ޕޯސްޓުން ގެނައި މަސްތުވާތަކެތި ބަލައިދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ، އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން އިއްޔެ ވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 20 ދުވަސް ޖަހައިދީފައެވެ.
އޭނާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވަނީ ފުލުހުން ވަނީ އޭނާގެ މައްޗަށް ކުރެވޭ ކުށުގެ ތުހުމަތު އޭނާ ކުރިކަމުގެ ކޮންމެވެސް ވަރެއްގެ ހެކި ހުށަހަޅައިފައި ކަމަށެވެ. އެގޮތުން ފުލުހުން ވަނީ ހެކީގެ ގޮތުގައި، ހާދިސާ ހިނގިތަނަށް ދިޔަ ފުލުހެއްގެ ބަޔާނާއި މަސްތުވާތަކެތީ ތަހުލީލު ރިޕޯޓާއި ކުޑަކަމުދާތަކެތީގެ ރިޕޯޓް ހުށަހަޅާފައި ކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
އަމުރުގައިވާ ގޮތުން ތުހުމަތުކުރެވޭ ފަރާތުން ބަލައިދިޔަ މަސްތުވާތަކެތި ފޮރުވައިފައިހުރި ޕެކޭޖު އެޑްރެސްކޮށްފައިވަނީ އެ މުއްދަތުގައި ދޫނިދޫ ކަސްޓޯޑިއަލްގެ ބަންދުގައި ހުރި ފަރާތަކަށެވެ. ތުހުމަތުވާ ފަރާތުން އެ ޕެކޭޖާ ހަވާލުވާން ދިޔައީ އިތުރު މީހަކު ބުނެގެން ކަމަށް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައިގައި ހިމެނޭ މަސްތުވާތަކެތީގެ ބަރުދަނަކީ 980 ގްރާމު ކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ. އެ މައްސަލަ ތަހުގީގުކޮށް 8 ދުވަހުގެ ތެރޭގައި ތުހުމަތުވާ ފަރާތަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.
އަމުރުގައިވާ ގޮތުން މި މައްސަލައިގެ ތުހުމަތުވާ ފަރާތަކީ މަސްތުވާތަކެތީގެ ރެކޯޑް އޮތް މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު