ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ސިލްވާ ޕާޓްނަރަކަށް ގިޒްމޯއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ގިޒްމޯއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ އިވެންޓްގައި ގިޒްމޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ވިޝާއު މުހައްމަދެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް ރާވާ ހިންގާ، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް މުހައްމަދު ނިހާން (ޑޮނީ) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޕާޓްނަރެއްގެ ގޮތުގައި ޖެހިޖެހިގެން ދެވަނަ އަހަރަކަށް ސޮއިކުރެވުމާއެކު ގިޒްމޯގެ ފަރާތުން ވިޝާއު ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖާއެކު މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ޓީމަކީ ވަރަށް މަސައްކަތް ކުރަން ފަސޭހަ ޓީމަކަށްވެފައި، ރާއްޖޭގައި ބޭއްވީ އެންމެ ބޮޑު ފުޓްސަލް މުބާރާތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ކަމަށްވާ އިރު، އެ މުބާރާތުގެ ޕާޓްނާއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ގިޒްމޯއަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ވިޝާއު ވިދާޅުވިއެވެ.
އޭގެ އިތުރުން ވިޝާއު ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖެއަށް ވޯލްޑް ކަޕެއް ފަދަ މުބާރާތެއް ކަމަށާއި، އެ މުބާރާތަކީ ޕޮރޮޑަކްޓް އިޝްތިހާރު ކުރަން ލިބޭ ބޮޑު ފުރުސަތެއް ކަމަށެވެ.
"މިމުބާރާތަކީ މިހާރު ރާއްޖެއަށް ވޯލްޑް ކަޕެއް އައުން ކަހަލަ ކަމެއް. ރަށްރަށުގައި ބޮޑު ސްކްރީން އަޅުވައިގެން އެބަ ބަލަމުންދޭ. އަނެއްކާ ޔޫޓިއުބް މެދުވެރިކޮށްވެސް ބަރާބަރަށް އެތައް ބަޔަކު ބަލަމުން އެބަދޭ. ވަރަށް ރަނގަޅަށް ކަވަރު ވަމުންދާ މުބާރާތަކަށް މުބާރާތް ބާއްވާތީ، އަޅުގަނޑުމެން ޒުވާނުންނަށް ހާއްސަކޮށް ގެންގުޅޭ ޕްރޮޑަކްޓްތައް ވަރަށް ރަނގަޅަށް އިޝްތިހާރު ވެގެންދާ މުބާރާތެއް ގޯލްޑަން ފުޓްސަލް ޗެލެންޖަކީ،" ކޮލިޓީ ކޮމްޕިއުޓަރު ސާމާނުގެ އިތުރުން ތަފާތު އެކިއެކި އިލެކްޓްރޯނިކްސް ސަޕްލައިކޮށް ވިއްކަމުންދާ ގިޒްމޯގެ މެނޭޖިން ޑިރެކްޓަރު ވިޝާއު ފާހަގަކުރެއްވިއެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ގިޒްމޯއާއެކު ސޮއިކުރެވުމަކީ ލިބޭ އުފަލެއް ކަމަށާއި، ދެވަނަ ފަހަރަށް ގިޒްމޯއާއެކު ޕާޓްނާޝިޕް ހެދިގެން މި ދިޔައީ ކުރެވޭ އިތުބާރުގެ ސަބަބުން ކަމަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން މިއަހަރު ބޭއްވި މުބާރާތުގައި ޖުމުލަ 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެފައިވެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ކާމިޔާބު ކަމާއެކު ނިންމާލާފައިވާ އިރު، މުބާރާތުގެ ފައިނަލް މެޗަކީ ރެކޯޑް އަދަދަކަށް މެޗު ބަލަން ސަޕޯޓަރުން ހާޒިރުވި މެޗެކެވެ. އެ މެޗުގައި 2023 ވަނަ އަހަރު ޗެމްޕިއަން ލ. ގަން ބަލިކޮށް، ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދީ، ބ. އޭދަފުއްޓެވެ.
މިދިޔަ ދެ އަހަރު މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރި "ވަން ސްޕޯޓްސް" އިން ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކަވަރޭޖްވެސް ކިޔުންތެރިންނާ ހަމައަށް އެންމެ ފުރިހަމައަށް ގެނެސްދޭން ހާއްސަ ކަވަރޭޖެއް ގެނެސްދިނުމަށް ހަމަޖައްސައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް