އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ނިއުކާސަލްއާ އެއްވަރުވި އިރު، ދެވަނައިގައި އޮތް ޗެލްސީން ތަފާތު ބޮޑު ނަތީޖާއަކުން ސައުތުހެމްޓަން ބަލިކޮށްފިއެވެ.

ލީގުގައި ރޭ ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު މެޗުގައި ނިއުކާސަލްއާ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. ދެވަނައިގައި އޮތް ޗެލްސީން ރަނގަޅު ފޯމެއްގައި އޮތް އިރު، އެ ޓީމުން ރޭ ރަށުން ބޭރުގައި ސައުތުހެމްޓަން ބަލިކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ލިވަޕޫލުން މިހާތަނަށް 14 މެޗު ކުޅެ، 35 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އިރު، މިހާތަނަށް އެޓީމަށް ޕޮއިންޓް ގެއްލުނީ އެންމެ ތިން މެޗުގައެވެ. އޭގެ ތެރެއިން އެއް މެޗަކީ ރޭ އެއްވަރުވި މެޗެވެ. ލިވަޕޫލް މިހާތަނަށް މި ސީޒަނުގެ ލީގުގައި ބަލިވީ އެންމެ މެޗަކުންނެވެ.

ޗެލްސީ ދެވަނައިގައި އޮތީ 14 މެޗުން 28 ޕޮއިންޓާއެކުގައެވެ. އެއީ އާސެނަލާ އެއްވަރަށް ޕޮއިންޓް ލިބި، ފައިދާ ގޯލުގެ ތަފާތުންނެވެ.

ރޭ ލިވަޕޫލުން ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލްއިން ލީޑު ނެގިއެވެ. އެލެކްސެންޑާ އިސާކް ޖެހި އެ ގޯލުން ނިއުކާސަލް ލީޑު ނެގި އިރު، ފުރަތަމަ ހާފުގައި ނިއުކާސަލް ވަނީ ދެވަނަ ގޯލަކާވެސް ގާތަށް ޖެހިލައިފައެވެ. އެގޮތުން ޖޭކޮބް މާފީއާއި އެންތަނީ ގޯޑަންގެ ހަމަލާތައް ފާހަގަވިއެވެ.

ދެވަނަ ހާފު ފެށިގެން މަ ގިނައިރެއް ނުވެ ކާޓަސް ޖޯންސް ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، އޭގެ އިރުކޮޅެއްފަހުން ގޯޑަންގެ ގޯލުން ނިއުކާސަލް ދެވަނަ ފަހަރަށް ލީޑު ނެގިއެވެ.

ޝައުގުވެރި މެޗުގައި ދެން އަނެއްކާވެސް ލިވަޕޫލްގެ ދެ ގޯލު ފެނުނު އިރު، އެ ދެގޯލުވެސް ޖެހީ މުހައްމަދު ސަލާހެވެ. ސަލާހް ގޯލުތައް ޖެހީ 68 އަދި 83 ވަނަ މިނެޓުގައެވެ. ސަލާހުގެ ދެވަނަ ގޯލާއެކު ލިވަޕޫލުން މެޗުން މޮޅުވި ކަމަށް ބަލައިގެން ތިއްބާ، ނިއުކާސަލް އެއްވަރުކުރީ 90 ވަނަ މިނެޓުގައެވެ.

ހިލޭ ޖެހުމެއްގައި ލިވަޕޫލްގެ ގޯލްކީޕަރު ކައޮއިމްހިން ކެލެހާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެ ގޯލު ޖެހީ ފަބިއަން ޝާއެވެ.

ޗެލްސީން ކުޅުނު މެޗުގެ ކުރީކޮޅުގައި އެޓީމުން ވަނީ ލީޑު ނަގައިފައެވެ. އެއީ އެކްސެލް ޑިސާސީ ޖެހި ގޯލުންނެވެ. އޭގެ އިރުކޮޅެއްފަހުން ޖޯއޭ އަރީބޯ ޖެހި ގޯލުން ސައުތުހެމްޓަން އެއްވަރުކުރި ނަމަވެސް، މެޗުގެ ބާކީ ބައިގައި ޗެލްސީ ފެނުނީ މާ ބޮޑަށްވެސް ވަރުގަދަ ކޮށެވެ.

ހާއްސަކޮށް، ސައުތުހެމްޓަންގެ ކެޕްޓަން ޖެކް ސްޓެފެންސްއަށް ފުރަތަމަ ހާފުގައި ދެއްކި ރަތް ކާޑާއެކު ޗެލްސީން މެޗު ޑޮމިނޭޓް ކުރިއެވެ. އޭނާއަށް ރަތް ކާޑު ދެއްކީ މާކް ކުކުރޭލާ ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެންނެވެ.

ޗެލްސީއަށް މެޗުގައި އިތުރު ގޯލުތައް ޖަހައިދިނީ ކްރިސްޓޮފާ އެންކުންކޫއާއި ކޯލް ޕާމާގެ އިތުރުން ޖޭޑަން ސަންޗޯއާއި ނޮނީ މަޑުއޭކޭއެވެ.