އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ޅ. ނައިފަރު ބަލިކޮށް، ބ. އޭދަފުށިން ސެމީ ފައިނަލް ޔަގީން ކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ސަޕޯޓަރުންގެ ފޯރިއާއެކު އޭދަފުށިން ނައިފަރު ބަލިކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އޭދަފުށިން މިއަދު އެ ރަށުގެ ފެންވަރު ދައްކާލީ ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިންވެސް މެޗަށް ނެރެގެންނެވެ.
އެގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުންދާ ހައިޝަމް ހަސަން (ބިޑި)، އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ރިލީސް ހޯދައި، މިއަދުގެ މެޗު ކުޅެފައިވެއެވެ. އެ ކުޅުންތެރިންގެ ތެރެއިން ސެންޓޭއާއި ބިޑި ފުރަތަމަ 11 ގައި ފެނުނު އިރު، ހަމްޕު ވަނީ ފަހު ހާފުގައި މެޗަށް ނުކުމެފައެވެ.
އޭދަފުށިން މެޗު ވަރުގަދަކޮށް ފަށައި، ކުރީކޮޅުގައި ތިން ގޯލު ޖެހިއެވެ. އޭގެ ތެރެއިން ފުރަތަމަ ގޯލު ނައިފަރުގެ އިބްރާހިމް ވިޝާމް އަތުން ބައިކޮޅަށް ވަން އިރު، އެޓީމުގެ ދެވަނަ ގޯލު ޖެހީ ސެންޓޭއެވެ. އޭގެފަހުން އޭދަފުށީގެ ތިންވަނަ ގޯލު އަހުމަދު އައިހަމް (އައިހު) ޖެހި އިރު، އެޓީމަށް ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ލިބި ނާކާމިޔާބުވިއެވެ.
ސެންޓޭއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީން ހައިޝަމް ފޮނުވާލި ބޯޅަ މަތަކުރީ ނައިފަރު ކީޕަރު އަބްދުﷲ އެވެ.
އޭދަފުށިން މެޗުގެ ދެވަނަ ހާފުވެސް ޑޮމިނޭޓްކޮށް ކުޅެފައިވާ އިރު، ހަތަރު ވަނަ ގޯލު ޖެހީ، އިޝާން އިބްރާހިމް (ސައްޓު) ދިން ބޯޅައަކުން މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. އޭގެ އިރުކޮޅެއްފަހުން އޭދަފުއްޓަށް ފަސްވަނަ ގޯލު ޖަހައިދިނީ އެޓީމުގެ ލެޖެންޑަރީ ވިންގް، ސައްޓުއެވެ.
ސެމީ ފައިނަލުގައި އޭދަފުށި ނުކުންނަން ޖެހޭނީ ކުއާޓާ ފައިނަލުގައި މާލެ ސިޓީއާއި ކ. ގުރައިދޫ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް