އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ފުލްހަމް ކައިރިން އެއްވަރުވި އިރު، ޗެލްސީން ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށްފިއެވެ.

އާސެނަލުން ރަށުން ބޭރުގައި 1-1 އިން ފުލްހަމްއާ އެއްވަރުވި އިރު، ޗެލްސީން ޓޮޓެންހަމް ދަނޑުގައި މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މޮޅާއެކު ޗެލްސީ އޮތީ ތާވަލުގެ ދެވަނައިގައެވެ. މިހަފުތާ މެޗުތަކަށް ނުކުތްއިރު، އާސެނަލާއި ޗެލްސީ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް އޮތް ނަމަވެސް، ޗެލްސީން ވަނީ މިހާރު ދެވަނައިގައި ހަމަޖެހިލައިފައެވެ. އެއީ 15 މެޗުން 31 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އާސެނަލް 15 މެޗުން 29 ޕޮއިންޓާއެކު އޮތް އިރު، އެއްވަނައިގައި ލިވަޕޫލް އޮތީ 14 މެޗުން 35 ޕޮއިންޓާއެކުގައެވެ.

ޗެލްސީ ކައިރިން ބަލިވި ޓޮޓެންހަމް މިވަގުތު ތާވަލުގެ 11 ވަނައިގައި އޮތް އިރު، ފުލްހަމް އޮތީ 10 ވަނައިގައެވެ. އެ ދެޓީމަށްވެސް 15 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ.

އާސެނަލުން ފުލްހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ހަމަލާތައް މަދުކޮށް ފެނިގެން ގޮސްފައިވާ އިރު، ފުލްހަމްއިން ވަނީ 11 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ކުޅުނު ތިން މެޗުންވެސް މޮޅުވެފައި އޮތް ފުލްހަމްއަށް އާސެނަލް ކައިރީގައި ލީޑު ނަގައިދިނީ ރައުލް ހިމަނޭޒްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، ފުލްހަމް ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފަށް ނުކުމެ މާގިނައިރެއް ނުވަނީސް، އާސެނަލް ނަތީޖާ ހަމަހަމަ ކުރިއެވެ. އެއީ 52 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގައެވެ. މިދިޔަ ސީޒަނުން ފެށިގެން މިހާތަނަށް 24 ގޯލެއް ކޯނަރުތަކުން ޖަހާފައިވާ އާސެނަލަށް މިރޭ ގޯލު ޖަހައިދިނީ ވިލިއަމް ސަލީބާއެވެ.

މެޗުގެ ފަހުކޮޅުގައި އާސެނަލް ވަރަށް ބޮޑަށް ކުރި ޖެހި ކުޅުމުން ދިޔަ އިރު، ފުލްހަމްއިން ވަނީ ރަނގަޅަށް ޑިފެންސްކޮށް ޕޮއިންޓެއް ހޯދައިފައެވެ.

ޗެލްސީއާއި ޓޮޓެންހަމް ވާދަކުރި މެޗުގައި ވަރުގަދަކޮށް ފެށީ ޓޮޓެންހަމްއިންނެވެ. ޗެލްސީގެ ފަހަތުން މާކް ކުކުރޭލާ ހެދި ދެގޯހެއްގެ ފައިދާ ނަގައި ފުރަތަމަ 10 މިނެޓް ތެރޭގައި ޓޮޓެންހަމްއިން ދެގޯލު ޖެހި އިރު، އެ ގޯލުތައް ޖެހީ ޑޮމިނިކް ސޮލާންކޭއާއި ޑީޖާން ކްލުސޭވްސްކީއެވެ.

އެ ދެގޯލަށްވެސް ޓޮޓެންހަމްއަށް ފުރުސަތު ތަނަވަސްވީ ކުކުރޭލާ ކައްސާލައިގެން ބޯޅަ ގެއްލުވާލުމުންނެވެ. އެ ދެގޯލު ކޮޅަށްވަނުމުން ކުކުރޭލާ ބޫޓް ބަދަލުކުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ.

ހަމަލާތައް ގިނަ ފުރަތަމަ ހާފުގައި ޗެލްސީންވެސް ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ޖޭޑަން ސަންޗޯ އަރިމަތިން ވަދެ، އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. އެ ހަމަލާގައި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައެވެ.

ދެވަނަ ހާފު ޗެލްސީން ވަރުގަދަކޮށް ފަށައި، ފުލުފުލުގައި ނުރައްކާ ކުރިއެވެ. ނިކޮލަސް ޖެކްސަންއާއި ކޯލް ޕާމާގެ އިތުރުން ސަންޗޯއަށް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ޗެލްސީ އެއްވަރުކުރީ ޕެނަލްޓީއަކުންނެވެ. އޭރިއާ ތެރެއިން ޔްވެސް ބިސޫމާ، މޮއިސެސް ކައިސޭޑޯއަށް ކުރި ފައުލުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ ޕާމާ ކާމިޔާބުކުރި އިރު، އޭޣެ އިރުކޮޅެއްފަހުން އެންޒޯ ފެނާންޑޭޒް ޗެލްސީއަށް ލީޑު ހޯދައިދިނެވެ.

ރަނގަޅު ފޯމެއްގައި ކުޅެމުން ދިޔަ ޗެލްސީން ހަތަރުވަނަ ގޯލެއްވެސް ޖެހީ ޕެނަލްޓީގައެވެ. އެއީ ޕަޕޭ ސާ، ޕާމާއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ. އެ ޕެނަލްޓީވެސް ކާމިޔާބުކުރީ ޕާމާއެވެ.

މެޗު ނިމެން ދަނިކޮށް ޓޮޓެންހަމްގެ ހިއުން-މިން ސޮން އެ ޓީމަށް ގޯލެއް ޖަހައި އުންމީދެއް ހޯދައިދިން ނަމަވެސް، ޗެލްސީ ވަނީ މުހިއްމު ތިން ޕޮއިންޓް ޔަގީންކޮށްފައެވެ.