ސްޕެނިޝް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުގައި ގެޓާފޭ ބަލިކޮށްފިއެވެ.
ރެއާލުން އަމިއްލަ ދަނޑުގައި ގެޓާފޭ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު އެޓީމުން ވަނީ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ބާސެލޮނާއާ ޕޮއިންޓެއް ގާތަށް ޖެހިލައިފައެވެ. އެއީ މެޗެއް މަދުން ކުޅެގެން، 14 މެޗުން 33 ޕޮއިންޓް ހޯދައިގެންނެެވެ. ބާސާ 15 މެޗުން 34 ޕޮއިންޓް ހޯދާފައިވާ އިރު، ރެއާލަށް އަތުގައި އޮތް މެޗުން މޮޅުވެ، އެއްވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ.
ރެއާލްގެ އަނިޔާގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ފޯމު ދަށްކޮށް ފެނިގެންދާ އިރު، ރޭ އެޓީމަށް ލީޑު ނަގައިދިނީ ޖޫޑް ބެލިންހަމް އެވެ. ރޭ ކުޅުނު މެޗުގެ ކުރިން ލިވަޕޫލާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅެ ބަލިވެފައި އޮތް ރެއާލަށް ބެލިންހަމް ލީޑު ނަގައިދިނީ ޕެނަލްޓީއަކުންނެވެ.
އޭގެ 8 މިނެޓުފަހުން އެމްބާޕޭ ވަނީ ސީޒަނުގައި އޭނާ ޖެހި 8 ވަނަ ގޯލާއެކު ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ. އެމްބާޕޭގެ ގޯލަކީ ކުރިއަށް ދުއްވާލި ބޯޅައެއް ހޯދައި، އޭރިއާ ބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. މި ސީޒަނަށް ރެއާލަށް ބަދަލުވެ އެމްބާޕޭގެ ފޯމު ދަށްކަމުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، ރޭގެ މެޗަށްފަހު ކޯޗު ކާލޯ އެންޗެލޮޓީ ވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ.
"އެމްބާޕޭ ފެނުނީ ވަރަށް އެކްޓިވްކޮށް، ވަރަށް ނުރައްކާތެރިކޮށް. އަދި އޭނާ މެޗުގައި ޖެހި މޮޅު ގޯލާއެކު އަހަރެމެންނަށް މެޗުގެ ކޮންޓްރޯލް ލިބިގެން ދިޔަ،" އުމުރުން 25 އަހަރުގެ ފްރާންސް ކެޕްޓަން އެމްބާޕޭއާ ގުޅޭ ގޮތުން އެންޗެލޮޓީ ބުންޏެވެ.
އެންޗެލޮޓީ ބުނީ އެމްބާޕޭގެ އަސްލު ފެންވަރު ސަޕޯޓަރުންނަށް އޮޅިގެން ނުވާނެ ކަމަށާއި، އެމްބާޕޭ ގޯލު ޖެހުމަކީ އޭނާއަށް ޕްރެޝަރު ކުޑަވާނެ ކަމެއް ކަމަށެވެ. ހާއްސަކޮށް ރޭ އެމްބާޕޭ ޖެހި ގޯލަކީ ހުނަރުގެ ގޮތުން ތަފާތު ފެންވަރެއްގެ ގޯލެއް ކަމަށް އޭނާ ބުންޏެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ