ނިއުޔޯކުން ޕެރިހަށް ބޯޑިން ޕާސް ނެތި ދަތުރުކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ޑެލްޓާ އެއާލައިންސްގެ ފްލައިޓެއްގައި އެމެރިކާގެ ނިއުޔޯކުން ފްރާންސްގެ ޕެރިހަށް ދަތުރުކުރި އެ އަންހެންމީހާ ހައްޔަރު ކޮށްފައިވަނީ ޓިކެޓެއްވެސް އަދި ބޯޑިން ޕާހެއްވެސް ނެތި ފްލައިޓުގައި ދަތުރުކުރިކަން ފަޅާއެރުމުންނެވެ.

އެ އަންހެންމީހާ ވަނީ ފްލައިޓުގައި ހޭދަވީ ވަގުތުތަކުގައި ފްލައިޓުގައި ހުންނަ ފާހަނާގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.

އެމީހާ އެމެރިކާގެ އެންމެ ސަލާމަތީ ކަންކަން ވަރުގަދަ ޖޯން އޮފް ކެނެޑީ އެއާޕޯޓުގެ ސެކިއުރިޓީ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް އެންމެފަހުން ފްލައިޓަށް އަރައިގެން ދަތުރުކުރުމުން ގިނަ ބަޔަކަށް ވަނީ އެއާޕޯޓުގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދިފައެވެ.

އެއާޕޯޓުގެ އޮފިޝަލުން ވަނީ ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް އެމީހާ އުފުލާފައިވާ ކަމަށް ފާހަގަވެފައި ނުވުމުން އެމީހާ ފާސްކޮށްފައިވެސް ނުވާ ކަމަށް ބުނެފައެވެ.

ޑެލްޓާއިން ވަނީ އެ މީހާގެ މައުލޫމާތު ފަޅުވެރީން ކެޕްޓަނަށް ދިނުމުން ފްލައިޓު ޕެރިހަށް ޖެއްސުމަށްފަހު އެއްވެސް ފަސިންޖަރަކު ސީޓުން ނުތެދުވުމަށާއި ފަޅުވެރީން އަންގާ ގޮތަށް އަމަލުކުރުމަށް އެދިފައެވެ. އަދި ޕެރިހުގެ ފުލުހުން ވަނީ ފްލައިޓަށް އަރައި އެއަންހެންމީހާ ހައްޔަރުކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.