އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެންޗެސްޓާ ޑާބީގައި މެންޗެސްޓާ ސިޓީ ކައިރިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ސިޓީ ދަނޑުގައި ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއަކީ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމްއަށް މުހިއްމު ނަތީޖާއެކެވެ. އެ މޮޅާއެކު ޔުނައިޓެޑް ލީގު ތާވަލުގެ 13 ވަނައިގައި 22 ޕޮއިންޓާއެކު އޮތް އިރު، ސިޓީ މިވަގުތު އޮތީ ފަސް ވަނައިގައެވެ.
މިދިޔަ ހަތަރު ސީޒަނުގެވެސް ލީގު ޗެމްޕިއަން ސިޓީން 16 މެޗު ކުޅެގެން 27 ޕޮއިންޓާއެކު އޮތް އިރު، ސިޓީން މިހާތަނަށް މި ސީޒަނުގެ ލީގުގައި ފަސް މެޗުން ބަލިވެ، ތިން މެޗުން އެއްވަރުވެފައިވެއެވެ. މޮޅުވީ އަށް މެޗުްނެވެ.
ރޭގެ މެޗު ފެށިގެން ދެޓީމުވެސް މެޗު ތެރެއަށް ވަނުމަށް ވަގުތު ކޮޅެއް ނެގިއެވެ. ފޯމު ކަޓައިފައި އޮތް ދެޓީމުވެސް ހަމަޖެހިލައިގެން ކުޅެން މާ ބޮޑު ފުރުސަތެއް ފުރަތަމަ ހާފުގައި ލިބިގެން ގޮސްފައިނުވާ އިރު، ސިޓީން ލީޑު ނެގީ 36 ވަނަ މިނެޓުގައެވެ. އެއީ ޖޮސްކޯ ގްވާޑިއޯލް ޖެހި ގޯލެކެވެ. އެއީ ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައި އޭނާ ޖެހި ގޯލެކެވެ.
އޭގެ ފަހުންވެސް ފުރަތަމަ ހާފުގައި ބޮޑަށް ނުރައްކާކޮށް ފެނުނީ ސިޓީންނެވެ. އެގޮތުން ހާފު ނިމެން ދަނިކޮށް ޖެރަމީ ޑޮކޫ ތަނަވަސްކުރި ފުރުސަތެއްގައި މެނުއަލް އުގާޓޭ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
ރޭގެ މެޗަށް ޔުނައިޓެޑްގެ ކޯޗު ވަނީ ބޮޑު ނިންމުމެއްވެސް ނިންމައިފައެވެ. މާކަސް ރަޝްފޯޑާއި އަލެހާންޑްރޯ ގަނާޗޯއަށް އަދަބު ދިނުމުގެ ގޮތުން، އެ ދެކުޅުންތެރިންވެސް ސްކޮޑުގައި ހިމަނާފައި ނުވާ އިރު، ފުރަތަމަ 11 އަށް ނެރުނީ މޭސަން މައުންޓާއި އަމަޑް ޑިއާލޯއެވެ.
މައުންޓަށް އަނިޔާވެ ބާލަން ޖެހުނު އިރު، ޑިއާލޯ ވަނީ މެޗުގައި ތަފާތު ދައްކައިފައެވެ.
ދެވަނަ ހާފު ފެށިގެން ޔުނައިޓެޑުން މަޑުމަޑުން ގޭމް ތެރެއަށް ވަދެ ނުރައްކާކުރަން ފަށާފައިވާ އިރު، ހާފުގެ ކުރީކޮޅުގައި ބްރޫނޯ ފެނާންޑޭޒް ޖެހި ދެ ބޯޅައެއްވެސް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
ކުޅުން ރަނގަޅުކޮށް ޔުނައިޓެޑުން ކުރަމުން އައި މަސައްކަތް ކާމިޔާބުކުރީ ފަހު މިނެޓު ކޮޅުގައެވެ. 88 ވަނަ މިނެޓުގައި ސިޓީގެ ފަހަތުން ހެދި ގޯހަކުން ލިބުނު ޕެނަލްޓީގައި ފެނާންޑޭޒް އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އެ ގޯލަށް މިނެޓެއްވީ ތަނާ، ޑިއާލޯ ވަނީ ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖަހައި މެޗު އަނބުރާލައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު