އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި އިރު، އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

އާ ކޯޗު ރުބެން އަމޯރިމްއާއެކު މިދިޔަ ހަފުތާ މޮޅެއް ހޯދި ޔުނައިޓެޑުން އާސެނަލް ދަނޑުގައި ރޭ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. ދަށް ފޯމެއްގައި އޮތް ސިޓީން 3-0 އިން ފޮރެސްޓް ކައިރިން މޮޅުވި އިރު، ރޭ އަމިއްލަ ދަނޑުގައި އެޓީމުން ހޯދި މޮޅަކީ ހަތް މެޗުން މޮޅު ނުވެވި އޮތުމަށްފަހު ހޯދި މޮޅެކެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކެރިއަރުގެ އެންމެ ދަށް ދުވަސްކޮޅާ ކުރިމަތިވެ، ސިޓީއަށް ހަތް މެޗުން މޮޅުނުވެވި ދިޔައިރު، ރޭގެ މެޗަށް ނުކުތީ އެންމެފަހުން ކުޅުނު މެޗުގައި ލިވަޕޫލް ކައިރިން ބަލިވެފައި އޮވެގެންނެވެ.

މިދިޔަ ހަތަރު ސީޒަނުގެ ޕްރިމިއާ ލީގު ތަށި ހޯދި ސިޓީން މިހާތަނަށް ސީޒަނުގައި ކުޅުނު 14 މެޗުގެ ތެރެއިން ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފައެވެ. ޖުމުލަ 26 ޕޮއިންޓާއެކު ހަތަރު ވަނައިގައި މިވަގުތު އޮތް ސިޓީގެ ކުރިން ތިންވަނައިގައި އާސެނަލް އޮތީ 14 މެޗުން 28 ޕޮއިންޓާއެކުގައެވެ. އާސެނަލާއި ދެވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓް ހަމަހަމަކޮށް އޮތް ނަމަވެސް، ޗެލްސީގެ ފައިދާ ގޯލު ގިނައެވެ.

އާސެނަލުން ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ކޮޅަށް ދެ ގޯލުވެސް ޖެހީ ކޯނަރުތަކުންނެވެ. ސެޓް ޕީސްތަކުގައި ކާމިޔާބު ޓީމެއްގެ ގޮތުގައި ފާހަގަކުރެވޭ އާސެނަލުން 54 ވަނަ މިނެޓުގައި ލީޑު ނެގީ ޑެކްލަން ރައިސް އެތެރެ އެތެރެއަށް ނަގައިދިން ކޯނަރުން ޖޫރިއެން ޓިމްބާއެވެ.

އޭގެ އިރުކޮޅެއްފަހުން އާސެނަލުން އިތުރަށް ނުރައްކާކުރިއެވެ. އެެވެސް ކޯނަރެއްގައެވެ. ރައިސްގެ ކޯނަރު ޔުނައިޓެޑްގެ އޭރިއާ ތެރެއިން ޖޯޝުއާ ޒިރްކްޒީ ޖައްސާލުމުން ގޯލަށް ވަންނަން ދަނިކޮށް މަތަކުރީ މެނުއަލް އުގާޓޭއެވެ. އެއީ ގޯލު ލައިން މަތިންނެވެ.

މެޗުގެ 73 ވަނަ މިނެޓުގައި އާސެނަލުން ލީޑު ފުޅާކުރީ ބުކަޔޯ ސަކާގެ ކޯނަރެއް ތޯމަސް ޕާޓޭ ޖައްސާލުމުން ގޯލު ރޮނގު ކައިރީގައި ހުރި ވިލިއަމް ސަލީބާ ގައިގައި ޖެހި ގޯލަށް ވަދެގެންނެވެ. މިދިޔަ ސީޒަނުން ފެށިގެން މި ސީޒަނުގެ މިހާތަނަށް އާސެނަލުން 22 ކޯނަރެއްގައި ގޯލު ޖަހާފައިވެއެވެ.

ސިޓީން ރޭ ކުޅުނު މެޗު ފަސޭހަކޮށް ކާމިޔާބުކުރި އިުރ، އެޓީމުގެ ގޯލުތައް ޖަހައިދިނީ ބަނާޑޯ ސިލްވާއާއި ކެވިން ޑި ބްރޭނާ އަދި ޖެރަމީ ޑޮކޫއެވެ.

ރޭގެ މެޗަށްވެސް ސިޓީން ނުކުތީ ފުރަތަމަ 11 ގައި ގޯލްކީޕަރު ސްޓެފަން އޮރިޓޭގާ ހިމަނައިގެންނެވެ. ގާޑިއޯލާ ކުރިންވެސް ބުނީ އެއީ ފޯމަށް ބަލައި ގެނައި ބަދަލެއް ނޫން ކަމަށާއި، މި ހާލަތުގައި އެންމެ ރަނގަޅު ގޮތް ކަމަށެވެ.