މެންޗެސްޓާ ޔުނައިޓެޑްގައި ހޭދަކުރި ކާމިޔާބު ދުވަސް ކޮޅަށްފަހު އެ ކްލަބު ދޫކޮށްލަން ޖެހުމުން ހިތްހަމަ ނުޖެހުނު ކަމަށް ކުރިން އެ ކްލަބަށް ކުޅެ، މި ސީޒަނުގެ ބޮޑު ބައެއްގައި އެ ކްލަބުގެ އެސިސްޓެންޓް ކޯޗުކަމުގައި ހުރި ރޫދު ވާން ނިސްޓެލްރޫއީ ބުނެފިއެވެ.

އުމުރުން 48 އަހަރުގެ ނިސްޓެލްރޫއީ ލެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވެ ހުރި އިރު، އޭގެ ކުރިން އޭނާ ހަފުތާއެއްހާ ދުވަހަށް ޕްރިމިއާ ލީގާ ދުރަށް ޖެހިލިއެވެ. އެއީ ކެރިއަރުގައި ގިނަ މެޗުތަކެއް ކުޅެފައިވާ ކްލަބު، ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުރުމަށްފަހުގައެވެ. އެ ކްލަބުގެ އެސިސްޓެންޓް ކޯޗުކަމުގައި މި ސީޒަން ފެށި ނިސްޓެލްރޫއީ ވަގުތީ ކޯޗުކަމާ ހަވާލުވީ ކުރިން އެމަގާމުގައި ހުރި އެރިކް ޓެން ހާގު ވަކިކުރުމާ ގުޅިގެންނެވެ.

ޔުނައިޓެޑާ އޭގެފަހުން ހަވާލުވި ކޯޗު ރުބެން އަމޯރިން ކޯޗިން ޓީމު އެކުގައި ކްލަބާ ހަވާލުވެފައިވާ އިރު، ނިސްޓެލްރޫއީ މަޑުކުރާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް، އޭނާ ނިންމީ ކްލަބާ ދުރަށް ޖެހިލާށެވެ. ވަގުތީ ގޮތުން ޔުނައިޓެޑާ ހަވާލުވެ ހުރިއިރު، ނިސްޓެލްރޫއީއާއެކު އެ ކްލަބުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

"އަހަރެން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި. ވަރަށް ދެރަވި ޔުނައިޓެޑް ދޫކޮށްލަން ޖެހުނީމަ. އެއީ އަހަރެންގެ ކެރިއަރުގައި އެސިސްޓެންޓް ކޯޗުކަން ކުރާނެ ހަމައެކަނި ކްލަބަކީ އެއީ ކަމަށްވެސް ވާތީ. އެއީ އެ ކްލަބާ އަހަންނާ އޮންނަ ގުޅުމުގެ ސަބަބުން. ސަޕޯޓަރުންނަށް އޮންނަ ލޯތްބެއްގެ ސަބަބުން،" ނިސްޓެލްރޫއީ ބުންޏެވެ.

ނިސްޓެލްރޫއީ އިތުރަށް ބުނީ ކްލަބު ދޫކޮށްލީ އާ ކޯޗުގެ ވިސްނުން އޭނާއަށް "އަންޑަސްޓޭންޑް" ވާތީ ކަމަށާއި، ރުބެން އަމޯރިމްއާ ދެކެވުނު ވާހަކަތަކުން ނިންމީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ.

ކެރިއަރުގައި ޔުނައިޓެޑާއި ރެއާލް މެޑްރިޑަށްވެސް ކުޅެފައިވާ ނިސްޓެލްރޫއީ ޔުނައިޓެޑްގައި ހޭދަކުރި ފަސް އަހަރު ތެރޭގައި 150 ގޯލު އެ ކްލަބަށް ޖަހައިދީފައިވެއެވެ.