މެންޗެސްޓާ ޔުނައިޓެޑުގެ އިންގްލެންޑް މިޑްފީލްޑަރު ލޫކް ޝޯއަށް އަނެއްކާވެސް އަނިޔާވެއްޖެއެވެ.

އުމުރުން 29 އަހަރުގެ ޝޯއަށް މިފަހަރު ކުރިމަތިވީ ފަލަމަސްގަނޑުގެ އަނިޔާއެކެވެ. އެ އަނިޔާއާ ގުޅިގެން ޝޯ ވަނީ ސޯޝަލް މީޑިއާއަށް ހާއްސަ މެސެޖެއް ދޫކޮށްލައިފައެވެ. އެގޮތުން އޭނާއަށް ފާޑުކިޔާ މީހުންނަށް ރައްދުދީ ޝޯ ބުނީ އަނިޔާތަކުގެ ސަބަބުން ރުޅިގަދަވެ، މާޔޫސްވެ، ދެރަވާ ކަމަށާއި އެކަންކަމުގެ މާޔޫސީ އިހުސާސް އޭނާއަށްވުރެ ބޮޑަށް ކުރާނެ މީހެއް ނުހުންނާނެ ކަމަށެވެ.

ޝޯ މި ސީޒަން ފެށިއިރު ފިޓްކޮށް ހުރި ނަމަވެސް، އޭނާ މިސީޒަނުގައި އަދި ކުޅުނީ އެންމެ ތިން މެޗުގައެވެ. އެއީވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އޭގެ ކުރިން އިންގްލެންޑުން ޔޫރޯއަށް ދިޔަ އިރު ޝޯ ގެންދިޔަ ނަމަވެސް، ކޯޗު ގެރެތު ސައުތުގޭޓަށް އޭނާ ބޭނުން ކުރެވުނީ ދެ މެޗުގައެވެ. އޭގެ ތެރެއިން އެއް މެޗަކީ ފައިނަލް މެޗެވެ. އެ މެޗުތަކުގައި ޝޯ ރަނގަޅަށް ކުޅުނު ނަމަވެސް، ޔޫރޯގެ ބޮޑު ބައެއްގައިވެސް އޭނާއަށް ހުންނަން ޖެހުނީ އަނިޔާގައެވެ. އެއީ އެ ސީޒަނުގައި އެއްކޮށް ކަހަލަ ގޮތަކަށް ނުކުޅެ ހުރުމަށްފަހުއެވެ.

ޝޯ، އުމުރުން 16 އަހަރުގައި ކެރިއަރު ފެށީ ސައުތުހެމްޓަންއިންނެެވެ. އެއީ 2012 ވަނަ އަހަރުއެވެ. އެފަހުން ތަފާތު 75 ފަހަރުމަތިން އޭނާއަށް މެޗުތައް ގެއްލިފައިވެއެވެ. އޭގެ ތެރެއިން 61 ފަހަރު ޝޯއަށް ނުކުޅެ ހުންނަން ޖެހުނީ އަނިޔާގެ ސަބަބުންނެވެ. އަނެއް 14 ފަހަރު މެޗުތައް ގެއްލުނީ ބަލިވެގެންނެވެ.

ޝޯގެ ކެރިއަރުގައި 13 ފަހަރަށް ފަލަމަސްގަނޑައަށް އަނިޔާވެފައިވާ އިރު، 2015 ވަނަ އަހަރު އޭނާއަށް ބޮޑު އަނިޔާއަކާ ކުރިމަތިވެފައެވެ. އެއީ ދެފައި އެއްކޮށް ބިންދައިގެން ގޮސްގެންނެވެ. އެފަހަރު 305 ދުވަސް ވަންދެން ނުކުޅެ ހުންނަން ޖެހި އިރު، އޭނާގެ ކެރިއަރުގައި މިހާތަނަށް ހަތަރު ވަރަކަށް އަހަރު ދުވަހު އަނިޔާގެ ސަބަބުން ނުކުޅެ ހުންނަން ޖެހިއްޖެއެވެ.

ޔުނައިޓެޑުގައި ހޭދަކުރި މުއްދަތުގެ ތެރެއިން 2018 ވަނަ އަހަރު 2023 ވަނަ އަހަރާ ހަމައަށް ޝޯ ވަނީ 71 ޕަސެންޓް މެޗުތަކުގައި ކުޅެފައެވެ. އެހެން ނަމަވެސް، އޭގެފަހުން މިހާތަނަށް އޭނާއަށް ކުޅެވުނީ އެންމެ 14 މެޗުގައެވެ.