އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި ރޭ ކްރިސްޓަލް ޕެލެސްއާ އެއްވަރުވި އިރު، މެންޗެސްޓާ ޔުނައިޓެޑުން ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެއްޖެއެވެ.
ސިޓީގެ ފޯމު މިވަގުތު ދަށްކޮށް އޮތް އިރު، އެޓީމުން ރޭ ޕެލެސްއާ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ސިޓީން ހޯދި ޕޮއިންޓާއެކު އެޓީމަށް އެންމެފަހުން ލީގުގައި ކުޅުނު ހަ މެޗުން ލިބިފައި ވަނީ އެންމެ ހަތަރު ޕޮއިންޓެވެ. އެއީ ޕެޕް ގާޑިއޯލާ ކޯޗުކަމާ ހަވާލުވިފަހުން ސިޓީއަށް ލީގުގައި ކުރިމަތިވި އެންމެ ދަށް ހާލަތެވެ.
މިދިޔަ ހަތަރު ސީޒަނުގެ ލީގު ތަށިވެސް ހޯދި ސިޓީއަށް އަނިޔާގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އިރު، ރޭ ހޯދި ޕޮއިންޓާއެކު އެޓީމުން ތާވަލުގެ ހަތަރު ވަނައިގައި އޮތީ 15 މެޗުން 27 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ ހަތަރުވަނަ މިނެޓުގައި ޕެލެސްއިން ސިޓީ ކޮޅަށް ގޯލު ޖެހިއެވެ. އެއީ ޑެނިއަލް މުނޯޒް އަރިމަތިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުންވެސް ޕެލެސްއިން ރަނގަޅަށް ކުޅެމުން ދަނިކޮށް، ސިޓީއަށް އެއްވަރުކޮށްދިނީ އާލިން ހާލަންޑެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ހާލަންޑް ޖެހި ގޯލުން ސިޓީން ނަތީޖާ އެއްވަރުކުރި ނަމަވެސް، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، މެކްސެންސް ލަކްރޮއިކްސް ޖެހި ޕެލެސް އަނެއްކާވެސް ލީޑު ނެގިއެވެ.
އެ ގޯލަށްފަހު ސިޓީން ބުރަކޮށް މަސައްކަތް ކޮށް، ރިކޯ ލެވިސް ޖެހި ގޯލުން ނަތީޖާ ހަމަހަމަކުރި ނަމަވެސް، އެޓީމަށް ތިން ޕޮއިންޓް ނުހޯދުނެވެ. ސިޓީން މެޗު ނިންމާލީ ކުޅުންތެރިޔަކުވެސް މަދުކޮށެވެ. އެއީ ދެވަނަ ރީނދޫކާޑަކާއެކު ރިކޯ ލެވިސްއަށް ރަތް ކާޑު ދެއްކުމުންނެވެ.
ޔުނައިޓެޑުން އާ ކޯޗު ރުބެން އަމޯރިމްއާއެކު ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރޭ އަމިއްލަ ދަނޑުގައި ފޮރެސްޓް ކައިރިން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެއީ މިދިޔަ 30 އަހަރު ދުވަހު ތެރޭގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ފޮރެސްޓް ކައިރިން ބަލިވި ފުރަތަމަ ފަހަރެވެ.
އަމޯރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. 15 މެޗުން 19 ޕޮއިންޓާއެކު ޔުނައިޓެޑުން ތާވަލުގެ 13 ވަނައިގައި އޮތް އިރު، މިހާރު އޮތް ހާލަތަކީ 1986-87 ވަނަ އަހަރު ސީޒަނަށްފަހު އެޓީމަށް ލީގުގައި ކުރިމަތިވި އެންމެ ދަށް ހާލަތެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ފޮރެސްޓުންނެވެ. އެއީ ނިކޮލާ މިލެންކޮވިޗް ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއްފަހުން ރަސްމުސް ހޮއިލުންޑް ޖެހި ގޯލުން ޔުނައިޓެޑް އެއްވަރުކުރި އިރު، ދެވަނަ ހާފު ފެށިގެން ހަތް މިނެޓު ތެރޭގައި ޔުނައިޓެޑް ކޮޅަށް ދެ ގޯލު ވަދެފައިވެއެވެ.
ކްރިސް ވުޑާއި މޯގަން ގިބްސް-ވައިޓްގެ ގޯލުތަކުން ފޮރެސްޓް މެޗުގެ ލީޑު ނަގައި، ލީޑު ފުޅާކުރި އިރު، ދެވަނަ ގޯލަކީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ އަތުން ހެދުނު ގޯހަކުން ފޮރެސްޓުން ޖެހި ގޯލެކެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ޖެހި ގޯލުން ޔުނައިޓެޑަށް ހިތްވަރެއް ލިބުނު ނަމަވެސް، އެޓީމަށް މެޗުން ޕޮއިންޓެއް ލިބޭ ގޮތެއް ނުވިއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު