ކުރީގެ ރައީސް މުހައްމަދު އަމީނަށް ހެދި ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހިއްޒުއަށް ހަދަންވީ ކަމަށްބުނެ، އެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކައަކާ ގުޅިގެން، އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅަން ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށއިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު އެވެ.
އެކުއްލި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތަކުން އިންތިހާބު ކޮށްފައިވާ ރައީސެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ދައުރު ނިމޭނެ ހާލަތު ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާއިރު، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާގޮތާ ހިލާފަށް ރައީސް ޑރ. މުއިޒަށް ހަދަން ޖެހޭނީ އަމީނަށް ހެދިގޮތް ކަމަށްބުނެ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރުދީ އެމްޑީޕީން އެކިއެކި ޕޯޑިއަމްތަކުގައި ވާހަކަދައްކާފައިވާ ކަމަށެވެ.
"ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ސީދާ ގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމަކީ ކުށްކަމަށް ބަޔާންކޮށްފައި ވާހިނދު އަދި މަނާކޮށްދީފައިވާ މަނާކުރުމަށް ބަލާއިރުގައި މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުން ނުވަތަ ރޭވުމަށް ނުވަތަ މަގުފަހި ކުރުމަށް ހިތްވަރުދޭ ކަމެއް ކަަމަށް އާއްމުންނަށް، ނުވަތަ އާއްމުންގެ ބަޔަކަށް ފެންނަ ފެނުންކަން އެނގޭއިރު ރައީސް މުއިއްޒަށް ހަދަން ޖެހޭނީ އަމީނަށް ހެދިގޮތް ކަމަށްބުނެ ޓެރަޒިމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އެމްޑީޕީން ޕޯޑިއަމްތަކުގައި ދައްކާފައިވާ ވާހަކަތަކަކީ ވަކި ސިޔާސީ ފިކުރެއް ކުރިއަރުވަން އަދި އާއްމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އަދި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުމުގެ މަގުސަދުގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އްދަކާފައިވާ ވާހަކަތަކެއް،" މެންބަރު މުފީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވެއެވެ.
އެހެންކަމުން މެންބަރު ވިދާޅުވީ، އެއީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރާ ކުށުގެ އަމަލެއް ކަމަށްވާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުއަޅަން ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
މި ކުއްލި މައްސަލައަށް ބަހުސް ކުރަން ފާސްކުރީ، ޖަލްސާގައި ތިއްބެވި 54 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 8 މެންބަރަކު ވޯޓު ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު