އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލުން ނުރައްކާތެރި "ސަކްސިނައިލްކޮލިން"ގެ އަސަރު ފެނުނު ކަމަށް މޭރީގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުގެ ޓޮކްސޮލޮޖީ އެނަލިލިސް ހެދި އިންޑިއާގެ ފޮރެންސިކް ތަޖުރިބާކާރު ވިދާޅުވެއްޖެއެވެ.

މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާނަށެވެ. މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ މައްސަލައިގައި މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިޔާ ހެކިބަސް ދެއްވަމުން ވިދާޅުވީ އޭނާއަކީ ފޮރެންސިކް ސައިންސް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވައިފައިވާ އެ ދާއިރާގެ ސައިންޓިސްޓެއް ކަމަށާއި މަސައްކަތްކުރައްވަނީ ނެޝަނަލް ފޮރެންސިކް ސައިންސް ޔުނިވާސިޓީގައި ކަމަށެވެ. އެ ޔުނިވާސިޓީއަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގާ ޔުނިވާސިޓީއެއް ކަމަށެވެ. އިންޑިއާގެ ލޯއެންފޯސްމެންޓުގެ ހުރިހާ އޮފިސަރުން ތަމްރީނު ހަދަނީ އެ ޔުނިވާސިޓީން ކަމަށާއި ޔުނިވާސިޓީގައި ފޮރެންސިކް ޓެސްޓުތައް ހެދުމާއި ރިސާޗް ހެދުމުގެ ކަންތައް ކުރިއަށްގެންދާ ކަމަށެވެ. އިންޑިއާގައި ހިނގާ ކޭސްތަކުގެ ފޮރެންސިކް އެނަލިސިސް އާންމު ގޮތެއްގައި ހަދަނީ އެ ޔުނިވާސިޓީން ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. ފޮރެންސިކް ދާއިރާގައި މަސައްކަތްކުރާތާ މިހާރު 22 އަހަރު ވެފައިވާ ކަމަށާއި މިހާތަނަށް 200 އަށްވުރެ ގިނަ ފޮރެންސިކް އެނަލިސިސް ރިޕޯޓް ހަދައިފައިވާ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާ ވިދާޅުވީ މޭރީ ގްރޭސްގެ ހަށިގަނޑުން ނަގައިފައިވާ ސާމްޕަލްތައް ޔުނިވާސިޓީއަށް ލިބިފައިވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. ސާމްޕަލްތައް ޔުނިވާސިޓީއަށް ލިބިފައިވަނީ 2022 ފެބްރުއަރީ 07 ގައި ކަމަށެވެ. ސާމްޕަލްގެ ގޮތުގައި ޔުނިވާސިޓީއަށް ލިބިފައިވަނީ ސިރިންޖަކާއި ބްލަޑް ސާމްޕަލެއް ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އެ ސާމްޕަލްތަކުގެ ފޮރެންސިކް އެނަލިސިސް ނަތީޖާ ސާފުކޮށްދެއްވަމުން ހެކިވެރިޔާ ވިދާޅުވީ ސާމްޕަލްގެ ގޮތުގައި ލިބުނު ސިރިންޖުގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި އެއީ ހުސް ސިރިންޖެއް ކަމަށެވެ. ނަމަވެސް ބްލަޑް ސާމްޕަލްއިން ވަނީ ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައި ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. މެރީގެ ލޭގެ ސާމްޕަލުން ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިވަނީ އާންމުކޮށް ކޭސްތަކުގައި ގެންނަ ބްލަޑް ސާމްޕަލްތަކުގައި ހުންނަ މިންވަރަށްވުރެ މަދުން ކަަމަށް ވެސް ހެކިވެރިޔާ ވިދާޅުވިއެވެ.

ސާމްޕަލްތަކުގެ ނަތީޖާ ހެދުމަށް ތިން އިންސްޓޫރުމެންޓެއް ބޭނުން ކޮށްފައިވާނެ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. ތިން ވަސީލަތެއް ބޭނުންކުރީ ނަތީޖާ އައިސްފައިވަނީ ރަނގަޅަށްކަން ކަށަވަރުކުރަން ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. މީގެ އިތުރުން ހެކިވެރިޔާ ވިދާޅުވީ އެނަލިސިސް ރިޕޯޓް ތައްޔާރުކޮށްފައިވަނީ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި އެއީ އާންމުކުރާ ގައިޑްލައިނެއް ނޫން ކަމަށްވިޔަސް، ކަމާބެހޭ ފަރާތްތަކުން އެދުމުން އެ ގައިޑްލައިން ލިބެން ހުންނާނެ ކަމަށެވެ.

ހެކިވެރިޔާ ވިދާޅުވީ ސާމްޕަލްތަކުގެ ފޮރެންސިކް އެނަލިސިސް ހެދިއިރު ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންޑް ކެމިކަލް ލެބޯޓަރީގެ ހެޑް މުހައްމަދު އިނާޝް އަބްދުއްލަތީފު، ހާޒިރުހުންނެވި ކަމަށާއި އޭނާ އެތައިގައި ހުރީ އެނަލިސިސް ކަންކަން މޮނިޓާކުރަން ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ހެކިވެރިޔާގެ ވާހަތަކާ ގުޅިގެން މާވިންގެ ދިފާއީ ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރި ކަމަށް ހެކިވެރިޔާ ވިދާޅުވިޔަސް އެއީ ފެންނަން ނެތް ގައިޑްލައިނެއް ކަމަށްވުމުން، އެނަލިސިސް ހެދުމުގެ ކަންކަން ދިޔާއީ ގައިޑްލައިނާ އެއްގޮތަށްކަން ކަށަވަރުކުރަން ދަތިވާނެ ކަމަށެވެ. ނަމަވެސް ހެކިވެރިޔާ ވިދާޅުވީ ގައިޑްލައިން ނުލިބޭނެ ކަމަށް ނުދަންނަވާ ކަމަށާއި ގައިޑްލައިން ހޯދުމަށް ރިކުއެސްޓް ކުރުމުން ލިބެން ހުންނާނެ ކަމަށެވެ. ހެކިވެރިޔާ އިތުރަށް ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ހާޒިރުވެ ހުރި އިނާޝް ވަނީ ގައިޑްލައިނާ އެއްގޮތަށް ކަންތައް ކުރިޔަށްދިޔަކަން ކަށަވަރުކޮށްފައި ކަމަށާއި މި މައްސަލައިގައި ހުރިހާ ޗެއިން އޮފް ކަސްޓަޑީއެއް ފުރިހަމަކޮށްފައިވާނެ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ ސާމްޕަލްތައް ބަލައިގަންނަނީ ހުރިހާ ޑޮކިއުމެންޓެއް ހަމަޔަށް ހުރުމުން ކަމަށާއި އެ ލިޔުންތަކަކީ ތަހުގީގު ރިޕޯޓް، ޕޯސްޓްމޯޓަމް ރިޕޯޓު، ފަސްޓް އިންފޮމޭޝަން ރިޕޯޓް ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. ނަމަވެސް އެނަލިސިސްގެ ބާވަތުން ބޭނުންވާ ލިޔެކިޔުންތައް ތަފާތުވާނެ ކަމަށް ވިދާޅުވިއެވެ. މޭރީގެ މައްސަލައިގައި ވެސް ހުރިހާ ލިޔެކިޔުމެއް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަރާތުން ލިބުނު ކަމަށެވެ. މި މައްސަލައިގެ ފަސްޓް އިންފޮމޭޝަން ރިޕޯޓް ބަލައިފައިނުވާނެ ކަމަށާއި އެކަމަކު ޕޯސްޓްމޯޓަމް ރިޕޯޓް ބަލައިފައިވާނެ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއިލް ވަނީ ޓޮކްސޮލޮޖީ އެނަލިލިސް ރިޕޯޓު ޝަރީއަތަށް ހުށަހެޅުމުގެ ސަބަބާ ގުޅިގެން ވެސް ހެކިވެރިޔާއާ ސުވާލު ކުރައްވައިފައެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ އެ ސުވާލު ހެކިވެރިޔާއާ ނުކުރެވޭނެ ކަމަށާއި އެ ސުވާލު ރައްދުވާން ޖެހޭނީ ދައުލަތާ ކަމަށެވެ.

ލަމްހާއާއި މާވިންގެ ފަރާތުން ހެކިވެރިޔާއާ އެއްވެސް ސުވާލެއް ކޮށްފައި ނުވެއެވެ. އެހެންވެ އެ ހެކިވެރިޔާގެ ހެކިބަސް ނެގުން ނިމުނުކަން މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ އަންގަވައިފައެވެ.

އެއާއެކު މިއަދުގެ އަޑުއެހުން ވެސް ގާޒީ ވަނީ ނިންމަވައިލައްވައިފައެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ވިދާޅުވެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.

ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިންއެވެ. އެއިއިރު އެތާނގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މެރީ ގްރޭސް މަރުވެފައިވަނީ ދަން ޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.