ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު ލީގު މެޗުގައި ލަސް ޕަލްމާސް ކައިރިން ބަލިވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހަކީ ބާސާގެ 125 ވަނަ އަހަރީ ދުވަސްކަމުން އެ ޓީމުން ރޭ މެޗު ފެށުމުގެ ކުރިން އުފާފާޅުކުރުމުގެ ބައެއް ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. އެގޮތުން އާ މެސްކޮޓެއް ދައްކާލާފައިވާ އިރު، ރޭގެ މެޗުގައި ބާސާގެ ރަސްމީ ގަދަ ރަތް އަދި ނޫކުލައިގެ ޖާޒީގައި ބޭނުންކުރީ ހުދު ސޯޓެވެ. އެއީ އެކްލަބުގެ ތާރީހީ ހުދު ސޯޓަށް ހާއްސަކޮށްގެންނެވެ.
އެ އުފަލުގައި އޮތް ބާސާ އަމިއްލަ ދަނޑުގައި ރޭ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ ބާސާއިން، 1971 ވަނަ އަހަރު ފަހުން ލަސް ޕަލްމާސް ކައިރިން ބަލިވި ފުރަތަމަ ފަހަރެވެ. އަދި އެންމެފަހުން އެޓީމުން ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅެއް ނުލިބި، ބާސާއަށް ވަނީ އެއްވަނަ ގެއްލުމުގެ ބިރާ ވެސް ކުރިމަތިލާން ޖެހިފައެވެ.
މިހާތަނަށް ކުޅުނު 15 މެޗުން 34 ޕޮއިންޓާއެކު ބާސާ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި މިވަގުތު އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެއީ 15 މެޗުން 32 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ރެއާލް މެޑްރިޑް، 13 މެޗުން 30 ޕޮއިންޓް ހޯދާފައިވާ އިރު، އަތުގައި އޮތް ދެމެޗުން މޮޅުވެ، އެއްވަނައަށް އެރުމަށް އެޓީމަށް ފުރުސަތު އެބައޮތެވެ.
ބާސާއިން ރޭގެ މެޗުގައި ޖުމުލަ 26 ހަމަލާއެއް އުފެއްދި ނަމަވެސް، ލަސް ޕަލްމާސްއަށް ނުރައްކާވީ މަދު ފަހަރަކުއެވެ. ފުރަތަމަ ހާފުގައި ބާސާގެ ހަމަލާތައް ކީޕަރު ޖެސްޕާ ސިލެސެން މަތަކުރި އިރު، ރަފީނިއާގެ ހިލޭ ޖެހުމަކާއި ފެރާން ޓޮރެސް އަދި ޕަބްލޯ ޓޮރެސްގެ ހަމަލާތައްވެސް ސިލެސަން މަތަކުރިއެވެ.
މެޗުގެ ތިން ގޯލުވެސް ދެވަނަ ހާފުގައި ފެނުނު އިރު، ލަސް ޕަލްމާސްއަށް ލީޑު ނަގައިދިނީ ކުރިން ބާސާއަށް ކުޅުނު ފޯވަޑް ސާންޑްރޯ ރަމިއަރޭޒްއެވެ. އޭގެފަހުން 61 ވަނަ މިނެޓުގައި ބާސާ ކެޕްޓަން ރަފީނިއާ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، 67 ވަނަ މިނެޓުގައި ފަބިއޯ ސިލްވާ ވަނީ ލަސް ޕަލްމާސް މޮޅުކޮށްދީފައެވެ.
ވުލްވްސްގެ ލޯނެއްގައި ލަސް ޕަލްމާސްއަށް ކުޅެމުންދާ ސިލްވާ ވަނީ މިހާތަނަށް މި ސީޒަނުގެ ލީގުގައި ފަސް ގޯލު ޖަހައިފައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ