ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އެމްޑީޕީ އޮންނާނީ ތައްޔާރަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

"ގާނޫނު އަސާސީގެ ދިފާއުގައި" ނަމުގައި އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ކުރިއަށް އޮތީ ވަރަށް އުނދަގޫ އަދި ބިރުވެރި ދުވަސްތަކެއް ކަމަށާއި މިކަންކަން ހައްލު ކުރަން މިހާރުން މިހާރަށް މަސައްކަތްތަކެއް ނުކޮށްފިނަމަ، އަނެއްކާވެސް އަނިޔާވެރި ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ސޯލިހް ވިދާޅުވީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް މި ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށާއި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނީ އެ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ. އެމްޑީޕީ އަބަދުވެސް އޮންނާނީ ރައްޔިތުންގެ ހައްގުގައި، ރައްޔިތުންނާ އެކީ ކަމަށެވެ. ހަމައެކަނި ރައްޔިތުންގެ ފަޅީގައި ނޫން ކަމަށާއި އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެކު ކަމަށް ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށާއި މިއަދު އެންމެން އެކުގައި ފަހަތަށް ނުޖެހި މި ސަރުކާރާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށެވެ. އެއިރުން ރައްޔިތުންގެ އަޑު އަހަން މަޖުބޫރުވާނެ ކަމަށް ވެސް ސޯލިހް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ އަޅުގަނޑުމެންގެ ތެރެއިން އެންމެން ކުރަންވީ ކަމަކީ، ފަހަށް ނުޖެހި ނުކުންނަންވީ. އަޑުއަހަން މަޖުބޫރުވާނެ. ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަން މަޖުބޫރުވާނެ. އަޅުގަނޑުމެން ނުވާނެ ފަހަތަށް ޖެހިގެންނެއް. ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި. އެމްޑީޕީ މިއަދު މިއޮތީ ތިޔަ ރައްޔިތުންނާ އެކީގައި. މި ހައްގުތައް ހޯދައިދިނުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް،" ސޯލިހް ވިދާޅުވިއެވެ.

މި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށާއި ރައްޔިތުން ދަތި އުނދަގޫ ދުވަސްތަކެއް ތަހަންމަލު ކުރަމުންދާ ކަމަށެވެ. އަދި ދަތި އުނދަގޫ ހާލަތަކާ ދިމާ ނުވާ އެއްވެސް ރައްޔިތަކު މިހާރު މި ގައުމުގައި ނެތް ކަމަށް ސޯލިހް ވިދާޅުވިއެވެ.

ހުރިހާ ހައްގުތަކެއް ނިގުޅައިގަނެ، ރައްޔިތުންގެ ބާރުވެރިކަން ސަރުކާރުގެ އަތްދަށަށް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުން ކަމަށް ސޯލިހު ވިދާޅުވިއެވެ.