައި ހުއްޓެވެ. ފުޑް ކޯޓު އޮންނަ މަގު އެކީ ބަންދުކޮށް އާންމުންގެ ސަލާމަތަށް ރައްޔާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތައް އަޅާފައި ހުއްޓެވެ.

ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ނުވެ އުޅެނިކޮށް ދެން ފެނުނީ 8:45 ހާއިރު އެންވަޔަރަމަންޓް މިނިސްޓްރީގައިވެސް ހުޅުހިފައި، އެ މިނިސްޓްރީވެސް އަނދަންފެށިތަނެވެ. ހައުސިން މިނިސްޓްރީގެ، ފުޑްކޯޓާ ދިމާއަށް ހުންނަ ސިޓީ ކައުންސިލުގެ ބައިގައިވެސް ރޯވާން ނެގީ ކުޑަ ވަގުތުކޮޅެކެވެ. އެންމެން ބަލަބަލައި ތިއްބާ ދެން ފެނުނީ ތިން މިނިސްޓްރީވެސް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވަމުން ދިޔަތަނެވެ.

އެ ދުވަހު ސޯޝަލް ސެންޓަރުގައި، އެންޑީއެމްއޭއިން އިމަޖެންސީ އިވެކުއޭޝަން ސެންޓަރު ގާއިމުކޮށް 50 އަށްވުރެ ގިނަ މީހުނަށް ވަގުތީ ހިޔާ ދިނެވެ. އަދި އަލިފާނުގެ ހާދިސާއާ ގުޅިގެން މ. ލޯކަށިގެ، މ. ކުދިމާވިލާ އަދި މ. ލޫބިޔާ، މި ތިން އިމާރާތުގައި ދިރިއުޅުނު 7 ގޭބިސީއެއްގެ 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް އެންޑީއެމްއޭ އިން ކުރިޔަށްގެންދިޔައެވެ.

އެ ދުވަހަކީ ހަފުތާގެ ފަހު ބުރާސްފަތި ދުވަހަށް ވެފައި ސްކޫލުތަކުގެ ކިޔެވުންވެސް ކުރިޔަށް ދިޔަ ދުވަހެކެވެ. ނަމަވެސް ގިޔާސުއްދީން ސްކޫލަށް ދުމުގެ އަސަރުކޮށް ކިޔެވުން ބަންދުކުރިއެވެ. އެ ދުވަހު ބޭއްވުމަށް ހަމަޖެއްސި މަސްވެރިންގެ 44 ވަނަ ޖަލްސާއާއި މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ރެހެންދި އެވޯޑް ވެސް ފަސްކުރިއެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުންވި ތިން މިނިސްޓްރީގެ މަސައްކަތް ޑިސެމްބަރު 13 ވަނަ ދުވަހު ދަރުބާރުގެއަށް ބަދަލުކުރިއެވެ އަދި ހައުސިން މިނިސްޓްރީގައި ކުރިޔަށް ގެންދިޔަ މާލެ ސިޓީކައުންސިލުގެ މަސައްކަތް ވަގުތީ ގޮތުން ތާޖުއްދީން ސްކޫލަށް ޑިސެމްބަރު 18 ވަނަ ދުވަހު ބަދަލުކުރިއެވެ.

މާލެ ސިޓީކައުންސިލުގެ ޑެޕިއުޓީ މޭޔާ އަހުމަދު ނަރީޝް މިމަހުގެ 12 ވަނަ ދުވަހު (އަލިފާނުގެ ހާދިސާ ހިނގި ދުވަހު) "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ 1960 ގެ އަހަރުގެ ކުރީގެ ލިޔެކިޔުންތައް ވެސް އެތަނުގެ ތެރޭގައި ހުންނާނެނެ ކަމަށެވެ.

އެ ކައުންސިލުގައި ރައްކާކޮށްފައި ހުރި ބައެއް ލިޔެކިޔުންތައް ގެއްލިގެން ދިއުމުގެ ބިރު އެބަ އޮތްކަމަށް އޭނާ ވިދާޅުވިއެވެ. މާލެ ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި މާލެ ސަރަހައްދުގެ އިމާރާތްތަކުގެ ރަޖިސްޓްރީ އަދި ކުދީންގެ އުފަންދުވަހުގެ ސެޓްފިކެޓް ފަދަ ތަކެތި، އަލިފާންގަނޑުތެރޭ އަނދާފައިވާ ކަމަށް ވާނަމަ އެއީ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށާއި ނަމަވެސް މީގެ ފަސް އަހަރު ކުރީގެ ލިޔުންތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރިޔަށްގެންދިޔަކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން އެ ކައުންސިލުން ދޭ ހިދުމަތްތަކުގެ ތެރެއިން މާލެ ސަރަހައްދަށް އުފަންވާ އަދި މަރު ފޯމް ހުށަހެޅުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން ކުރިޔަށްގެންދިޔައީ ހުޅުމާލޭ އަމީން އެވެނިއު މެޕަލް ޓަވަރުގެ ފުރަތަމަބުރީގައެވެ.

ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ހޯދައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނީ ޑިސެމްބަރު 18 ވަނަ ދުވަހު އެ ކައުންސިލުން ކުރިއަށްގެންދިޔަ 176 ވަނަ އާންމު ޖަލްސާގައި މޭޔަރު އާދަމް އާޒިމް އެވެ.

"ކޯޓުތަކުގެ ނިންމުންތަކާއި ސޮފްޓްވެއާއާއި އެއްޗެހިވެސް ޑިޖިޓަލްކޮށް ހުރިހާ އެއްޗެއްވެސް އެބަހުރި. އެހެންވީމަ އަޅުގަނޑުމެންނަށް އެބޭފުޅުން އެކްސެސް ދޭން އެއްބަސްވި. ދެން އަޅުގަނޑުމެންގެ އައިޓީ ޓީމާއި އެމީހުންގެ އައިޓީ ޓީމާ އެއްކޮށް މަސައްކަތްކޮށްގެން ފިއުޗާގައި އެއްކޮށް މަސައްކަތްކުރާ ގޮތަކަށް މިދަނީ. އެހެންވެއްޖެއްޔާ އަޅުގަނޑުމެން ނުޖެހޭނެ ބައެއް ޑޮކިއުމަންޓުތައް ފިއުޗާގައި ސްކޭންކޮށް ކަންތައް ކުރާކަށްވެސް،" މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ނެތި ގޮސްފައިވާ ލިޔެކިޔުންތައް އަލުން ރިކަވާކޮށް އެ ލިޔުންތައް ޑިޖިޓަލްކުރުމަށް ޑީޖޭއޭ އާއި ޑީއެންއާރުން އެއްބާރުލުން ދޭނެ ކަމަށާއި އެ މަސައްކަތް އަވަހަށް ނިންމުމަށް ތިން މުއައްސަސާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަލިފާނުުގެ ހާދިސާއާ ގުޅިގެން މަސައްކަތްތައް މެދުކަނޑާލަން ޖެހުނު ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމަށް ނިންމީ ޑިސެމްބަރު 13 ގައެވެ.

ހައުސިން މިނިސްޓްރީން އަލިފާނުގެ ހާދިސާ ހިނގި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިޔާ ސްކީމްގެ ލިޔުންތަކަށް ވާނެ ގޮތަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ އެ މިނިސްޓްރީން ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށްވާތީ، އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެއެެވެ.

އޭގެއިތުރުން އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީގެ އޮފީސް އެއްކޮށް އަނދައި ހުލިވެފައިވާތީ ސާވާތަކުގައި ހުރި ޑޭޓާތައް އަނބުރާ ލިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއުގެ މައުލޫމާތުތައް ހޯދުމުގައި ދައްޗެއް ނެތް ކަމަށް އެއިރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ޑިސެމްބަރ 13 ގައި ވިދާޅުވިއެވެ.

ދަރުބާރުގޭގައި ހުންނަވައިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ހައިދަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ ސާވާ ސަލާމަތް ކުރެވިފައި ނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ މެދުވެރިކޮށް ސީޕީ އަލީ ޝުޖާއު ޑިސެމްބަރު 20 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، މި ހާދިސާގެ ތަހުގީގަށް ގެނައި އިންޑިއާގެ ޓީމުން މިހާރު ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ އިންޑިއާގެ ކޮން އިދާރާއެއްގެ ބައެއް ކަމެއް އަދި އެ ޓީމު ރާއްޖެ އައިސްފައިވަނީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެއެވެ.

ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފުން އިހުމާލުވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ވެސް ވަނީ މައްސަލަ ހުށަހަޅައިފައެވެ. މިދިޔަ ޑިސެމްބަރި 14 ވަނަ ދުވަހު ދަރުބާރުގޭގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށެވެ.

"މި ވަގުތުގައި ރާއްޖެން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން، އަދި އެކަން ވީހާވެސް އަވަހަކަށް ކުރިއަށް މި އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ޓީމުން އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާއެކު މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތަައްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް އެބަ ކުރަން،" ސީޕީ ވިދާޅުވިއެވެ

އެކަން ކުރުމުގެ ބޭނުމަކީި އެ ހާދިސާއަކީ އަލިފާނުގެ ބޮޑު ހާދިސާއަކަށް ވެފައި، އެކަން ހިނގި ގޮތް ރައްޔިތުންނަށް ވެސް އެނގެން ބޭނުންވުމާއި ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މުހިންމު މައުލޫމާތުތަކަކަށް ވުން ކަމަށެވެ.

އެތަނުގައި ރޯވި އަލިފާން ނިވި ފުލުހުންނަށް ސައިޓް ލިބިފައިވާތީ ފުލުހުންގެ ފޮރެންސިކް ޓީމުން ސައިޓްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ތަނުން ނަގަން ޖެހޭ ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންދ އަންނަ ކަމަށާއި އެ ތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖު ނަގައި ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުން ކުރެވިދާނެ މައުލޫމާތެއް ލިބިފައި ވާނަމަ، އެ މައުލޫމާތެއް ހިއްސާ ކޮށްދިނުމަށް ފުލުހުން މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެދިފައިވެއެވެ. ފުލުހުން އެދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ މައުލޫމާތެއް ލިބިފައި ވާނަމަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުން އެދޭ ކަމަށެވެ.

ރައްޔިތުން މިހާރު ތިބީ އެ ތަހުގީގުގެ މަރުހަލާ ނިމި އަލިފާން ރޯވުމަށް ދިމާވި އަސްލު ސަބަބު ރައްޔިތުންނާ ހިއްސާކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ފުލުހުންގެ މީޑިއާ މެދުވެރިކޮށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ޑިސެމްބަރު 20 ގައި ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުގެ އިދާރާގެ ބައެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ޑިސެމްބަރު 28 ގައި ވިދާޅުވީ އެ ޓީމު އެނބުރި އިންޑިއާއަށް ފުރީ ޑިސެމްބަރު 22 ވަނަ ދުވަހު ކަމަށެވެ. އަދި މިހާތަނަށް ހޯދި ހޯދުންތަކުގެ މައުލޫމާތު މީޑިއާތަކަށް ފަހުން ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހައުސިނގް މިނިސްޓްރީގެ އަލިފާނުގެ ހާސިދާއަށްފަހު މިމަހުގެ 26 ގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަބީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފައެވެ. އެ ބަދަލުތަކުގެ ތެރެގައި ހައުސިން މިނިސްޓްރީ އުވައިލައްވުން ހިމެނެއެވެ. އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ޑރ. އަލީ ހައިދަރު އައްޔަނުކުރައްވައި، ފިނޭންސް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އަށް ބަދަލުކުރެއްވިއެވެ. އެ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމަށް މޫސާ ޒަމީރު ހަމަޖެއްސެވިއެވެ.

ރައީސް ދެން ގެންނެވި ބަދަލަކީ ހައުސިން އާއި އިންފްރާސްޓްރަކްޗާ މިނިިސްޓްރީ އެއްކޮށްލައްވައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް ބަދަލުކުރެއްވުމެވެ. އެ މިނިސްޓްރީގެ މިނިސްޓަރު ކަމަށް ހަމަޖެއްސެވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތޮލިބެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ އެގްރިލަކްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވިއެވެ.

އެ ހުރިހާ ބޭފުޅުން، މަގާމުގެ ހުވައި ކުރެއްވީވެސް ހަމަ އެދުވަހުގައި ކަމަށާއި ވަޒީރުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ސޮއިކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ރައީސް އޮފީހުން ބުނީ މިނިސްޓްރީތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ.