ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާ (62އ) މަރާލި ކަމަށް ކުރިން އިއުތިރާފުވެފައި ވަނީ މަސްތުގެ ހާލަތުގައި ހުއްޓައި ފުލުހުން މަޖުބޫރު ކުރުވުމުގެ ސަބަބުން ކަމަށް އެ މައްސަލައިގައި ދައުވާކޮށްފައިވާ އަހުޒަމް އަބްދުއްޝުކޫރުގެ ފަރާތުން ބުނެފިއެވެ.
އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭގެ ކޮޓަރީގެ ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ.
އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުއްޓެވެ. ނައީމާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވަނީ އެ ރަށު ތިން މީހުންގެ މައްޗަށެވެ. އަހުޒަމް އަބްދުއްޝުކޫރު އާއި ރިފާސް އަބޫބަކުރުގެ އިތުރުން ފަވާޒަށެވެ. އެ ތިން މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެ ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ރިފާސް ވަނީ ނައީމާ މަރާލި ކަމަށް އިއުތިރާފުވެ، އެ ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގަށް ކިޔައިދީފައެވެ. ރިފާސް ދިން ބަޔާންތަކުގެ އެހީގައި ފުލުހުން ވަނީ މި މަރުގެ މައްސަލައާ ގުޅުންހުރި މުހިންމު ހެކިތަކެއް ވެސް ހޯދައިފައެވެ. އެ ހެކިތަކުގެ ތެރޭގައި ނައީމާ މަރާލުމަށް ބޭނުން ކުރި ދެ ވަޅިއެއް ފުލުހުން ހޯދިއެވެ. އަދި ނައީމާއަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު (ޕީޕީއީ ކިޓް) އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދިއެވެ. އަންނައުނު ހޯދީ ވަޅުގަނޑު ކޮނެގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. ފަހުން ޝަރީއަތުގެ މަރުހަލާގައި ރިފާސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މި މައްސަލައިގައި މިއަދު ހެނދުނު ވަނީ ދައުވާ ލިބޭ މަފާޒުގެ ޝަރީއަތެއް ބާއްވައިފައެވެ. އެ ޝަރީއަތުގައި ދައުލަތުން ވިދާޅުވީ ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި އަހުޒަމް އަދި ރިފާސް ކަމަށާއި އެ މަސައްކަތުގެ އަގު ދީފައިވަނީ ފަވާޒް ކަމަށެވެ. އަގުގެ ގޮތުގައި ދީފައިވަނީ މަސްތުވާތަކެތި ކަމަށެވެ.
ކުރިމިނަލް ކޯޓުގައި މިއަދު މެންދުރު ވަނީ އަހުޒަމްގެ ޝަރީއަތެއް ބާއްވައިފައެވެ. އެ ޝަރީއަތުގައި އަހުޒަމްގެ ދިފާއީ ވަކީލު އަލީ ޝަހުނީމް ވިދާޅުވީ، މައްސަލައާ ގުޅުން ހުރި ބައެއް ލިޔެކިޔުންތަކަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ދައުވާއަށް ޖަވާބުދާރީވުމުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
ޝަހުނީމް ވިދާޅުވީ ނައީމާގެ މަރުގެ މައްސަލައިގެ ކުރިން އަހުޒަމް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ. ނައީމާގެ މަރުގެ މައްސަލައިގައި އަހުޒަމް އެންމެ ފުރަތަމަ ވާހަކަ ދެއްކީ އެ މަސްތުވާތަކެތީގެ މައްސަލައިގެ ތެރެއިން ކަމަށާއި އެއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.
އަހުޒަމް މަސްތުގެ ހާލަތުގައި ހުއްޓައި ފުލުހުން ވަނީ އޭނާއަށް ނައީމާގެ މަރުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަން އަންގައި މަޖުބޫރުކޮށްފައި ކަމަށް ޝަހުނީމް ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލައިގައި އަހުޒަމްގެ ހައްޔަރު ކުރި އިރު މަރުގެ މައްސަލައިގައި ފުލުހުން އެއްވެސް ވަރަކަށް އަހުޒަމްއަށް ޝައްކު ނުވަތަ ތުހުމަތު ކޮށްފައިނުވާނެ ކަމަށް ޝަހުނީމް ވިދާޅުވިއެވެ.
އެހެންކަމުން އަހުޒަމްގެ ފަރާތުން ދައުވާއަށް އިންކާރު ކުރާ ކަމަށް ޝަހުނީމް ވިދާޅުވިއެވެ.
ދައުލަތުން ވިދާޅުވީ އަހުޒަމް ވަނީ ފުލުހުންގެ ތަހުގީގަށް ދެ ފަަހަރެއްގެ މަތިން އަދި މުއްދަތު މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ނައީމާ މަރާލި ކަމަށް އިއުތިރާފުވެފައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ހުށަހަޅައިފައިވާ ހެކިތަކާއި އިއުތިރާރާ ގުޅުވައިލެވޭ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
މި މައްސަލައިގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ވަނީ ފަވާސްގެ އާ ދެކޮޅަށް ދައުލަތުން ހުށަހަޅައިފައިވާ ހެކި ހާމަކޮށްފައެވެ. ނަމަވެސް އަހުޒަމްއާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކިތައް ހާމަކުރާނީ ދެން ބާއްވާ ޝަރީއަތެއްގައެވެ.
މި މައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީއަތެއްގައި ދައުލަތުން ވިދާޅުވެފައިވަނީ ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ރިފާސް އަދި އަހުޒަމަށް، ފަވާޒް ވިސްނައިދީފައިވާ ކަމަށެވެ. އަދި ނައީމާ މަރާލުމަށް ބޭނުންވާ އާލަތްތައް ހޯދައި، އެ ދެ މީހުން ނައީމާ ދިރިއުޅޭ ގެއަށް ގެންދިޔައީ ފަވާޒް ދުއްވާ ކާރުގައި ކަމަށާއި އެމީހުން ނައީމާ ދިރިއުޅޭ ގެއަށް ވަނީއްސުރެ ފޯނުން އެމީހުންނަށް ކަން ކުރާނެ ގޮތުގެ އިރުޝާދު ދިނީވެސް ފަވާޒް ކަމަށެވެ.
ދައުލަތުން ވިދާޅުވެފައިވަނީ ނައީމާ މަރާލުމަށް ފަހު، ފަވާޒުގެ ކާރުގައި މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް، ވަޅުގަނޑެއް ކޮނުމަށްފަހު ހުރިހާ އެއްޗެއް އަންދާލަން އިރުޝާދުދީ، ފެޓްރޯލް ހަމެއް ދީފައިވާ ކަމަށާއި އެތަކެތި އަންދާލުމުން އެ ސަރަހައްދުން އަނބުރާ ގެންދިޔައީ ވެސް ފަވާޒްގެ ކާރުގައި ކަމަށެވެ.
ދައުލަތުން ފަވާޒްގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް އުފުލިއެވެ. އެއީ ރިފާސް ހައްޔަރު ކުރުމާއެކު ކުރިން ގެންގުޅުނު ފޯނު ނައްތާލުމަށްފަހު އާ ފޯނެއް ފަވާޒް ގަތުމުންނެވެ. ދައުލަތުން ވިދާޅުވެފައިވާ ގޮތުގައި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ، ނައީމާ މަރާލުމަށްފަހު އޭނާ އޮތް ކޮޓަރި އެތެރެއިން ތަޅުލާން އިރުޝާދު ދީފައި ވަނީ ފަވާޒް ކަމަށްވާތީއެވެ.
ނައީމާގެ ހަށިގަނޑު ފެނިފައިވަނީ މަރާލިތާ 40 ގަޑިއިރު ފަހުންނެވެ. އެއިރު އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައެވެ. ނައީމާގެ މޫނުވެސް އޮތީ ވަރަށް ބޮޑަށް ކުނިވެ، ކަޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު