ފްރާންސް ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީން ރޭ ކުޅުނު މެޗުގައި މޮނާކޯ ބަލިކޮށްފިއެވެ.

ޕީއެސްޖީން ރޭ ރަށުން ބޭރުގައި 4-2 ގެ ނަތީޖާއަކުން މޮނާކޯ ބަލިކުރި އިރު، މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ އިޓަލީ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާގެ މޫނަށް ބޮޑު އަނިޔާއެއް ވެ ބާލަން ޖެހިފައިވެއެވެ.

މޮނާކޯ ޑިފެންޑަރު ވިލްފްރީޑް ސިންގޯގެ ބޫޓުން ޑޮނަރޫމާގެ މޫނުގައި ޖެހި، އޭނާގެ މޫނު ފަޅައިގެން ގޮސްފައިވާ އިރު، ޕީއެސްޖީން ބުނީ 10 ތަނަކުން މޫނުމަތި ފަހަން ޖެހުނު ކަމަށެވެ. އޭނާގެ ބަދަލުގައި މެޗުގެ ބާކީ ބައިގައި ކުޅެން ނުކުމެފައި ވަނީ މަޓްވޭ ސަފޮނޯވް އެވެ. ޕީއެސްޖީއަށް ޑޮނަރޫމާ ބަދަލުކުރަން ޖެހިފައި ވަނީ 22 ވަނަ މިނެޓުގައެވެ.

އޭގެ އިރުކޮޅެއްފަހުން ޕީއެސްޖީން މެޗުގައި ލީޑު ނެގީ ޑެސީރޭ ޑޮއޫގެ ގޯލުންނެވެ. އެއީ އަޝްރަފް ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.

ދެވަނަ ހާފަށް ނުކުމެ ޕީއެސްޖީއަށް އުނދަގޫތަކެއް ދިމާވީ މޮނާކޯގެ އެލީސޭ ބެން ސެގީރާއި ބްރީލް އެމްބޯލޯ ޖެހި ގޯލުތަކުން މެޗުގެ ނަތީޖާ އެނބުރުމުންނެވެ. ފަހަތުން އަރައި މޮޅުވާން ޕީއެސްޖީން ކުރި މަސައްކަތުގައި އުސްމާން ޑެމްބެލޭ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އެޓީމު މޮޅުވި ގޯލު ޖެހީ ގޮންކާލޯ ރާމޯސްއެވެ.

ޕީއެސްޖީން މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 16 މެޗުން 40 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މާސޭ 15 މެޗުން 30 ޕޮއިންޓާއެކު އޮތް އިރު، މޮނާކޯ ތިންވަނައިގައި އޮތީ 16 މެޗުން 30 ޕޮއިންޓާއެކުގައެވެ.