އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި އޮތް ޗެލްސީން ރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑު ބަލިކުރި އިރު، ޓޮޓެންހަމްއިން ސައުތުހެމްޓަން ކޮޅަށް ފަސް ގޯލު ޖަހައިފިއެވެ.

ޗެލްސީން ރޭ އަމިއްލަ ދަނޑުގައި މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު އެޓީމުންވަނީ ތަށީގެ ރޭހުގައި ލިވަޕޫލާ ގާތަށް ޖެހިލައިފައެވެ. މިވަގުތު ޗެލްސީން 16 މެޗުން 34 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، އެއްވަނައިގައި ލިވަޕޫލް އޮތީ 15 މެޗުން 36 ޕޮއިންޓާއެކުގައެވެ.

އެންމެފަހުން ކުޅުނު ހަތް މެޗުންވެސް މޮޅުވެފައި އޮތް ޗެލްސީން ރޭގެ މެޗުގެ ފުރަތަަ ހާފުގައި ލީޑު ނެގީ މާކް ކުކުރޭލާގެ ގޯލުންނެވެ. ނޮނީ މަޑުއޭކޭގެ ހުރަހުން ކުކުރޭލާ ޖެހި އެ ގޯލަކީ ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ޗެލްސީގެ ނިކޮލަސް ޖެކްސަން އަތުން ރަނގަޅު ފުރުސަތުތަކެއް ބޭކާރުވެގެން ދިޔައެވެ. އަނެއްކޮޅުން ބްރެންޓްފޯޑުންވެސް ޗެލްސީއަށް ނުރައްކާ ކޮށްފައިވާ އިރު، ކްރިސްޓިއަން ނޯގާޑް އޭރިއާ ތެރެއިން ފޮނުވާލި ވޮލީ މަތަކުރީ ޗެލްސީ ކީޕަރު ރޮބާޓް ސަންޗޭޒްއެވެ.

އޭގެފަހުން ފަބިއާ ކާވާލިއޯ ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވެފައިވާ އިރު، ޗެލްސީން ތިން ޕޮއިންޓް ޔަގީންކުރީ ނިކޮލަސް ޖެކްސަންގެ ދެވަނަ ގޯލުންނެވެ. ބްރެންޓްފޯޑުން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި ފަހުވަގުތު ބްރައިން އެމްބުއޭމޯ ގޯލެއް ޖެހި ނަމަވެސް، ޗެލްސީން މޮޅު ޔަގީންކުރިއެވެ.

ރޭގެ މެޗު ނިމުމަށްފަހު ހިނގި ބައެއް ހަމަނުޖެހުންތަކުގެ ތެރެއިން ޗެލްސީގެ ކުކުރޭލާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައިވެއެވެ.

ޓޮޓެންހަމްއިން ރޭ ރަށުން ބޭރުގައި ސައުތުހެމްޓަން ކައިރިން 5-0 އިން މޮޅުވި އިރު، އެ މޮޅާއެކު އެޓީމު 10 ވަނައިގައި އޮތީ 16 މެޗުން 23 ޕޮއިންޓާއެކުގައެވެ.

ރޭ ޓޮޓެންހަމްގެ ޖޭމްސް މެޑިސަން ދެ ގޯލު ޖެހި އިރު، ދެން ގޯލުތައް ޖެހީ ސޮން ހިއުން-މިންއާއި ޑިޖާން ކްލުސޭވްސްކީ އަދި ޕަޕޭ ސާއެވެ.

ސައުތުހެމްޓަން އުނދަގޫ ހާލަތެއްގައި މިވަގުތު އޮތް އިރު، އެޓީމު ތާވަލުގެ ފުލުގައި އޮތީ 16 މެޗުން ފަސް ޕޮއިންޓާއެކުގައެވެ. އެއީ 13 މެޗުން ބަލިވެ، ދެމެޗުން އެއްވަރުވެގެންނެވެ. މިހާތަނަށް ލީގުގައި އެޓީމަށް ހޯދިފައި އޮތީ އެންމެ މޮޅެކެވެ.