އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން ކ. ގުރައިދޫ ބަލިކޮށް، މާލޭ ސިޓީން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ކުއާޓާ މެޗުގައި މާލެއިން ގުރައިދޫ ބަލިކުރީ ޕެނަލްޓީގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާލެ މޮޅުވީ 5-3 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި މާލެއަށް ތަފާތު ދެއްކީ ދެ ޕެނަލްޓީ މަތަކުރި ތޮލާލް ހަސަން (ޓޮޕްލަކް)އެވެ. މެޗު ތެރެއިންވެސް މުހިއްމު ހަމަލާތަކެއް ސޭވްކުރި ޓޮޕްލަކް ވަނީ ގުރައިދޫގެ މުހައްމަދު ނާއިމާއި ބިދޭސީ ކުޅުންތެރިޔާ މޮއާޒް ގަބޭރް ޖެހި ޕެނަލްޓީވެސް ކާމިޔާބު ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ ގުރައިދޫންނެވެ. އެޓީމަށް ގޯލު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އަހުމަދު އިބްރާހީމް އައްބާސެވެ. މާލޭގެ ފަހަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި އޭނާ ގޯލަށް ބޯޅަ ވައްދާލީ އޭރިއާ ތެރެއިން ހުސްކޮށް ހުރެގެންނެވެ.

ގުރައިދޫގެ ގިނަ ސަޕޯޓަރުންނާއެކު ކުޅުނު މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، މާލެއިން އެއްވަރުކުރިއެވެ. މާލެ އެއްވަރުކުރީ ގުރައިދޫގެ ޑިފެންޑަރު، އަހުމަދު ނޫމާން (ހެލްމެޓް) އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. އެ ގޯލަކީ މާލޭގެ މިޑްފީލްޑަރު ހަލީލް ގަމާލްގެ ހިލޭ ޖެހުމެއް ދިފާއުކުރުމަށް ހެލްމެޓް ކުރި މަސައްކަތުގައެވެ.

މެޗުގެ ފަހުކޮޅުވެސް ފޯރިގަދަކޮށް ފެނުނު ޕެނަލްޓީގައި ގުރައިދޫ ކީޕަރު އަހުމަދު ސަމީރު ވެސް އެއް ޕެނަލްޓީ މަތަކުރިއެވެ. އެެހެންނަމަވެސް ޓޮޕްލަކް ވަނީ ދެ ސޭވްއަކާއެކު މެޗު ކާމިޔާބު ކޮށްފައެވެ.

މާލެއިން ސެމީގައި ނުކުންނަން ޖެހޭނީ އިއްޔެ ހަވީރު މޮޅުވި ބ. އޭދަފުއްޓާ ދެކޮޅަށެވެ. ކުއާޓާ އަނެއް ދެމެޗު މިއަދާއި މިރޭ އޮންނާނެއެވެ.