އަމިއްލަ ފަރާތެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގޯލްޑް ކަޕްގެ ދެވަނަ ބުރުގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޅ. ނައިފަރުން ދ. މީދޫ ބަލިކޮށްފިއެވެ.

ގޯލްޑް ކަޕްގެ ދެވަނަ ބުރުގައި ވާދަކުރަމުންދަނީ 12 ޓީމެވެ. 12 ޓީމު ހަތަރު ގްރޫޕެއްގައި ވާދަކުރަމުންދާ އިރު، ކޮންމެ ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ. އޭގެ ތެރެއިން ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެވެ.

މީދުއާއި ނައިފަރު ހިމެނެނީ ދެވަނަ ބުރުގެ ގްރޫޕް ޖީގައެވެ. ދެން އެ ގްރޫޕްގައި ހިމެނެނީ އައްޑޫ ސިޓީއެވެ. އައްޑުއާއި މީދޫ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗު 3-3 އިން އެއްވަރުވެފައި އޮތުމުން ނައިފަރަށް ވަނީ ފުރަތަމަ ތިން ޕޮއިންޓާއެކު ކުއާޓާ ފައިނަލް ޔަގީންވެފައެވެ.

ދެން އެ ގްރޫޕްގައި އޮންނާނީ އައްޑުއާއި ނައިފަރު ވާދަކުރާ މެޗެވެ. އެ މެޗު ފަހު މެޗަކަށް އޮތުމާއެކު މީދުއަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނައިފަރުން ލީޑު ނެގި އިރު، އެ ގޯލަކީ މީދޫގެ ހައްމާމް ރަޝީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ހާފަށް ނުކުމެ، އެ ހާފުގެ ކުރީކޮޅުގައި ނައިފަރުން މެޗުގެ ލީޑު ފުޅާކޮށް ތިން ޕޮއިންޓް ޔަގީންކުރިއެވެ.

އެ ގޯލު ޖެހީ އިމްރާން މުހައްމަދެވެ. ނައިފަރަށް ދެވަނަ ހާފު ޗެލެންޖިން ހާފަކަށްވީ ކުޅުންތެރިޔަކު މަދުކޮށް ބޮޑުބައެއް ކުޅެމުން ޖެހުމުންނެވެ. އެޓީމުގެ އިބްރާހީމް ޝަރީފަށް މެޗުގައި ރަތް ކާޑު ދައްކާފައިވީ ނަމަވެސް، ނައިފަރުން ވަނީ ރަނގަޅަށް ޑިފެންސްކޮށް މެޗު ކާމިޔާބުކޮށްފައެވެ.