އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ އެންމެ ފަހު ބުރުގައި ރާއްޖެއާއި ފިލިޕީންސް، ތަޖިކިސްތާން އަދި ޓިމޯ-ލެސްޓޭ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

ސައުދީ އަރަބިއާގައި 2027 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް މިހާތަނަށް 18 ޓީމަކުން ކޮލިފިކޭޝަން ޔަގީންކޮށްފައިވާ އިރު، ކޮލިފިކޭޝަން ފަހުބުރުގައި ވާދަކުރަނީ 24 ޓީމަކުންނެވެ. އެ 24 ޓީމު ހަ ގުރޫޕަކަށް ބަހާލާފައިވާއިރު، އޭޝިއަން ކަޕަށް ކޮލިފައިވާނީ ގްރޫޕްގެ އެއްވަނަ ޓީމު އެކަންޏެވެ.

ރާއްޖެ އިން ގްރޫޕް އޭގައި ހިމެނިފައިވާއިރު، އެ ގްރޫޕްގައި ހިމެނޭ އެންމެ ވަރުގަދަ ޓީމަކީ ފީފާ ރޭންކިން 104 ވަނައިގައި އޮތް ތަޖިކިސްތާނެވެ. ފިލިޕީންސް ފީފާ ރޭންކިންގެ 149 ވަނައިގައި އޮތްއިރު، ރާއްޖެ މި ވަގުތު އޮތީ 162 ވަނައިގައެވެ. ރާއްޖެއަށްވުރެ ފަހަތުން ޓިމޯ-ލެސްޓާ ރޭންކް ކޮށްފައިވަނީ 196 ވަނައިގައެވެ.

ގްރޫޕްގައި ހިމެނޭ ޓީމުތަކާ ދެކޮޅަށް މީގެ ކުރިން ރާއްޖެއިން ކުޅެފައިވާ މެޗުތަކަށް ބަލާއިރު، ތަޖިކިސްތާނު ކައިރިން ކުޅުނު ތިން މެޗުގައިވެސް ރާއްޖެއަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ރާއްޖެއާއި ތަޖިކިސްތާން 1998 ވަނަ އަހަރު އޭޝިއަން ގޭމްސްގައި ވާދަކުރި މެޗުން ރާއްޖެ ބަލިވީ 3-0ގެ ނަތީޖާ އަކުންނެވެ. އޭގެފަހުން 2011 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުގައި 0-0 އިން ދެ ޓީމު އެއްވަރުވި އިރު، އެންމެފަހުން 2015 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުގައި ރާއްޖެ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

ތަޖިކިސްތާނުގައި މިހާރު ހުރި ކޯޗަކީ ރާއްޖެއަށް އާ މޫނެއް ނޫނެވެ. އެއީ ރާއްޖެއިން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރި ގެލާ ޝެކިލާޒޭއެވެ.

ރާއްޖެ އިން ފިލިޕީންސްއާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި ކުރިއަށްދިޔަ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައެވެ. އެ ފަަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ފިލިޕީންސް ކައިރިން 3-2 އިން ބަލިވީ އިތުރު ވަގުތު ކުޅެގެންނެވެ.

ޓިމޯ-ލެސްޓޭއާ ދެކޮޅަށް ރާއްޖެ އިން މީގެ ކުރިން ކުޅުނީ 2014 ވަނަ އަހަރު އޭޝިއަން ގޭމްސްގައެވެ. 23 އަހަރުން ދަށުގެ ޓީމުން ކުޅުނު އެ މެޗުގައި ރާއްޖެއިން ވަނީ 3-2 އިން ޓިމޯ-ލެސްޓޭ ބަލިކޮށްފައެވެ.

މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތައް ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ނިންމާފައިވާ އިރު، މެޗުތައް އޮންނާނީ އަންނަ އަހަރުގެ މާޗު މަހުން ފެށިގެން ގޮސް، 2026 ވަނަ އަހަރު މާޗު މަހާ ހަމައަށެވެ.

ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު ވަޅުޖެހިފައިވާއިރު، ފުރަތަމަ ޑިވިޝަން ނުކުޅޭތާ މިހާރު ވަނީ އަހަރެއްހާ ދުވަސްވެފައެވެ. ގައުމީ ޓީމުގެ ހަރަކާތެއްވެސް ނެތިފައި އޮތުމަށްފަހު، ދާދި ފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ އިން ވަނީ އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެއް މެޗުން ރާއްޖެ މޮޅުވި އިރު، އަނެއް މެޗުން މޮޅުވީ ބަންގްލަދޭޝްއެވެ. ގައުމީ ޓީމުން ބަންގްލަދޭޝްއާ ދެކޮޅަށް އެ ގައުމުގައި ނުކުތީ މެޗެއް ނުކުޅޭތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަން ފައިނަލް ބުރުގައި ވާދަކުރާ ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު، އިންޑިއާއާއި ބަންގްލަދޭޝް ހިމެނުނީ ގްރޫޕް ސީގައެވެ. ދެން އެ ގްރޫޕުގައި ހިމެނެނީ ހޮންކޮންގާއި ސިންގަޕޫރެވެ. ނޭޕާލް ހިމެނޭ ގްރޫޕް އެފްގައި ދެން ހިމެނެނީ ވިއެޓްނާމާއި މެލޭޝިއާ އަދި ލާއޯސް އެވެ. ސްރީ ލަންކާ އިން ގްރޫޕް ޑީގައި ވާދަކުރަންޖެހުނު އިރު، ދެން އެ ގްރޫޕްގައި ހިމެނެނީ ޗައިނީސް ޓައިޕޭއާއި ތުރުކެމެނިސްތާން އަދި ތައިލެންޑެވެ. ބޫޓާން ވާދަކުރާނީ ގްރޫޕް ބީގައެވެ. ދެން އެ ގްރޫޕުގައި އޮތީ ވަރުގަދަ ޔަމަނާއި ބްރުނާއީ ދާރުއްސަލާމް އަދި ލުބުނާނެވެ.