ސައުދީ އަރަބިއާއިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ކޮށްފައިވާ ބިޑު ކާމިޔާބުވެފައިވާ ކަމަށް ފީފާއިން މިރޭ ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އެކަން އިއުލާނުކުރީ ފީފާއިން މިރޭ ބޭއްވި އޮންލައިން ކޮންގްރެސްއަށްފަހުގައެވެ. މިރޭ ވޯޓަށް އަހާފައިވަނީ ސައުދީ އަރަބިއާގައި ބާއްވާ 2034 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2030 ވަނަ އަހަރު ސްޕެއިނާއި މޮރޮކޯ އަދި ޕޯޗުގަލްގައި ބާއްވަން ތައްޔާރުވެފައިވާ ވޯލްޑް ކަޕްގެ ހޯސްޓިން ބިޑަށެވެ. އެ ބިޑުވެސް ވާދަވެެރިއެއް ނެތި ކާމިޔާބުވެފައިވާ އިރު، ސްޕެއިނާއި މޮރޮކޯ އަދި ޕޯޗުގަލްގައި ބާއްވާ ވޯލްޑް ކަޕްގެ ބައެއް މެޗުތައް އުރުގުއާއީއާއި އާޖެންޓީނާ އަދި ޕެރަގުއާއީގައިވެސް ކުޅުމަށް ހަމަޖައްސާފައިވެއެވެ.
މިރޭގެ ހާއްސަ ކޮންގްރެސްގައި ގައުމުތަކުން ވޯޓު ލާފައިވަނީ ކެމެރާ ކުރިމަތީގައި އަތްތިލަބަޑި ޖަހައިގެންނެވެ. ފީފާއިން ބުނީ ގައުމުތަކުގެ ރަސްމީ ވޯޓުތައް މިރޭ ބައްދަލުވުމުގެ ކުރިން ހުށަހެޅި ކަމަށާއި، ވޯޓު ނުލާ ގައުމަކީ ނޯވޭ ކަމަށެވެ.
ނޯވޭއިން ވޯޓުގައި ބައިވެރިނުވާން ނިންމާފައިވަނީ މިހާރު އޮތް ވޯލްޑް ކަޕް ބިޑިން ޕްރޮސެސްއާ މެދު ކަންބޮޑުވާތީއެވެ. އޭގެ އިތުރުން ސްވިޒަލޭންޑްގެ އެފްއޭއިން ވަނީ ސައުދީ ބިޑަށް ތާއީދުކުރި ނަމަވެސް، އެގައުމުގެ އިންސާނީ ހައްގުތައް ކަށަވަރުވޭތޯ ޔަގީންކުރަން ފީފާއަށް އެދިފައެވެ.
އޭގެ އިތުރުން ޑެންމާކުގެ އެފްއޭއިންވެސް ވަނީ ކުރިއަށް އޮތް 2030 އަދި 2034 ގެ ވޯލްޑް ކަޕް ހޯސްޓް ކުރުމަށްވެސް އެންމެ ބިޑެއް ކޮށްފައި އޮތުމާއެކު ކަންބޮޑުވުން ފާޅުކޮށް، ފީފާގެ ބިޑް އިވެލުއޭޝަން ޕްރޮސެސް ބަދަލުކުރުމަށް އެދިފައެވެ.
ފީފާއިން ސައުދީގެ ބިޑަށް ޖުމުލަކޮށް، 5 އަކުން 4.2 ގެ ސްކޯއެއް ދީފައިވެއެވެ. އެއީ މިހާތަނަށް ވޯލްޑް ކަޕް ބިޑަކަށް އިވެލުއޭޝަން ކޮމިޓީން ދީފައިވާ އެންމެ މަތީ ސްކޯއެވެ. ސައުދީން ވޯލްޑް ކަޕަށް ސްޓޭޑިއަމްތައް މަރާމާތުކޮށް، މުޅިން އާ ސިޓީ އޭރިއާއެއް ތަރައްގީ ކުރަން ނިންމާފައިވާ އިރު، އެކަންކަމަށް އަލިއަޅުވާލައި އިވެލުއޭޝަން ރިޕޯޓުގައި ބުނީ، ކުރާ ހަރަދު ބޮޑު ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރަން ސައުދީން ވިސްނާފައިވާ ކަމަށެވެ. އަދި ތިމާވެއްޓާ ރަށްޓެހި ވޯލްޑް ކަޕަކަށް ސައުދީން ސަމާލުކަން ދީފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ފީފާ
ފީފާ
ފީފާ
ފީފާ