ހުސްވި ނޮވެމްބަރު މަހުގެ ވިހިވަނަ ދުވަހު ޔުކްރޭނުގެ ހަގުރާމަޔަށް އެއްހާސް ދުވަސް ވަނީ ފުރިފައެވެ. މި ހަގުރާމަޔަކީ މީގެ އަށްޑިހަ އަހަރު ކުރިން މަޝްހޫރު ދެވަނަ ބޮޑު ހަގުރާމަ ނިމުނުފަހުން ޔޫރަޕުގެ ބައްރުގައި ކުރިއަށްދާ އެންމެ ބިރުވެރި އެންމެ ނުރައްކާތެރި ހަގުރާމައެވެ. މި ހަގުރާމަ ދުނިޔޭގެ ތިންވަނަ ބޮޑު ހަގުރާމަޔަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. ނިއުކުލިއަރ ކުރިމަތިލުމަކަށް ބަދަލުވެގެން ދިއުމުގެ ބިރުވެސް ނުހަނު ބޮޑެވެ. މި ހަގުރާމައިގެ ނިމުން އެބަފެނޭ ހެއްޔެވެ. އަނެއްކާވެސް އިތުރު އަހަރުތަކަކަށް ހަގުރާމަ ދެމިގެން ހިނގައިދާނެ ހެއްޔެވެ. ދުނިޔޭގެ އޮޔާއި ވައި މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ނޭޓޯއަކަސް އަދި އެހެން ބަޔަކަސް ހަމަ މިހެންތިބެފައި ބޭނުންހާ ގޮތަކަށް ރަޝިޔާއާ ނުކުޅެވޭނެކަން އެގައުމުން ސާބިތުކޮށްދީފިއެވެ. ނޭޓޯއިން އެއްކުޅި ކުޅެފިއްޔާ ކުރިއަށް ހަކުޅި ކުޅެންވެސް ރަޝިޔާ ތައްޔާރުކަން އަންގައިފިއެވެ. ވަރަށް ސާފު ބަހުންނެވެ.
އެހެންވީމާ ދެން ލަސްތަކެއްނުވެ ހަގުރާމަ ނިމިދާނޭކަމުގެ ކުލަވަރު މިހާރު ފެންނަން ފަށައިފިއެވެ. މިހާތަނަށް ދިގުލައިގެން ދިޔައީ ޔުކްރޭނުގެ ސަބަބުންނެވެ. ރަޝިޔާއިން އޮތީ ހަގުރާމަ ހުއްޓައިލާނެގޮތް އަންގައިފައެވެ. ޝަރުތުތަކެއް ހުށައަޅައިފައެވެ. އެކަމަށް އެއްބަސްނުވެ ހަރުކަށިކަން ކުރިއަށް ނެރެމުން އައީ ޔުކްރޭނުންނެވެ. ޔުކްރޭނުން ބޭނުންވީ ހަގުރާމަކޮށްގެން ރަޝިޔާ ބަލިކުރާށެވެ. ނަންހުސްކޮށް ހުރިހާ ބާވަތެއްގެ ފިޔަވަޅުތައް އަޅައިގެން ރަޝިޔާގެ އިގްތިސާދު އިނދަޖައްސައިލެވިދާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ހީކުރިއެވެ. އެކިބާވަތްތަކުގެ ހަތިޔާރު ޔުކްރޭނަށް ދީގެން ރަޝިޔާ ބަލިކޮށްލެވިދާނެ ކަމަށްވެސް އެމީހުން ހީކުރިއެވެ. ރަޝިޔާގައި ހުރި ނިއުކުލިއަރ ހަތިޔާރުގައި އަތްލާންވެސް އެގައުމަށް ނުކެރޭނެކަމަށް ލަފާކުރިއެވެ. މިހުރިހާ ހީކުރުންތަކާއި ހިސާބުޖެހުންތައް ދިމަލެއް ނުވިއެވެ. އިގްތިސާދީގޮތުން ރަޝިޔާ ކުޑަކަކޫ މައްޗަށް ތިރިކޮށެއް ނުލެވުނެވެ. އަސްކަރީގޮތުން ފަހަތަކަށްވެސް ޖައްސައެއް ނުލެވުނެވެ.
ނިއުކުލިއަރ ހަތިޔާރުގައި އަތްލާންޖެހިއްޖެނަމަ އެކަންކުރާނޭ ފަސޭހަގޮތްވެސް ރަޝިޔާއިން ވުޖޫދުކޮށްފިއެވެ. އެހެންވީމާ ޔުކްރޭނަށް ވާގިވެރިވެގެން ނެރެވޭނެ ނަތީޖާއެއް ނެތްކަން ކަށަވަރުވީމާ ހުޅަނގުގެ ގައުމުތައް މިހާރު އެތިބީ ހަގުރާމައަށް ނިމުމެއް ގެންނަން ބޭނުންވެފައެވެ. ހުޅަނގުން އެގޮތް ބޭނުންވީމާ ދެން ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީއަށް ދެއްކޭނެ މާބޮޑު ގަދައެއް ނެތެވެ. ހިތިބޭސް ބޮއެގެން ރަޝިޔާގެ ޝަރުތުތައް ގަބޫލުކުރުން ނޫން އެހެން ގޮތެއް އޭނާއަކަށް ނޯންނާނެއެވެ. ރަޝިޔާއަށް ތަންފުކެއްވެސް ދުލެއް ނުދީ ހަގުރާމަ ދަމަހައްޓަން ޔުކްރޭނަށް ބާރުއަޅަމުންއައީ ނޭޓޯއިން ކަމަށްވާއިރު ނޭޓޯގެ މުޅި ފުރާނަޔާއި ދިރުންކަމަށްވާ އެމެރިކާއަށް ވަރަށް ބޮޑު ބަދަލެއްވެސް އަތުވެއްޖެއެވެ. އެމެރިކާގައި ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރިހޯއްދެވީ ޑޮނަލްޑް ޓްރަމްޕެވެ. ޓްރަމްޕުގެ ވިސްނުންހުރީ ޔުކްރޭނަށް ހަތިޔާރާއި ފައިސާއަޅާ ގޮތަކަށް ނޫނެވެ. ހަގުރާމައަށް އަވަސް ނިމުމެއް ގެނެވޭނެގޮތް ހޯދުމަށެވެ.
ޔުކްރޭނަށް މަޖުބޫރުކޮށްގެން ވިޔަސް އެކަން ކުރަން ޓްރަމަޕު ތައްޔާރެވެ. ޓްރަމްޕު ވެރިކަމާ ހަވާލުވެވަޑައި ނުގެންނެވިއަސް ފަރުދާގެ ފުރަގަހުގައި ޔުކްރޭނުގެ އޮފިޝަލުންނާއެކު ޓްރަމްޕުގެ ޓީމުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީގެ ބަސްމަގަށް ވަރަށްބޮޑު ބަދަލެއް އަތުވެއްޖެއެވެ. ޒެލްންސްކީގެ ބަސްމަގަށް އައި ބަދަލަކީ ކޮބައިހެއްޔެވެ. އޭނާ މިހާރު އެބަވިދާޅުވެއެވެ. ކިތަންމެ ހިތިވިޔަސް ސުލްހައަށްޓަކައި ބޯންޖެހޭ ބޭހެއްވިއްޔާ އެބޭހެއް ބޯން ޔުކްރޭނު ތައްޔާރެވެ. ރަޝިޔާއިން ހިފާފައިވާ ކްރައިމިއާ އާއި ޑޮންބާސް އާއި ޑޮނެސްކް ރަޝިޔާއަށް ދޫކޮށްލައިގެން ވިޔަސް ސުލްހަ ގެންނަން ތައްޔާރެވެ. ރަޝިޔާއިން ހިފާފައިވާ ސަރަހައްދުތައް ރަޝިޔާއަށެވެ. އޭގެ ބަދަލުގައި ޔުކްރޭނަށް ބޭނުންވަނީ ސުލްހައެވެ. މި ހަގުރާމަޔަކީ ވޭންދެނިވި ބޮޑު ހަލާކެކެވެ. އެހެންވީމާ ސުލްހައިގެ މަގު އިޚުތިޔާރުކުރުން ނޫން މަގެއް ނެތެވެ. އެކަމަކު މި ސުލްހައިގެ އަމާޒަކަށް ވާންވާނީ ނޭޓޯގައި ޔުކްރޭނު ބައިވެރި ކުރުމެވެ.
ރަޝިޔާއިންވެސް މިކަމަށް އެއްބަސްވާން ޖެހޭނެ ކަމަށް ޒެލެންސްކީ އެބަވިދާޅުވެއެވެ. ޔުކްރޭނުން ގެއްލުނު ބިންތައް ނުވަތަ ގެއްލޭ ބިންތައް ހޯދަން ދެން ބޭނުންކުރާނީ ހަތިޔާރެެއް ނޫން ކަމަށާއި އެކަމަށް ބޭނުންކުރާނީ ޑިޕްލޮމަސީ ކަމަށްވެސް އެބަވިދާޅުވެއެވެ. އެއީ ފަހުންވެސް ކުރެވިދާނޭ ކަމެކޭ އެބަ އަންގަވައެވެ. ޒެލެންސްކީގެ މިވިދާޅުވުމަކީ ހަގީގަތުގައިވެސް ޔުކްރޭނުގެ ސިޔާސަތަށް ގެނައި ޔޫޓާރނެކެވެ. މިސްރާބު މުޅިން ބަދަލުކުރުމެކެވެ. މީގެކުރިން ޒެލެންސްކީ ވިދާޅުވަމުން ގެންދެވީ ޔުކްރޭނުގެ ސަރަހައްދުގެ އެންމެ އިންޗިއެއްވެސް ދޫކޮށްލުމެއް ނެތްކަމުގައެވެ. ސުލްހައަށްޓަކައި ރަޝިޔާ ޖެހޭނީ ހުރިހައި ބިންތަކުން ފައިބަން ކަމުގައެވެ. އެވަރަކުން އަދި ނުފުދެއެވެ. ޔުކްރޭނަށް ލިބުނު ގެއްލުންތަކުގެ ބަދަލުވެސް ރަޝިޔާއިން ދޭންޖެހެއެވެ. ކޮންމެއަކަސް ރަޝިޔާއިން ހިފާފައިވާ ބިންތައް ރަޝިޔާއަށޭ ޒެލެންސްކީ މިހާރު ވިދާޅުވީމާ އެކަން ބަލައިގަންނަން ރަޝިޔާއަށް ފަސޭހަވާނެއެވެ. އެކަމަކު ޔުކްރޭނުން ނޭޓޯ ޖަމާއަތުގައި ބައިވެރިވުމަކީ ދެންވެސް ރަޝިޔާ ރުހޭނޭކަމެއް ނޫނެވެ.
އެއީ ރަޝިޔާއިން އެއްބަސްވާނެ ކަމެއް ނޫނެވެ. ރަޝިޔާގެ ދެކޮޅުހެދުންތަކުގެ ކުރިމަތީގައި ނޭޓޯގައި ޔުކްރޭން ބައިވެރިކުރުމުގެ ވިސްނުމެއް ނޭޓޯއިންވެސް ގެންގުޅޭނެ ކަމަށް ނުފެނެއެވެ. އޭގެ ސަބަބަކީ ސީދާގޮތެއްގައި ރަޝިޔާއާއެކު ކުރިމަތިލުމަކަށްދާން ޖެހިލުންވުމެވެ. ކޮންމެއަކަސް ރައީސް ޒެލެންސްކީގެ ބަސްމަގަށް ބޮޑު ބަދަލެއް މިއައީ ޔުކްރޭނުގެ އިރުމަތީ ބިތުން ރަޝިޔާގެ ފައުޖުތައް ކުރިއަށްޖެހި ޔުކްރޭނުގެ އިތުރު ބިންތައް ހިފަމުން ޔުކްރޭނުގެ ސަފުތައް ތޮރުފަމުން ފައްސަމުންދާ ދުވަސްވަރެއްގައެވެ. ގަބޫލުކުރެވޭ ގޮތުން މި ޑިސެމްބަރު މެދަކާ ހިސާބަށްދާއިރު ރަޝިޔާއިން ކޮންޓްރޯލް ކުރަން ބޭނުންވާ ހުރިހާ ސަރަހައްދުތަކެއް އެމީހުން ހިފާނެއެވެ. އެހިސާބުން ރަޝިޔާއިންވެސް ޔުކްރޭނުގެ އައު ވިސްނުމަށް މަރުހަބާކިޔައި ސުލްހައިގެ މަޝްވަރާއަށް އެއްބަސްވެދާނެއެވެ. މިހާރު ފެންނަ މަންޒަރުތަކުން ގަބޫލު ކުރެވެނީ އަންނަ އަހަރުގެ ޖެނުއަރީ ވިހިވަނަ ދުވަހު ޑޮނަލްޑް ޓްރަމްޕު ހުވާކުރެއްވުމުގެ ކުރިން ރަޝިޔާ އާއި ޔުކްރޭނުގެ ހަގުރާމަ ނިމޭނޭ ކަމުގައެވެ. ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރެވިގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ