މިދިޔަ ނޮވެމްބަރު މަހު ފްރާންސުން ކުޅުނު އެކުވެރިކަމުގެ މެޗުތަކަށް ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ނުދޭން ނިންމީ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ކަމަށް ފްރާންސްގެ ކެޕްޓަން، ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ ބުނެފިއެވެ.
އެމްބާޕޭ، ފްރާންސްގެ ޕީއެސްޖީ ދޫކޮށް، ރެއާލަށް ބަދަލުވީ މި ސީޒަނަށެވެ. މިހާތަނަށް ސީޒަނުގައި އެމްބާޕޭއަށް އެންމެ ރަނގަޅު ފޯމެއް ދެމެހެއްޓިފައި ނުވާ އިރު، ސެޕްޓެމްބަރު މަހު ފްރާންސްގެ ގައުމީ ޓީމުން ކުޅުނު މެޗުތަކަށް އޭނާ ސްކޮޑުގައި ހިމަނާފައި ނުވަނީ އަމިއްލައަށް އެދިގެންނެވެ.
އެފަހަރު އެމްބާޕޭ ބުނީ ގައުމީ ޓީމަށް ކުޅެން ބޭނުންވަނީ މުހިއްމު މެޗުތައް ކަމަށާއި، ބޮޑަށް ފޯކަސް ހުރީ ރެއާލާއެކު ރަނގަޅު ފޯމަކަށް މަސައްކަތްކޮށް، ބެލޮންޑިއޯއަށް ފުރުސަތު ބޮޑު ކުރުމަށް ކަމަށެވެ. އެފަހަރު އޮކްޓޯބަރު މަހު އެމްބާޕޭ އަމިއްލައަށް އެދިގެން ސްކޮޑަށް ނަގައިފައިނުވާ އިރު، ނިމިދިޔަ ނޮވެމްބަރު މަހު ފްރާންސުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ސްކޮޑަށްވެސް އެމްބާޕޭ ނަގައިފައެއް ނުވެއެވެ.
"ފްރާންސަށް ކުޅުމަކީ އަހަންނަށް އެންމެ މުހިއްމު ކަންތައް. ސެޕްޓެމްބަރު މަހު އަހަރުން ކޯޗު ގާތު ބުނިިން ރެސްޓެއް ބޭނުންވި ކަމަށް. އޭރު އަހަރެން ހުރީ 100 ޕަސެންޓް ފިޓްކޮށެއް ނޫން. އެކަމަކު ނޮވެމްބަރު މަހު އެއީ ސީދާ ކޯޗު ނިންމި ނިންމުމެއް. ނޮވެމްބަރު މަހު ފްރާންސަށް ކުޅެން އަހަރެން ބޭނުންވި. އެހެންވިޔަސް ކޯޗު އަހަރެން ސްކޮޑަކަށް ނުނަގާ. ކީއްވެކަމެއް އަހަންނަކަށް ނުބުނެވޭނެ. ކޯޗު ބުނަންޏާ ބުނަންވީ،" އެމްބާޕޭ ބުންޏެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭއަކީ ފްރާންސަށް އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. މިހާތަނަށް ގައުމީ ޓީމާއެކު ވޯލްޑް ކަޕްވެސް ކާމިޔާބު ކޮށްފައިވާ އެމްބާޕޭ ވަނީ ގައުމީ ޓީމަށް 48 ގޯލު ޖަހައިފައެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް