ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ފުލުހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ، ފުލުހަށާއި އޭސީސީއަށް ހުށަހެޅުއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު ރާގިބެވެ. އެ މައްސަލައިގެ ކުރިން އޭނާ ވަނީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާހިލާފަށް ކަަމަށްބުނެ އެ ރަށަށް ދީފައިވާ ސިޓީގެ ދަަރަޖަ ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

އެކަމާ ގުޅޭގޮތުން ރާގިބު "ވަން" އަށް މިރޭ ވިދާޅުވީ އެ މައްސަލަ ފުލުހަށާއި އޭސީސީއަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އެ ދެ މުއައްސަސާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ އަދި ރައީސް އޮފީހަށް ވެސް އަންނަ އާދީއްތަ ދުވަހު މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަނިކުފާނުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިންކަން އެ މަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 30 ގައެވެ.

ހައިކޯޓަށް މައްސަލަ ހުށަހެޅުއްވުމަށްފަހު ރާގިބް "ވަން" އަށް މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައިވަނީ، ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 މީހުން ހަމަވާ ނަމަ ކަމަށާއި ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އޭނާ ހޯދި މައުލޫމާތުގައި ތިނަދޫގެ އާބާދީއަކީ ހަތްހާހެއްހާ މީހުން ކަމަށް އެނގިފައިވާ ކަމަށެވެ. ތިނަދުއަށް ސިޓީއެއްގެ ދަރަޖި ދީފައިވަނީ އެ ރަށު ކައުންސިލުން ގެންގުޅުނު ސައްހަ ނޫން ލިސްޓަކަށް ބަލައިގެން ކަމަށްވެސް ރާގިބް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު މި މައްސަލަ ދިރާސާކުރި އިރު އެބަހުރި 30-40 ވަރަކަށް މަރުވެފައިވާ މީހުން ރަށުގެ އާބާދީގެ ގޮތުގައި ހިމަނާފައި. 30 އަހަރު ކުރިން މާލެއަށް ހިޖުރަކޮށްފައިވާ މީހުންވެސް އެބަހުރި ހިމަނާފައި. އަދި އެބަހުރި އެއް ނަމެއް ކިޔާ މީހަކު، އެ މީހާގެ އާންމު ނަމާއި ގޭގެ ނަމާއި މަންމަ އަދި ބައްޕަގެ ނަން އެއްގޮތް އެކަމަކު އައިޑީ ކާޑު ނަންބަރު ތަފާތު. އެގޮތަށް އެކެއްގެ ނަމުގައި ވަރަށް ގިނައިން އެބަހުރި. މިއީ ބޮޑު އޮޅުވާލުމެއް،" ރާގިބް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާ ކަމަށް ޑީއެންއާރުގެ މައުލޫމާތު ނުދައްކާއިރު އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެވިގެން ނުވާނެ ކަމަށެވެ. ކުރީ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ސިޔާސީ ގޮތުން މަންފާތަކެއް ހޯދަން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭ ގޮތުންވެސް ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ މި އަހަރުގެ މާޗު މަހުގެ 18 ގައި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައެވެ.

ރާގިބު ހައިކޯޓަށް އެ މައްސަލަ ހުށަހެޅުއްވުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ސަރުކާރުން ވަނީ އޭނާ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކިކޮށްފައެވެ.