ފޯނުތަކެއް ވަގަށް ނެގުމަށްފަހު އަލަމާރިއެއްގެ ތެރޭގައި ފިލާ އޮތް މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ސީސަންވިލާ، އާދަމް މުހައްމަދު (33އ) އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ވައްކަންކުރުމުގެ ކުށުގެ ތުހުމަތުގައާއި ހުއްދަނެތި ތަންތަނަށް ވަނުމުގެ ކުށުގެ ތުހުމަތުގައެވެ.
ފުލުހުން ވަނީ އާދަމް މުހައްމަދު ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ކޯޓުގައި ފުލުހުން ބުނީ ތުހުމަތުކުރެވޭ ފަރާތުން ދަންވަރުގެ ވަގުތެއްގައި ގެއަކަށްވަދެ ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެގޮތުން ފުލުހުން ވަނީ އޭނާ ވައްކަން ކުރަން ގެއަށް ވަންނަ މަންޒަރާއި ގޭތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ސްނެޕްޝޮޓްތަކެއް ހުށަހަޅައިފައެވެ.
ފުލުހުން ބުނީ ތުހުމަތުކުރެވޭ ފަރާތުން ދެ ފޯނު ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެއީ 15،000 ރުފިޔާއަށްވުރެ އަގުބޮޑު ދެ ފޯނެވެ.
"ކޯޓު އަމުރެއްގެ ދަށުން މީނާ ހައްޔަރުކުރަން ދިޔުމުން މީނާ އެވަގުތު ހުރި ގޭގެ އަލަމާރިއެއްގެ ތެރެއަށް ވަދެ ބޮލުގައި ކަޅު ކޮތަޅެއް އަޅުވައިގެން ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައިވޭ،" ފުލުހުން ބުންޏެވެ.
އާދަމް މުހައްމަދު ކޯޓުގައި ބުނީ މައްސަލައިގެ ތަހުގީގަށް ހަނު ބަޔާނެއް ދީފައިވާނެ ކަމަށެވެ. ހަނު ބަޔާނެއް ތަހުގީގަށް ދިނީ މައްސަލައިގެ އައިއޯ "އަވަސްކޮށްލާށޭ..... ހަނު ބަޔާނެއް ދޭށޭ" ބުނުމުން ކަމަށް ތުހުމަތުކުރެވޭ ފަރާތުން ބުންޏެވެ. ބަންދާ މެދު ގޮތެއް ނިންމާ އިރުވެސް ދިފާއުގައި ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.
އެ ވާހަކަަތައް އަޑުއެހުމަށްފަހު ގާޒީ ސަފްއަތު ހަބީބު ވަނީ އާދަމް މުހައްމަދު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
އޭއީ އެނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކުރިމަތިވެދާނެތީއެވެ. ކޯޓު އަމުރުގައިވާ އާދަމް މުހައްމަދަކީ ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑް ގިނަ އަދަދަކަށް އޮތް މީހެކެވެ.
އެގޮތުން ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅިގެން އާދަމް މުހައްމަދު 45 ހައްޔަރުކޮށް 27 ފަހަރު ބަންދުކޮށްފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު