ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ފިޔަވައި ބޯޑުގެ ހުރިހާ މެެންބަރުން ސަސްޕެންޑުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑް ކޮށްފައިވާ ކަމަށް އިއުލާނުކުރެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ނެރުނު ބަޔާނެއްގައެވެ.

އެޗްޑީސީގެ ބޯޑު މެންބަރުންނަށް ތިއްބަވަނީ އެ ކުންފުނީގފެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި، އަޒްހާރު އަބްދުﷲ ސައީދު، އިބްރާހިމް ޔޫސުފް ފުޅު، މުހައްމަދު ވިޝާމް، އުލާ މުހައްމަދު ރަޝީދު، އާރިފް އަބްދުއްސަމަދު، މުހައްމަދު ނާޖިލް، މުހައްމަދު ވަހީދު، ފާތިމަތު މިޒްނާ އަލީ އަދި ޔޫސުފް ވަހީދެވެ.

ޕީސީބީން މިއަދު ބުނީ ބޯޑު މެންބަރުން ސަސްޕެންޑްކުރީ އެޗްޑީސީއާ ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގަކަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ. އެހެންވެ އެޗްޑީސީގެ ބޯޑު މެންބަރުން ވަނީ ޕީސީބީން ވަކިގޮތެއް އަންގަންދެން ސަސްޕެންޑްކޮށްފައި ކަމަށް ޕީސީބީން ބުންޏެވެ.

"ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތި ދިންކަމަށް ބުނާ މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި އެޗްޑީސީންް ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށްބުނާ ސިޓީއެއްގައި ވަނީ، އެއް ޕްލޮޓަކުން ދެ މީހަކަށް ދޫކުރި 1250 އަކަަފޫޓުގެ ދެ ގޯއްޗެއްގެ ވަށައިފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާކަން ފާހަގަކޮށްފައެވެ. އެ ސިޓީގައި އެ ދެ ފަރާތުގެ ތަފްސީލު ވެސް ވަނީ ހިމަނައިފައެވެ.

އެ ސިޓީއަށް ހައުސިން މިނިސްޓްރީން ދިން ޖަވާބު ކަމަށްބުނާ ސިޓީއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަަށް އެޑްރެސްކުރައްވައި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ދެ ފަރާތަކީ ބިންވެރިޔާ ސްކީމުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކެއް ނޫންކަން އެ ސްކީމުގެ ޑޭޓާބޭސް އިން ދައްކާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ރޭ ފުލުހުން ވަނީ އެޗްޑީސީ ބަލައިފާސްކޮށްފައެވެ.

މި މައްސަލައިގައި އެމްޑީ ފަޒުލް ވަނީ ރޭގެ ވަގުތެއްގައި ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވައިފައެވެ. ހޫނުކޮށް ދިޔަ އެ ބައްދަލުވުމުގައި، ފަޒުލް ވަނީ އޭނާގެ މައްޗަށްކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިއަދުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑު މެންބަރުން ސަސްޕެންޑްކުރީ ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގަށް މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމުގެ ގޮތުން ކަމަށެވެ.

އެކަމާ ގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ދެއްވައި ކަމަށް ހީނާ ވިދާޅުވިއެވެ.