މެންޗެސްޓާ ޔުނައިޓެޑާ އަލަށް ހަވާލުވި ކޯޗު، ރުބެން އަމޯރިމްއާއި އެ ކްލަބުގެ ފޯވަޑް މާކަސް ރަޝްފޯޑާ ދެމެދު ހިޔާލު ތަފާތު ވެއްޖެއެވެ.

ޔުނައިޓެޑާ ދާދިފަހުން ހަވާލުވި ކޯޗު އަމޯރިމްގެ މަސައްކަތް އެ ކްލަބާއެކު ފަށައިގެން، ފުރަތަމަ ކޮޅުގައި ރަޝްފޯޑަށް ވަނީ ފުރަތަމަ 11 އިން ޖާގަ ދީފައެވެ. އެހެން ނަމަވެސް އެޓީމުން އެންމެފަހުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުގައިވެސް ރަޝްފޯޑު ހިމަނާފައެއް ނުވެއެވެ.

އަމޯރިމް ބުނީ އެ މެޗުގެ ސްކޮޑަށް ރަޝްފޯޑް ނުނެގީ ތަމްރީނުތަކުގައި އެކަށީގެންވާ މަސައްކަތެއް ނުކުރުމުން ކަމަށާއި، އޭނާގެ ސްކޮޑަށް އެނބުރި އައުމަށް ރަޝްފޯޑު ކުރަން ޖެހޭނެ ކަމަކީ ތަމްރީނުތަކުގައި އެކަށީގެންވާ މަސައްކަތެއް ކުރުން ކަމަށެވެ.

އެ މައްސަލައިގައި ރަޝްފޯޑު ހިތްހަމަ ނުޖެހިގެން ބުނީ މިހާރު ހުރި ހާލަތުން "އާ ޗެލެންޖެއް" ބޭނުންވާ ކަމަށާއި، ޔުނައިޓެޑް ދޫކޮށްލުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

އަމޯރިމް އެކަމުގައި ރަޝްފޯޑަށް ޖަވާބުދާރީ ވަމުން ބުނީ "ޔުނައިޓެޑަށް ފޯވަޑެއް ބޭނުން،" ކަމަށާއި، އެ ފޯވަޑަކީ ރަޝްފޯޑު ކަމަށެވެ.

"އަހަރެމެން ބޭނުންވޭ ވަރުގަދަ، ހުނަރުވެރި ފޯވަޑެއް. ހާއްސަކޮށް ކްލަބުގެ ޔޫތު ލެވެލްގައި ކުޅެފައި ހުރި ވަރުގަދަ ފޯވަޑެއް ރަޝްފޯޑަކީ. އެހެންވީމަ އޭނާއަކީ މުހިއްމު ކުޅުންތެރިއެއް. އަހަރެން ބޭނުންވަނީ ރަޝްފޯޑަށް އެހީވާން. ކުރިމަގަށް މިވަގުތު ވާހަކަ ދެއްކުން ކަމަކު ނުދޭ،" އަމޯރިމް ބުންޏެވެ.

އޭގެ އިތުރުން އަމޯރިމް ބުނީ ޔުނައިޓެޑާއެކު މިހާރު ކުރިއަށް އޮތް ޗެލެންޖަކީ އޭނާއަށް އާ ޗެލެންޖެއް ކަމަށާއި، އާ ޗެލެންޖެއް ބޭނުންވާނަމަ އެ ޗެލެންޖާ ކުރިމަތިލުމަށް ކަމަށެވެ. އަދި މިހާތަނަށް ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު އެއް ޗެލެންޖަކީ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުން ކަމަށްވެސް ކުރިން ސްޕޯޓިންއަށް ކޯޗުކަން ކޮށްދިން އަމޯރިމް ބުންޏެވެ.

ރަޝްފޯޑު މިހާތަނަށް ޔުނައިޓެޑަށް 426 މެޗު ކުޅެ، 138 ގޯލު ޖަހައިދީފައިވެއެވެ. އޭނާގެ އެންމެ ކާމިޔާބު ސީޒަނަކީ 2022-23 ވަނަ އަހަރުގެ ސީޒަނެވެ. އެ ސީޒަނުގައި އޭނާ 56 މެޗުގައި 30 ގޯލު ޖެހި ނަމަވެސް، މިދިޔަ 18 ވަރަކަށް މަސް ދުވަހުގައި އެ ފޯމު ވަނީ ދަށްވެފައެވެ. އެގޮތުން އެންމެފަހުން ކުޅުނު 67 މެޗުގައި ރަޝްފޯޑަށް ޖެހުނީ 15 ގޯލެވެ.