ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ރެއާލް ބެޓިސްއާ އެއްވަރުވި އިރު، ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ޖިރޯނާ ބަލިކޮށްފިއެވެ.

ބާސާއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި 2-2 އިން ބެޓިސްއާ އެއްވަރުވި އިރު، ރެއާލުން ރަށުން ބޭރުގައި ޖިރޯނާ ކައިރިން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި ބާސާ އޮތީ 17 މެޗުން 38 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ރެއާލް، 16 މެޗުން 36 ޕޮއިންޓާއެކު އޮތް އިރު، މެޗުގެ އަދަދު ހަމަކޮށް އެއްވަނައަށް އެރުމަށް ރެއާލަށް ފުރުސަތު އެބައޮތެވެ.

ރޭ ބާސާއިން ކުޅުނު މެޗުގައި ލީޑު ނެގީވެސް އެޓީމުންނެވެ. ފޯމުގައި ހުރި ރޮބަޓް ލެވަންޑޯސްކީ ޖަހައިދިން ގޯލާއެކު ބާސާއިން ލީޑު ނެގިއިރު، އެ ގޯލަކީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރީ 16 ވަނަ ގޯލެވެ.

ފުރަތަމަ ހާފު ނިމުނު އިރު، ބާސާއިން ލީޑުގައި އޮތް ނަމަވެސް، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، 68 ވަނަ މިނެޓުގައި ބެޓިސްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމަށް ލިބުނު ޕެނަލްޓީގައި ޖިއޮވާނޯ ލޮ ސެލްސޯ ޖެހި އެ ގޯލާއެކު މެޗު އެއްވަރުކުރި އިރު، 82 ވަނަ މިނެޓުގައި ބާސާއިން އަނެއްކާވެސް ލީޑު ނެގިއެވެ. އެއީ ފެރާން ޓޮރެސް ޖެހި ގޯލަކުންނެވެ.

ބާސާއިން މެޗުން މޮޅުވާން ދަނިކޮށް، ބެޓިސްއިން އެންމެ ފަހު މިނެޓުގައި އެއްވަރުކުރީ އައްސާން ޑިއާއޯ ޖެހި ގޯލުންނެވެ. އެ ގޯލު ފެނިގެން ދިޔައީ 94 ވަނަ މިނެޓުގައެވެ.

ސީޒަނުގައި އަދިވެސް ރަނގަޅު ފޯމަކަށް ނޭޅިގެން އުޅޭ ރެއާލުން ރޭ މޮޅުވީ ޖޫޑް ބެލިންހަމްއާއި އާދާ ގުލާ އަދި ކިލިއަން އެމްބާޕޭ ޖެހި ގޯލުތަކުންނެވެ.

މިދިޔަ ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ބެލިންހަމްއަށް މި ސީޒަނުގެ ކުރީކޮޅުގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނަސް، މިދިޔަ ދެ މެޗުގައި އޭނާ މޮޅަށް ކުޅެފައިވެއެވެ. ރޭ އާދާ ޖެހި ގޯލަށް އެސިސްޓް ކޮށްދިނީވެސް ބެލިންހަމްއެވެ.

އެމްބާޕޭވެސް މަޑުމަޑުން ފޯމަކަށް އެޅެމުންދާ އިރު، ރޭ އޭނާ ކާމިޔާބުކުރީ ލީގުގައި ޖެހި ނުވަވަނަ ގޯލެވެ.