ފެހި ގާނޫނުއަސާސީގެ ދެވަނަ މާއްދާގައިވާ ގޮތުން ދިވެހި ދައުލަތަކީ ރައްޔިތުންގެ ވެރިކަމެއް ހިންގާ ގައުމެކެވެ. އަދި ދައުލަތުގެ ކަންކަން ހިނގާގޮތުގެ މައުލޫމާތު ރައްޔިތުންނަށް ހޯދޭނެ ގޮތަކަށް ދައުލަތުގެ ކަންކަން އިންތިޒާމުވެފައި އޮތުމަކީ ރައްޔިތުންގެ ވެރިކަން ދެމިއޮތުމަށް ކޮންމެހެން ބޭނުންވާ ރުކުނެއް ކަމަށް ގާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. ދައުލަތުގެ ކަންކަން ހިނގާގޮތުގެ މައުލޫމާތު ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އޮތުމުގެ ނަތީޖާއަކަށް ވެގެންދާނީ ކޮރަޕްޝަން އަމަލުތައް މަދުކުރެވިގެންދިޔުމާއި ދައުލަތް ހިންގާ ފަރާތް ޖަވާބުދާރީކުރުވުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދިޔުމެވެ. މިއީ ރައްޔިތުންނަށް ލިބިގެންދާ އިންތިހާ ދަރަޖައިގެ މަތީ ބާރެކެވެ. ދައުލަތުގެ މުވައްޒަފުންނާއި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ނިޒާމެއް ވުޖޫދުގައި އޮންނާނީ ދައުލަތުގެ އެންމެހައި ގުނަންތައް ހިނގާނުހިނގާ ގޮތުގެ މައުލޫމާތާއި ކުރާ ކަންތަކާއި ނިންމާ ނިންމުންތަކުގެ މައުލޫމާތު ރައްޔިތުންނަށް ލިބިގެންނެވެ. އެ މައުލޫމާތު ފުރަތަމަ ވާސިލުވަނީ ނޫސްވެރިންނަށެވެ. އެއަށްފަހު ރައްޔިތުންނަށެވެ. ދައުލަތުގެ މުއައްސަސާތަކުން ކުރާ މުއާމަލާތްތައް ސިއްރިޔާތުގައި ވަންހަނާވެ ފޮރުވިގެން ހިންގާނަމަ ކޮރަޕްޝަނަށް މަގުފަހިވެ، ގާނޫނުތަކުން ވެރިންނާ މަތިކޮށްފައިވާ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމާމެދު ޝައްކެއް ނެތެކެވެ. ގާނޫނުއަސާސީގެ ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ބާބުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މައުލޫމާތު ހޯދުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައިވާ މައުލޫމާތު ހޯދުމުގެ ހައްގު ތަންފީޒުކުރުމުގެ ގޮތުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ހަދާފައިއޮވެއެވެ.

މައުއުލޫމާތު ހޯދުމަށް ގާނޫނުއަސާސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގަކީ ދައުލަތުގެ ކަންކަން ހާމަކޮށް ހުޅުވައިލައިގެން ހިންގުމަށް މަގުފަހިކުރުމަށާއި ދައުލަތުގެ މުވައްޒަފުން ޖަވާބުދާރީ ކުރުވުމަށް އެކަށައަޅާފައިވާ ހައްގެކެވެ. އެހެންކަމުން، ގާނޫނުއަސާސީގައިވާ މި އަސާސީ ހައްގު މާނަކުރަންވާނީ ހައްގު ހަނިނުވާނެ ގޮތަކަށް ކަަމަށް ގާނޫނުއަސާސީގެ 69 ވަނަ މާއްދާ ކިޔާލުމުން ސާފުވެއެވެ. ގާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ހައްގަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ އަމަލެއް ކުރުމުގެ، ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭ ފަދަ ގޮތަކަށް ގާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެ ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ އެންމެ މުހިންމު އަދި އެންމެ އިސްވެގެންވާ އެއް އަސާސީ ހައްގެއްގެ ގޮތުގައި ސިފަކުރެވެނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ހައްގުތަކާއި މިނިވަންކަން ބޭނުންކޮށް، ތަންފީޒުކުރެވޭނީ ދައުލަތުގެ ފަރާތުން ލިބެން ޖެހޭ މައުލޫމާތު ތަނަވަސްކަމާއި ފަސޭހަކަމާއެކު ލިބިގެންކަމަށްވާތީއެވެ. ރައްޔިތުންނަށް ފެންނަ ގޮތްތައް ބަޔާންކޮށް ހަގީގަތާ އެއްގޮތަށް ހިޔާލު ފާޅުކުރެވޭނީ މައުލޫމާތު ލިބިގެންނެވެ. ރައްޔިތުންގެ ވެރިކަމުގެ ނިޒާމުގައި ދައުލަތް ހިންގުމުގެ އާއްމު އުސޫލަކީ ތަންމިނަށް ހާމަކޮށް ހުޅުވާލައިގެން، އެންމެނަށް އެނގޭ ގޮތަށް ދައުލަތުގެ ކަންކަން ހިންގުމެވެ. ބައެއް ހާލަތްތަކުގައި ބައެއް ކަންކަން ސިއްރުކުރުމަކީ ހަމައެކަނި އޭގެ އިސްތިސްނާއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑު ޑިރެކްޓަރުންގެ މައުލޫމާތާއި އެ ޑިރެކްޓަރުންގެ މުސާރައާއި އެލަވަންސްތަކުގެ މައުލޫމާތު ހޯދުމަށް އަމިއްލަ ފަރާތަކުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅައިފައެވެ. އެ މައުލޫމާތު ފޯރުކޮށްދެވެން ނެތް ކަމަށް ބީއެމްއެލުން، މައްސަލަ ހުށަހެޅި ފަރާތަށް އެންގުމުން، އެ ފަރާތުން ވަނީ ބީއެމްއެލްގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ހައި ކޯޓުން މައްސަލަ ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދިފައިވާ އެ މައުލޫމާތު ހާމަކުރުމަށެވެ. ހައި ކޯޓުގެ އެގޮތަށް މައްސަލަ ނިންމުމުން އެކަމާ ހިތްހަމަނުޖެހިގެން ބީއެމްއެލުން ވަނީ ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައެޅި ރައުޔުގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދިފައިވާ މައުލޫމާތަކީ މީހެއްގެ ޒާތީ މައުލޫމާތު ކަމަށެވެ. އެއީ ގާނޫނުއަސާސީގެ 24 ވަނަ މާއްދާއަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން ފާހަގަކުރި ކަމެކެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ "ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި، ގޮވަތި ގެދޮރާއި، އަނެކުންނާ ކުރާ ޒާތީ މުއާސާލާތުތަކަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ. ހަމަ ކޮންމެ މީހަކުމެ، އަނެކުންގެ މި ބުނެވުނު ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާންވާނެއެވެ." ކަމަށެވެ. އެ ނުކުތާއަށް ވެސް ބާރުދީ ސުޕްރީމް ކޯޓުން ހުކުމްކުރީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ޒާތީ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށާއި އަދި އެއީ ބީއެމްއެލްގެ "ޓްރޭޑް ސީކްރެޓެއް" ކަމަށެވެ.

މި ހުކުމުގެ މައްސަލަ ފެންމަތިވީ ދާދިފަހުން ރައީސް އޮފީހުން ދިން ޖަވާބަކާ ގުޅިގެންނެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުން ވަކިކުރި 228 މީހުންގެ ނަމާއި މަގާމު ހޯދުމަށް އެދިފައެވެ. ރައީސް އޮފީހުން އެ މައުލޫމާތު ފޯރުކޮށްދެވެން ނެތްކަމަށް ބުނި ސަބަބަކަށް ބަޔާންކޮށްފައި ވަނީ "ސުޕްރީމް ކޯޓުގެ ހުކުމެއް އޮތުމެވެ" އަދި އެއީ "ޒާތީ މައުލޫމާތު" ކަމަށް ހުކުމުގައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ހުކުމާއެކު ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރުމަށް ގާނޫނީ ސަބަބެއް ވުޖޫދުވީ ކަމަށް ބެލެވިދާނެ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެއީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ މަރުހަލާގެ ނިންމުންކަމަށް ވުމުންނާއި ކޯޓުތަކުގެ ނިންމުންތަކަށް ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކުން ވެސް އަމަލުކުރުން މަޖުބޫރުވާތީއެވެ.

މި މައްސަލައިގައި "ވަން" އަށް މައުލޫމާތުދިން ވަކީލަކު ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ހުކުމަކީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މައުލޫމާތު ސިއްރު ކުރުމަށް ބޭނުންކުރެވިދާނެ ހުކުމެއްނޫން ކަމަށެވެ. އެއީ ސިޔާސީ މަގާމުތަކާއި ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުންގެ މަސްލަހަތާ އެތައްގުނައެއް ތަފާތުހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އިސްތިއުނާފީ ކޯޓެއްގެ ނިންމުން މައްސަލައަކަށް ބިނާކޮށް، ގޮތެއް ނިންމޭނީ މައްސަލައިގެ ހުރިހާ ވާގިއާތަކެއް އެއްގޮތްވެގެން ކަމަށް ވަކީލު ވިދާޅުވިއެވެ. އެނޫން ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބީއެމްއެލްއިން ހުށަހަޅައިގެން ހުކުމްކުރި މި މައްސަލައަކީ ވިޔަފާރީގެ ހިމާޔާތުގައި ކުރި ހުކުމެއް. ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުންނާއި ސިޔާސީ މަގާމުތަކުގެ މުވައްޒަފުންނާ އެއްހަމައެއް ނުކުރެވޭނެ. ސިޔާސީ މުވައްޒަފުންނަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އައްޔަންކުރާ މަގާމުތަކެއް. ސިޔާސީ މީހުންގެ މައުލޫމާތު މި ހުންނަނީ ހަމަ އާންކޮށްފަ، މިސާލަކަށް ސްޓޭޓް މިނިސްޓާސް، ޑެޕިއުޓީ މިނިސްޓާސް ނޫނީ ޕޮލިޓިކަލް ޑިރެކްޓާސްގެ މައުލޫމާތު އެއީ ބައެއް ފަހަރު މިނިސްޓްރީތަކުން ހާމަކުރާ މައުލޫމާތު. ބީއެމްއެލް ބޮޑު މަސްލަހަތެއް، ވިޔަފާރީގެ ހިމާޔަތަށް ސުޕްރީމް ކޯޓުން ހުކުމްކުރީ، އެ ހުކުމުގައި ވަރަށް ސާފުކޮށް އެބަ ބުނޭ ވިޔަފާރީގެ ސިއްރެއް ކަމަށް." ވަކީލު ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގައި ވަކާލާތުކޮށްފައިވާ ވަކީލެއް ކަމަށްވާ މުހައްމަދު އިސްމާއިލް "ވަން" އަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ އެ ހުކުމް މިހާރު ވަނީ ނިހާއީވެފައި ނުވަތަ ބަދަލު ނުކުރެވޭނެ ހުކުމަކަށް ވެފައި ކަމަށެވެ. އެހެންކަމުން ދެން މި ހުކުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް އޮންނާނީ ވަރަށް ހަނި ފުރުސަތެއް ކަމަށާއި އެއީ އެ ހުކުމަކީ ގާނޫނުއަސާސީގެ މާއްދާތައް އޭގެ މަގުސަދާ ހިލާފަށް މާނަކޮށްގެން ކޮށްފައިވާ ހުކުމެއްކަން ދޭހަވާވަރަށާއި އެކަމުގެ ނުރައްކާ ވަރަށް ތަފުސީލު ގޮތެއްގައި ސުޕްރީމް ކޯޓަށް ހުށަހަޅައިގެން ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނީ ތާރީހުގައި މިގޮތަށް ހިނގައިފައިވާ ބައެއް ކަންކަމަށް ޖުޑިޝަރީ ތެރެއިން ހައްލު ހޯދައިދީފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގަ ދެން މިއޮންނަނީ އެހެން ގޮތެއް. އެއީ މައުލޫމާތު ހާމަ ނުކުރަން ބޭނުންކުރާ ހުއްޖަތެއްގެ ގޮތުގައި މި ހުކުމް ބޭނުން ކުރަނީ. ދެން ހަމަ ކުރަންޖެހޭނެ ކަމަކީ ރައީސް އޮފީހުގެ ނިންމުން ހައި ކޯޓަށް ހުށަހަޅައިގެންނާއި ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔުން. އެކަމަކު ގިނަފަހަރު މިގޮތަށް ކުރިން ކޮށްފައިވާ ހުކުމްތައް ބަދަލެއް ނުކުރާނެ. ހުކުމް ދަމަހައްޓާނެ. ވަރުގަދަ ކަންތައްތަކެއް ފާހަގަކޮށްފިނަމަ ބަދަލު ގެނެސްފާނެ. އަނެއް ބިރަކީ މި ހުކުމާ ގުޅުވައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެންކަންތައް ކުރާނެ ގޮތް ނޭނގުން." މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާއިރު، އެ ހައްގު އުނިކުރެވޭނެ ގޮތަކަށް ގާނޫނު މާނަކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ރިޕޯޓަށް މައުލޫމާތުދިން ބަންޑާރަ ނައިބު އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރައީސް އޮފީހުގެ އެ ނިންމެވުން އެއޮތީ ރަނގަޅަށް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ސަރުކާރުގެ އެއްވެސް މުއައްސަސާކަށް ވެސް ދައުލަތުގެ ވަޒީފާގައި ތިބި މީހުންގެ ޒާތީ މައުލޫމާތު ހާމަކުރުމުގެ އިހުތިޔާރު ގާނޫނުއަސާސީން ދީފައި ނުވުމެވެ. އޮފިޝަލް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މައުލޫމާތު ހޯދަން ހުށަހަޅާއިރު އެ މީހުންގެ ޒާތީ މައުލޫމާތު ހާމަ ނުވާނެ ގޮތަކަށް ހޯދަން ހުށަހަޅައިފައި ވާނަމަ އެ މައުލޫމާތެއް ފޯރުކޮށްދޭނެ ކަމަށެވެ.

"އެކަމަކު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައާއި އެލަވެންސާއި އެ މީހުންނަށް މަތިކޮށްފައިވާ ޒިންމާތައް ހާމަކުރަން އެދޭ ނަމަ އެކަމެއް ނުކުރެވޭނެ ގާނޫނުއަސާސީ އޮގްގޮތުން ވެސް. ގާނޫނުއަސާސީގައި އެކަން އެބައޮތް ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިންވުރެ ބަޔާންކޮށްފަ. ސުޕްރީމް ކޯޓުން މި ހުކުމްކުރަނީ އެ މާއްދާއާ ހަވާލާދީ ޒާތީ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް. އެހެންވީމާ މީގައި އެއްވެސް ކަހަލަ އިޝޫއެއް ނެތް." އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ ވިޔަފާރީގެ ހިމާޔަތުގައި ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރި ނަމަވެސް އެއަކީ މައްސަލައެއް ނޫން ކަމަށެވެ. ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ރިއާޔަތް ކުރަނީ ސުޕްރީމް ކޯޓުން ފާހަގަކުރި އެންމެ ނުކުތާއަކަށް ކަމަށް އޮފިޝަލު ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން ވެސް ހިމާޔަތްކޮށްދިނީ ބައެއްގެ ޒާތީ މައުލޫމާތު ކަމަށާއި ރައީސް އޮފީހުން ވެސް ކުރިކަމަކީ ބައެއްގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށްދިނުން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމަށް ރިއާޔަތްކޮށް "ޒާތީ މައުލޫމާތު" ހާމަ ނުކުރެވޭނެ ކަމަށް ސަރުކާރުގެ މިނިސްޓްރީތަކުން ވެސް ނިންމުން އެކަށީގެންވެއެވެ. އެކަމާ ގުޅިގެން އޮފިޝަލު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް ވެސް އެޕްލައި ކުުރެވޭނެ ކަަމަށާއި ސަބަބަކީ މުސާރައާއި އެލަވަންސްތަކަކީ ޒާތީ މައުލޫމާތުތައް ކަމަށް ވުން ކަމަށެވެ.

އެގޮތަށް އެކަން ވެއްޖެނަމަ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމުގެ ދޮރުގައި ޒާތެއްގެ ތަޅެއް އެޅުވިގެންދާއިރު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ބަންދު ކުރެވިފައިވާ ދޮރެއްގެ ފަހަތަށް ލެވި ހިޔަނި އެޅިގެންދާނެ ކަމަށް މި ރިޕޯޓަށް ވާހަކަދެއްކި ފަރާތްތަކުން ފާހަގަކުރިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކީ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް އޮތް ހުރަހެއްގެ ގޮތުގައި މާނަކުރެވިދާނެކަމާމެދު މިހާރު މިވަނީ ސުވާލު އުފެދިފައެވެ. ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސީ މުވައްޒަފުންގެ ބަދަލުގައި އެ ހުކުމް އަމާޒުވަނީ ވިޔާފާރިތަކަށެވެ. ސަރުކާރުން އެ ހުކުމުގެ މަގުސަދު އޮޅުވާލައިގެން އުޅެނީއެވެ.

ނަމަވެސް ސަރުކާރުގެ އޮފިޝަލު ވިދާޅުވީ ގާނޫނޫއަސާސީގެ 24 ވަނަ މާއްދާއަކީ ހުރިހާ ރައްޔިތުންނަށް އެއް ހަމައަކުން މާނަކުރަން ޖެހޭނެ މާއްދާއެއް ކަމަށެވެ. އެ މާއްދާގައި "ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތް" ބަޔާންކޮށްފައި ނެތުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޒާތީ މައުލޫމާތު ހިމާޔަތް ކުރުމުގެ ހައްގަށް އަރައިގަންނަން ލިބޭ ހުއްދައެއްނޫން ކަމަށް އޮފިޝަލު ފާހަގަކުރެއްވިއެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހުރިހާ ދިވެހި ރައްޔިތުންނަށް އެއްވެސް މިންވަރެއްގެ ތަފާތު ކުރުމެއްނެތި ކަށަވަރުވާން ޖެހޭނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.