ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗު ކާމިޔާބުކޮށް، އެޓީމުގެ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑު ދެމެހެއްޓި އިރު، ޕީއެސްޖީ އާއި ބަޔާން މިއުނިކް ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
ރޭގެ މެޗަށް ނުކުތް އިރުވެސް ޔަގީނުންވެސް ޕްލޭ އޮފް ބުރަށް ދާނެކަން ލިވަޕޫލަށް އޮތީ ޔަގީންވެފައެވެ. ގިރޯނާއާ ދެކޮޅަށް ކުޅެ، 1-0 އިން ރޭ ހޯދި މޮޅާ އެކު މިހާތަނަށް ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ކުޅުނު ހަ މެޗުންވެސް ލިވަޕޫލް އޮތީ މޮޅުވެފައެވެ. އެއާއެކު އެއްވަނައިގައި 18 ޕޮއިންޓާ އެކު އޮތް އިރު، ދެވަނައިގައި އޮތް ލެވަކޫސަން އާއި ތިންވަނައިގައި އޮތް އެސްޓަން ވިލާ، ހަތަރު ވަނައިގައި އޮތް އިންޓަ މިލާން އަދި ފަސްވަނައިގައިވާ ބްރެސްޓަށްވެސް ލިބިފައި ވަނީ ހަ މެޗުން 13 ޕޮއިންޓެވެ. އެހެންކަމުން ލިވަޕޫލް އޮތީ ގާތްގަނޑަކަށް އަނެއް ބުރަށް ކޮލިފައިވެއެވެ.
ރޭގެ މެޗުގައި ގިރޯނާއިން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސަށް ވިސްނައިގެން ކުޅުމުގެ ސަބަބުން ލިވަޕޫލަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.
ގޯލަކަށް ކުރި މަސައްކަތް ލިވަޕޫލަށް ކާމިޔާބުވީ 63 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ގިރޯނާގެ ޑިފެންޑަރު ލުއިސް ޑިއާޒަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ ލިވަޕޫލަށް ލީޑު ނަގައިދިނީ މުހައްމަދު ސަލާހެވެ.
ރޭގެ މެޗުގައި ޖިރޯނާއިން ގޯލަކަށް ކުރި މަސައްކަތަށް ހުރަސް އެޅީ، އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުމަށްފަހު އެނބުރި ފުރަތަމަ 11 އަށް ނުކުތް ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާއެވެ.
ޕީއެސްޖީން ރޭ ރަށުން ބޭރުގައި އާރްބީ ސާލްސްބާގު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕީއެސްޖީގެ ގޯލުތައް ޖެހީ ގޮންކާލޯ ރާމޯސްއާއި ނޫނޯ މެންޑޭޒް އަދި ޑެސެއާ ޑޯއޫއެވެ.
އެ މޮޅާއެކު ޕީއެސްޖީ 24 ވަނައިގައި އޮތީ ހަތް ޕޮއިންޓާއެކުގައެވެ. ރޭ ރަށުން ބޭރުގައި ޝަކްޓާ ޑޮނެސްކް ކައިރިން 5-1 އިން މޮޅުވި ބަޔާން މިވަގުތު ތާވަލުގެ އަށް ވަނައިގައި އޮތީ ހަ މެޗުން 12 ޕޮއިންޓާއެކުގައެވެ.
ރޭ ބަޔާން މެޗުގައި އެޓީމަށް ގޯލުތައް ޖަހައިދިނީ ކޮންރަޑް ލައިމާއާއި ތޯމަސް މުލާގެ އިތުރުން މައިކަލް އޮލީސޭއާއި ޖަމާލް މުސިއާލާއެވެ. އޮލީސޭ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ޝަކްޓާއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖަހައިދިނީ ކެވިންއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު