އިންޑިއާއިން 2036 ވަނަ އަަހަރުގެ އޮލިމްޕިކްސް ހޯސްޓް ކުރުމަށް ޝައުގުވެރިވުން އެއީ އުފަލެއް ނަމަވެސް، އެކަމުގައި ވިސްނަން ޖެހޭ ވަރަށް ގިނަ، ބޮޑެތި ޗެލެންޖްތަކެއް ހުންނާނެ ކަމަށް ވޯލްޑް އެތުލެޓިކްސްގެ ރައީސް ސެބެސްޓިއަން ކޯއީ ވިދާޅުވެއްޖެއެވެ.
އުމުރުން 68 އަހަރުގެ ކޯއީއަކީ މީގެ ކުރިން ދެ ފަހަރަށް އޮލިމްޕިކްސް 1500 މީޓަރުގެ ރަން މެޑަލް ހޯދި އެތުލީޓެކެވެ. ކޯއީގެ މުނި ކާފައަކީ އިންޑިއާ މީހަކަށްވާ އިރު، އޭނާ މިވަގުތު ހުރީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ފޫގަޅައިގެންނެވެ. އެގޮތުން މިހާރުގެ ރައީސް ތޯމަސް ބެޗްގެ މަގާމު ހޯދުމަށް ކޯއީއާ އެކު އިތުރު ހަ މީހަކު މަސައްކަތް ކުރަމުންދާ ކަމަށް ނޫސްތައް ބުނެއެވެ.
އިންޑިއާއަކީ ކުޅިވަރުގެ މައިދާނުގައި ކުރިއަރަމުންދާ ވަރުގަދަ އިގުތިސާދެއް އޮތް ގައުމެއް ނަމަވެސް، އޮލިމްޕިކްސްއާ އެއްވަރުގެ ގޭމްސްއެއް މީގެ ކުރިން އެގައުމުގައި ހޯސްޓް ކޮށްފައެއް ނުވެއެވެ. 2010 ވަނަ އަހަރު ނިއު ދިއްލީގައި ކޮމަންވެލްތު ގޭމްސް ހޯސްޓް ކޮށްފައިވާ އިރު، އެ އިވެންޓަށް ހަ ބިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.
އެހާ ބޮޑު އަދަދެއްގެ ފައިސާ އިންޑިއާއިން ކޮމަންވެލްތު ގޭމްސްއަށް ހޭދަ ކުރި ނަމަވެސް ސްޓޭޑިއަމްތަކުގައި ވާރޭ ހިޔާނުވާ މައްސަލަ އާއި އެކޮމަޑޭޝަންގެ ނުތާހިރުކަމުގެ މައްސަލަތަކާ އެކު އެ ގޭމްސްއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ.
މިދިޔަ ހަފުތާގައި ކޯއީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ކުޅިވަރާ ބެހޭ ވަޒީރު މަންސޫހް މަންދާވިޔާއާ ބައްދަލުކުރައްވައި އިންޑިއާގެ އޮލިމްޕިކް ބިޑާ ގުޅޭ މަޝްވަރާ ކުރައްވާފައިވެއެވެ.
"އަހަރެން އުފާވޭ އިންޑިއާއިން އޮލިކްޕިކްސްއެއް ހޯސްޓް ކުރަން މަސައްކަތް ކުރާތީ. އޮލިމްޕިކް ގޭމްސްއަކީ ތަފާތު ގޭމްސްއެއް. އެއީ ޔުނީކް ގޭމްސްއެއް. އަހަރެން ސަޕްރައިޒެއް ނުވޭ އިންޑިއާ މި މަސައްކަތް ކުރަން އުޅޭތީއެއް. އެއީ އިންޑިއާއަކީ ކުޅިވަރުގެ ބޭރުން ވެސް ތަފާތު އިޖުތިމާއީ އަދި އިގުތިސޯދީ ފައިދާތަކަށް މަސައްކަތް ކުރާ ގައުމަކަށް ވާތީ،" ކޯއީ ވިދާޅުވިއެވެ.
ލަންޑަނުގައި 2012 ވަނަ އަހަރު ބޭއްވި އޮލިކްޕިކްސްގެ ބިޑް އެވަލުއޭޝަން ކޮމިޓީގައި ހަރަކާތްތެރިވި ކޯއީ ވިދާޅުވީ އިންޑިއާއަށް ޗެލެންޖް ބޮޑު ނަމަވެސް، މިހާރު އޮތް ހާލަތުގައި އެގައުމަށް އެ ޗެލެންޖްތަކުން އަރައިގަނެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ އިތުރުން މިސްރާއި ތުރުކީ، ގަތަރު، ސައުދީ އަރަބިއާ އަދި އިންޑޮނޭޝިއާއިން ވެސް 2036 ގެ އޮލިމްޕިކް ގޭމްސް ހޯސްޓް ކުރުމަށް ޝައުގުވެރިކަން އެބަހުއްޓެވެ. ދެން އޮތް 2028 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް އެމެރިކާގެ ލޮސް އޭންޖަލަސްގައި ހޯސްޓް ކުރަން ނިންމާފައިވާ އިރު، 2032 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސް ހޯސްޓް ކުރާނީ އޮސްޓްރޭލިއާގެ ބްރިސްބަން ގައެވެ.
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް
އޮލިމްޕިކްސް