ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު އަމުރުކުރައްވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ސަރުކާރުން އިއުލާނުކޮށްފައިވާ "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމަށް އެދި ފޯމު ބަލައިގަތުމާއި ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވުމުގެ ކަންބޮޑުވުން ޕީޖީ އައްބާސަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެކަމަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ، އެކަމަކީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއް ކަމަށް އައްބާސް ދެކެވަޑައިގަންނަވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"އެހެންކަމުން، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ފޯމު ބަލައިގަތުމާއި ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި ގޯއްޗާއި ފްލެޓް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ތަހުގީގެއް ހިންގުމަށްފަހު، މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނަމަ، އެކަން ތަހުގީގު ކުރުމަށްފަހު ދައުވާކުރުމަށްޓަކައި މިއޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޕްރޮސިކިއުޓާ ޖެނެރަލް އަމުރުކުރައްވައިފިއެވެ،" ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފުތާއަކު އެއް ފަހަރު އައްބާސްއާ ހިއްސާކުރަމުން ގެންދިއުމަށާއި އެ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށް ވެސް އައްބާސް އަމުރުކުރައްވާފައިވާ ކަމަށެވެ.
"ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ އިއްޔެގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އިއްޔެ އެޗްޑީސީއަށް ވަދެފައެވެ.
މި މައްސަލައާ ގުޅިގެން އެމްޑަބްލިޔުއެސްސީން މިއަދު ވަނީ ފަޒީލް ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ފަޒީލް މިއަދު އޮފީހަކަށް ނުނިކުންނަވައެވެ.
ފަޒީލް ސަސްޕެންޑް ކުރި އިރު، މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީ ފަޒުލް ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ފަޒީލަކީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ފަޒީލް ވަނީ އޭނާއަށް ލިބުނު ގޯތީގެ ރެޖިސްޓްރީ ކަމަށް ބުނާ ލިޔުމާއެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެހެންވެ އެޗްޑީސީން ވަނީ އެ ގޯތީގެ ރެޖިސްޓްރީގެ ސައްހަކަން ބެލުމަށް ހައުސިން މިނިސްޓްރީ އަށް ފޮނުވައިފައެވެ. ފަޒީލްގެ އިތުރުން ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް އަބްދުލް މަޖީދު މާހިރު ކިޔާ މީހަކު ވެސް ވަނީ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ، ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.
އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށް ބުނާ ސިޓީއެއް ވެސް ވަނީ ސޯޝަަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު